ކައުންސިލްތަކުން ރަނގަޅު ނަތީޖާއެއް ނިކުންނާނީ އެ ކައުންސިލްތަކަށް ރަނގަޅު ބަޔަކު އިންތިޚާބުވެގެން ކަމުގައި ސިޓީތަކާއި އިދާރީ ހިންގުންތަކާ ހަވާލުވެ ހުންނެވި ވަޒީރު އާދަމް ޝަރީފް އުމަރު މިރޭ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ކައުންސިލްތަކުން ރަނގަޅު ޚިދުމަތްތައް ފޯރުކޮށްދެވޭނީ ރަނގަޅު ހެޔޮލަފާ އަދި ތައުލީމީ ޖީލެއް އުފެއްދިގެން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އަދި އެފަދަ ބަޔަކު ކައުންސިލްތަކަށް ގޮސްގެން ނޫނީ ރަނގަޅު ނަތީޖާއެއް ނުނިކުންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިހާރު އޮތް ކައުންސިލްތަކުގެ ބޭފުޅުންގެ ދައުރު ނިމުމާ ގާތަށް ދާއިރު އެބޭފުޅުންނަށް އިންވެސްޓުކުރަން ޖެހެނީ ހަމައެކަނި މިވަގުތައް ކޮންމެހެން ބޭނުންވާ ތަމްރީންތަކަށް އެކަނި ކަމަށެވެ.
ނަމަވެސް މުސްތަގުބަލުގައި އަލަށް ކައުންސިލްތަކަށް އިންތިޚާބުވާ ފަރާތްތަކަށް ހިންގުމުގެ ދާއިރާއިން ބޭނުންވާ ހުނަރުތަކާއި އޮރިއެންޓޭޝަން ޕްރޮގްރާމްތައް ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިއުމަށް ރާވާނެކަމުގައި ވަޒީރު ވަނީ ވިދާޅުވެފައެވެ.
"ކައުންސިލްތަކުގަ މަސައްކަތްކުރާ ކައުންސިލަރުން ވެސް އަދި މަސައްކަތްކުރައްވާ އިދާރީ ބޭފުޅުންނަށް ވެސް އަޅުގަނޑުމެން ޚާއްސަކޮށް ޕްރޮގްރާމްތައް ގެންދާނަން." ވަޒީރު ވިދާޅުވިއެވެ.
އަދި މިކަމުގައި ވިސްނުން ހުރީ ކުރިއަށް އޮތް ތަނުގައި ލާމަރުކަޒީ ނިޒާމަށް އަންނަ ބަދަލުތަކާއެކު އެ ކަންކަމުގެ އަލީގައި މަސައްކަތްތައް ތަރުތީބު ކޮށްގެން ކުރިއަށް ގެންދިއުން ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.