ލޭނު މަސްވެރިކަން ކުރުމުގެ ގަވާއިދަށް ހިޔާލު ހޯދުމަށް ހުޅުވާލައިފި

ރީނދޫ އުރަހަ ކަންނެލި: ލޭނު މަސްވެރިކަން ކުރުމުގެ ގަވާއިދަށް ހިޔާލު ހޯދުމަށް ވަނީ ހުޅުވާލާފައި -- ފޮޓޯ/ ޕީއެސްއެމް

ލޭނު މަސްވެރިކަން ކުރުމުގެ ގަވާއިދަށް ޚިޔާލު ހޯދުމަށް ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ފިޝަރީސް މިނިސްޓްރީން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އެގަވާއިދާމެދު އެއްވެސް ޚިޔާލެއްވާނަމަ މި މަހުގެ 18 ވާ އާދިއްތަ ދުވަހުގެ 12:00ގެ ކުރިން މިނިސްޓްރީގެ އީމެއިލް [email protected] އަށް މެއިލް ކޮށްދިނުމަށް އެދިފައެވެ.

ލޭނު މަސްވެރިކަމުގެ މި ގަވާއިދަކީ "ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު"ގެ ތިން ވަނަ މާއްދާގެ ދަށުން ފިޝަރީސް މިނިސްޓްރީއަށް ލިބިދޭ އިޚުތިޔާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.

މި ގަވާއިދުގައި ވާގޮތުން ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލައިސަންސް ދެވޭނީ، ހަމައެކަނިި ރީނދޫ އުރަހަ ކަންނެއްޔާއި ލޯބޮޑު ކަންނެލި ބޭނުމަށެވެ. އަދި ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަމުގައި ބޭނޭ ބައިކެޗްގެ ބާވަތްތަކާ މެދުވެސް އަމަލުކުރެވޭނީ، މި ގަވާއިދުގެ ދަށުން ބޮޑުކަންނެލީގެ ބާވަތްތަކާމެދު އަމަލުކުރެވޭ ގޮތަށެވެ.

މި ގަވާއިދުގެ ދަށުން ލޭނު އަޅައިގެން ބޮޑުކަންނެލި ރާއްޖެއިން ކޮންމެ އަހަރަކު ބާނަންވީ މިންވަރުގެ ޖުމުލަ ކޯޓާ ކަނޑައެޅުމުގެ އިޚުތިޔާރު ފިޝަރީޒް މިނިސްޓްރީއަށް ލިބިގެންވެއެވެ.

ރާއްޖޭގައި ބޮޑުކަންނެލީގެ ލޭނު މަސްވެރިކަމަށް ފުރަތަމަ ހުއްދަ ދޭން ފެށީ 2012ގައިއެވެ. ނަމަވެސް 2019ގައި ވަނީ ލޭނު މަސްވެރިކަމަށް ލައިސެންސް ދޫކުރުން ހުއްޓާލައިފައެވެ.

ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނު އެޅުން ހުއްދަ ކުރުމާ ގުޅޭ ގޮތުން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ.

https://sun.mv/192928

އެ ޔޫނިއަނުން ބުނެފައިވަނީ އެ ހުއްދަ ދިނުމުން، މަދު ކުންފުނިތަކަކުން ބޭރުގެ އަދި ކުންފުނިތަކުގެ ލޭނު ބޯޓުތައް މެދުވެރިކޮށް ބޭރުކަނޑުން ގިނަ އަދަދެއްގެ ކަންނެލި ހޯދުމާއި، ކަނޑުމަތިން އެއްބޯޓުން އަނެއްބޯޓަށް މަސްގަނެ ވިއްކައި، އަދި ކަންނެލި ލިބޭ މިންވަރު އިންތިހާއަށް އިތުރުވާނެ ކަމަށެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ދިވެހިންގެ ކަންނެލި އޮޑިތަކުން ބާނާ ކަންނެލީގެ ޑިމާންޑް ދަށްވެ، އޭގެ އަގު އިންތިހާއަށް ދަށްވާނެ ކަމަށް ވެސް ކަންނެލި މަސްވެރީންގެ ފަރާތުންވަނީ ބުނެފައެވެ.

comment ކޮމެންޓް