ރޮނާލްޑޯގެ އިތުރު ރެކޯޑަކާއެކު ޕޯޗުގަލް ދެވަނަ ބުރަށް

ކްރިސްޓިއާނޯ ރޮނާލްޑޯގެ އެސިސްޓަކާއެކު ޔޫރޯ 2024 ގައި ތުރުކީ ފަސޭހަކަމާއެކު ބަލިކޮށް ޕޯޗުގަލް މުބާރާތުގެ ގަދަ 16 ބުރުން ޖާގަ ކަށަވަރުކޮށްފިއެވެ.

ޕޯޗްގަލް މެޗު ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޕޯޗުގަލުން ލީޑު ނެގި ލަނޑު ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބެނާޑޯ ސިލްވާއެވެ.

ތުރުކީން ފަހަތުން ހެދި ގޯހަކުން ޕޯޗުގަލްގެ ދެވަނަ ލަނޑު ފެނިގެންދިޔަ އެވެ. މިއީ ގޯލްކީޕަރަށް ޖައްސާލި ބޯޅައެއް ކީޕަރަށް ނުލިބި ގޯލުތެރެއަށް ވަދެފައިވާ ބޯޅައެކެވެ. މި ލަނޑު ވަދެފައިވަނީ މެޗުގެ 28 ވަނަ މިނެޓުގައެވެ.

މެޗުގެ ދެވަނަ ހާފްގައި ޕޯޗުގަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނެވެ. އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ މެޗުގެ 56 ވަނަ މިނިޓްގައި ބުރޫނޯ ފެނާންޑޭޒް ޖެހި ލަނޑުންނެވެ. މި ލަނޑު ޖެހުމަށް އެހީތެރިވީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

އެ ބޯޅަ ޖެހުމަށް ރޮނާލްޑޯއަށްވެސް ފުރުސަތު އޮތެވެ. ނަމަވެސް އެވަގުތުކޮޅު ވެސް ރޮނާލްޑޯ ވިސްނީ އަމިއްލަ އެދުމެއް ނެތި އެހެން ކުޅުންތެރިއަކަށް ލަނޑު ޖަހަން މަގު ފަހިކޮށްދިނުމަށެވެ.

ބްރޫނޯ ފެނާންޑޭޒްއަށް ދިން މި އެސިސްޓާއެކު ރޮނާލްޑޯ ވެފައިވަނީ ޔޫރޯގައި އެންމެ ގިނަ އެސިސްޓްކުރި ކުޅުންތެރިޔާ އަށެވެ. މިއީ ޔޫރޯގައި ރޮނާލްޑޯގެ 8 ވަނަ އެސިސްޓެވެ. މިހާތަނަށް ރޮނާލްޑޯ ވަނީ ޔޫރޯގައި 14 ލަނޑު ޖަހާފައެވެ.

މި ނަތީޖާއާއެކު މުބާރާތުގެ ގްރޫޕް އެފުން ދެވަނަ ބުރުގެ ޖާގައެއް ޕޯޗުގަލްއަށް ވަނީ ޔަގީންވެފައެވެ. އެއީ ގްރޫޕުގައި ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްގެންނެވެ. ދެން މި ގްރޫޕުގައި ހިމެނޭ ޗެކްރިޕަބްލިކާއި ޖޯޖިއާ އޮތީ ޕޮއިންޓަކާ އެކުއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް