ރޮމޭނިއާ ބަލިކޮށް ބެލްޖިއަމަށް އުއްމީދެއް

ޔޫރޯ 2024 ގެ ގްރޫޕް އީގައި ރޮމޭނިއާ ބަލިކޮށް ހޯދި ތިން ޕޮއިންޓާ އެކު ބެލްޖިއަމަށް މުބާރާތުގައި ކުރިއަށްދިއުމުގެ އުއްމީދު އާވެއްޖެއެވެ.

ބެލްޖިއަމްއިން ރޮމޭނިޔާ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ރޮމޭނިއާ އަތުން ހޯދި ޕޮއިންޓާ އެކު ކޮންމެ ޓީމެއް ދެ މެޗު ކުޅެ ނިމުނުއިރު ގްރޫޕް އީގެ ހަތަރު ޓީމަށް ވެސް ވަނީ ތިން ޕޮއިންޓު ލިބިފައެވެ.

މެޗު ފަށައިގެން ދެވަނަ މިނިޓްގައި ބެލްޖިއަމުން ވަނީ ލީޑު ނަގާފައެވެ. ލުކަކޫ ޖައްސާލި ބޯޅަ ތިރިތިރިން ގޯލްގެ މެދަށް ފޮނުވާލައިގެން އެ ޓީމަށް ލީޑު ނަގައިދިނީ ޔޫރީ ޓިއަލްސްމަންއެވެ. އޭގެ ފަހުން ވެސް ޓިއެލްސްމަންއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ފުރަތަމަ ހާފުގައި ލިބުނެވެ.

ބެލްޖިއަމްގެ ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގައެވެ. ކެވިން ޑިބްރޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ 79 ވަނަ މިނެޓުގައެވެ. އޭނާ ތިރިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ކަނަށެވެ.

މެޗުގައި ލުކަކޫ ލަނޑެއް ޖަހާ އުފާފާޅުކުރިއެވެ. ޑި ބްރޭނާ ކުރިއަށް ދިން ބޯޅަ ލުކަކޫ އެއްފަހަރުން ގޯލަށް ފޮނުވާލި ނަމަވެސް ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. މީގެ އިތުރުން ވެސް ދެ ހާފްގައި ލުކަކޫއަށް ލަނޑު ޖަހަން ފުރުޞަތު ލިބުނެވެ.

ފުރަތަމަ ހާފްގައި ރޮމޭނިޔާއިން އެންމެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރީ ރާޑޫ ޑްރަގޫސިންއެވެ. އޭނާ ފޮނުވާލި މޮޅު ބޯޅައިގެ ހުރަހަކަށްވީ ކީޕަރެވެ.

މި ނަތީޖާއާ އެކު ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުތައް ވާދަވެރިވާނެއެވެ. މި ގްރޫޕުގައި ހިމެނޭ ހަތަރު ޓީމަށް ވެސް ދެވަނަ ބުރުގެ ފުރުސަތު އެބައޮތެވެ. ފަހު މެޗުގައި ބެލްޖިއަމް ނުކުންނާނީ ޔުކްރެއިންއާ ދެކޮޅަށެވެ. ރޮމޭނިޔާ ވާދަކުރާނީ ސްލޮވާކިޔާއާއެވެ.

comment ކޮމެންޓް