މަސްވެރިންގެ އަތުން މިފްކޯއިން މަސް ގަންނަ އަގު އަދި ބަދަލުނުކުރަނީ ދުނިޔޭގެ ބަޒާރުގައި ކަނޑުމަހުގެ އަގު އަދި އުފުލިފައި ނުވާތީކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.
މިފްކޯއިން ބުނީ މަސް ގަންނަ އަގު ބަދަލުކުރި ދުވަސްވަރަކީ މަސްވެރިކަން ވެސް ވަރަށް ބޮޑަށް ދަށްވެފައިވާ ދުވަސްވަރެއް ކަމަށެވެ.
އެހެންވެ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށަށް ގޮސްފައިވީ ނަމަވެސް، މިފްކޯއިން މަސައްކަތްކޮށްފައިވާނީ މަސް ގަންނަ އަގު ދަށް ނުކޮށް ހިފަހައްޓަން ކަމަށް ބުނެފައިވެއެވެ.
އެގޮތުން ދުނިޔޭގެ ބާޒާރުގައި އަގު ދަށްވި މިންވަރަށް، މިފްކޯއިން މަސް ގަންނަ އަގަށް ބަދަލު ނުގެނެސް، 16 ރުފިޔާގެ ރޭޓުން މިފްކޯއަށް މަސް ކިރުމަކީ ދެމެހެއްޓެނިވި ކަމެއް ނޫންކަމަށް މިފްކޯއިން ބުންޏެވެ.
ނަމަވެސް ކުންފުނިން މަސައްކަތްކުރަނީ ބާޒާރުގައި މަހުގެ އަގު ރަނގަޅުވަންދެން 16 ރުފިޔާއަށްވުރެ ދަށް ނުވާގޮތަށް އަގު ހިފެހެއްޓުމަށްފަހު އަގު މައްޗަށް ޖެހުމުން، މަސްވެރީން އަތުން ރަނގަޅު އަގުގައި ކޮލެޓީ މަސް ގަތުމަށް ކަމުގައި މިފްކޯއިން ބުންޏެވެ.
ދުނިޔޭގެ ބާޒާރުގެ އަގުތައް ބެލުމުގައި ގެންގުޅޭ މޮޑެލްތަކަށް ރިއާޔަތްކޮށް، މަހުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެކުންފުނިން ހިފަން ނިންމާފައިވާ ކަމަށާއި، މިފްކޯއިން ދަނީ ކަމާގުޅޭ ފަރާތްތަކާއިއެކު އެކަމުގެ މަޝްވަރާ ބައްދަލުވުންތައް ބާއްވަމުން ކަމަށް ވެސް ބުންޏެވެ.
މިއަހަރު މިފްކޯއަށް މަސް ކިރުވި އަދަދު، ވޭތިވެދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 42 ޕަސެންޓުން ވަނީ ދަށްވެފައެވެ. މި ދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ވަރަށް ދަށްވެފައިވާއިރު، ގަނޑުކުރި ކަނޑުމަހުގެ ޝިޕްމަންޓުތަކުގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފައިކަމަށް މިފްކޯއިން ބުންޏެވެ.
މީގެ ކުރިން ވެސް އެވްރެޖުކޮށް 16 ރުފިޔާގެ ރޭޓުން މިފްކޯއިން މަސް ގަންނަމުން ދިޔައިރުވެސް ސަރުކާރުން މަހެއްގެ މައްޗަށް 20 މިލިއަނާއި 25 މިލިއަނާ ދެމެދުގެ އަދަދެއް ސަބްސިޑީގެ ގޮތުގައި މިފްކޯއަށް ދިން ކަަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
އަދި މިހާރުވެސް މަހުގެ އަގު ވަކި މިންވަރެއްގައި ހިފެހެއްޓުމަށް ކުންފުންޏަށް ސަރުކާރުގެ ސަބްސިޑީ ބޭނުންވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެހެންކަމުން، ސަރުކާރުގެ ކޭޝްފްލޯއަށް ދިމާވެފައިވާ ދަތިކަމާއި، މަސްވެރިކަން ހީނަރުވުމުގެ ސަބަބުން ކުންފުނީގެ ކޭޝްފްލޯއަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހިފައިވާ ކަމަށް ވެސް މިފްކޯއިން ފާހަގަކުރިއެވެ.
މަސްވެރިކަން ހީނަރު ނަމަވެސް މަސްވެރީން މަހަށް ފުރުމަށް ހިތްވަރު ދިނުމުގެ ގޮތުން މިފްކޯއިން އަންނަނީ ތެލާއި އައިސް ކްރެޑިޓަށް ފޯރުކޮށްދިނުމާއި، މަސްވެރީންނަށް ނުދެވި ހުރި ފައިސާ ހޯދައި، ޚަލާސްކުރުމާއި، މިހާރު ލިބޭ ބިލްތަކަށް އަވަސް މުއްދަތެއްގެ ތެރޭގައި ފައިސާ ދެވޭނެ ގޮތްތައް ހޯދަމުންނެވެ.