މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި ފުލުހުން 143 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގެންފައިވާ ކަމަށް ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޔުނިޓުގައި އިސްކޮށް ހުންނަވާ ސުޕްރިންޓެންޑެންޓް ނާހިދު ހުސައިން މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލައަކާ ގުޅޭ ގޮތުން ކަސްޓަމްސްއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާހިދު ވިދާޅުވީ މިއަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި އެވަރެޖުކޮށް މަހަކަށް 10 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އެގޮތުން އެ މުއްދަތުގައި ޖުމްލަ 62 ކިލޯގެ މަސްތުވާތަކެތި ހޯދައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނާހިދު ހިއްސާކުރެއްވި ތަފާސްހިސާބުން ދައްކާ ގޮތުގައި ފުލުހުން އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 130 މިލިއަން ރުފިޔާއަށް އަރާއިރު ބަނގުރަލުގެ އަގު 12.4 މިލިއަނަށް އަރައެވެ.
"މި ސްޓެޓްސްއަށް ބަލާއިރު ވެސް މަސްތުވާތަކެއްޗަކީ އަޅުގަނޑުމެން އެންމެ ބޮޑަށް ސަމާލުކަންދީގެން މަސައްކަތް ކުރަން ޖެހިފައިވާ މައްސަލަކަން ފާހަގަކުރެވޭނެ. އަދި އަޅުގަނޑުމެންނަށް އަތުލެވޭ މިންވަރު ވެސް އެކި ފަހަރު އެކި އަހަރު އެކި އަދަދުތަކުން މި ހުންނަނީ،" އޭނާ ވިދާޅުވިއެވެ.
އެ ތަފާސްހިސާބުން ދައްކާ ގޮތުގައި ފުލުހުން އަތުލައިފައިވާ ތަކެތީގެ ތެރޭގައި:
- ބަނގުރާ ފުޅި/ ދަޅު - 6،200
- ވޭޕް އަދި ކާޓްރިޖް - 95
- އެލްއެސްޑީ އަދި އެހެނިހެން ޕާޓީ ޑުރަގު - 40
- މަނާ ބޭސް - 982
- ދިވެހި ފައިސާ - 2،572،069
- ޑޮލަރު - 13،909
- ޔޫރޯ - 145
- ޓީ ކުރި ވެހިކަލް - 27
މީގެ އިތުރުން ނާހިދު ވިދާޅުވީ، މިއަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި 116 ބިދޭސީން ޑީޕޯޓް ކޮށްފައިވާ ކަމަށެވެ.
"މި ވެސް އަޅުގަނޑުމެންނަށް މިކަމުގައި ލިބިގެންދިޔަ ރަނގަޅު ހައްލެއްކަން އަޅުގަނޑު ފާހަގަކޮށްލަން،" އޭނާ ވިދާޅުވިއެވެ.
މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ، މިދިޔަ ބުދަ ދުވަހު ރާއްޖެ އައި ޕާކިސްތާން މީހެއްގެ އަތުން ދެ މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ބުނެފައެވެ.
އެ މައްސަލައިގައި ޕާކިސްތާނު މީހާގެ އިތުރުން ދެ ދިވެހިން ހައްޔަރުކޮށް، ތިން މީހުންގެ ބަންދަށް ވެސް 15 ދުވަސް ޖަހައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ރާއްޖޭގައި އިޖުތިމާއީ އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށްވާއިރު، ފުލުހުން މިދިޔަ މަހު އިފުތިތާހު ކުރި ސްޓްރެޓީޖިކް ޕްލޭންގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދޭނީ ޑުރަގާއި ގޭންގު ކުށްތައް ހައްލު ކުރަން ކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.