‎ޖޯޖިއާއާއި ޗެކް އެއްވަރު ވުމުން ދެވަނަ ބުރުގެ ފުރުސަތު ހަނިވެއްޖެ

ޔޫރޯ 2024 ގެ ގްރޫޕް އެފްގައި ޖޯޖިއާއާއި ޗެކް ރިޕަބްލިކް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

ހެމްބާގުގައި ކުޅުނު މި މެޗު އެއްވަރުވުމާއެކު މި ދެ ޓީމަށްވެސް ވަނީ ގްރޫޕުގެ އެއްވަނަ އަދި ދެވަނަ ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް ހުރަސްއެޅިފައެވެ. އެއާއެކު މި ދެޓީމަށްވެސް ވަނީ ދެވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިފައެވެ.

ދެ ޓީމު ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފައެވެ. އެގޮތުން ޕޯޗުގަލް އަތުން ޗެކް ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. އަދި މުބާރާތުގައި އަލަށް ވާދަކުރާ ޖޯޖިޔާ ބަލިވީ ތުރުކީ އަތުން 3-1 ގެ ނަތީޖާއަކުންނެވެ.

މެޗަށް ނުކުތްއިރު، ދެ ޓީމަށް ވެސް އޮތީ މޮޅުވާން މަޖުބޫރުވެފައެވެ. ބަލިވެއްޖެނަމަ، ހަނި ފުރުސަތަކުން ނޫން ގޮތަކަށް ދެން ދެ ޓީމަށްވެސް ގަދަ 16 އަށް ދާން އުނދަގޫވާނެކަން އެނގި ތިބެ ދެ ޓީމުންވެސް ނުކުތީ އުންމީދެއް ހޯދުމަށެވެ.

މެޗު ފަށައިގެން ޗެކް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މަތިން ގިނަ ބޯޅަތަކެއް އޭރިއާ ތެރެއަށް ފޮނުވިއިރު، މި މެޗުގެ މެޗުގެ 23 ވަނަ މިނެޓުގައި އެޑަމް ލޮޒެކްއަށް ރަނުގެ ފުރުސަތެއް ގޯލު އޭރިއާ ތެރެއިން ލިބުނެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އޭގެކުރިން ލޮޒެކްގެ އަތުގައި ބޯޅަ ޖެހުނު ކަމަށެވެ.

އެއަށްފަހު ދެން ފެނުނީ ޖޯޖިއާގެ މޮޅު ކުޅުމެވެ. އަވަސް ކުޅުމެއް އެ ޓީމުގެ ފަރާތުން ފެނުނުއިރު، ފުރަތަމަ ހާފުގެ އެންމެ ފަހުކޮޅު ކާމިޔާބުކުރި ލަނޑާއެކު ޖޯޖިއާ އިން ނިންމާލީ ހިތްހަމަޖެހުމާއެކު އެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ކަހަލަ ގޮތަކަށް، ޖޯޖިއާއަށް ލިބުނު ހިލޭ ޖެހުމުގެ ތެރެއިން ޕެނަލްޓީ އޭރިއާ ތެރޭ ހުރި ޗެކްގެ ރޮބިން ރަނެކްގެ އަތުގައި ބޯޅަ ޖެހުމުން، ވީއޭއާރްއަށް ބެލުމަށްފަހު ރެފްރީ ޖޯޖިއާއަށް ޕެނަލްޓީއެއް ދިނެވެ. ޖޯޖިއާއަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޖޯޖެސް މިކައުޓަޑްޒޭ އެވެ.

ދެވަނަ ހާފަށް ނުކުމެ ޖޯޖިއާއިން ފުރަތަމަ ރަނގަޅަށް ކުޅެގަތް ނަމަވެސް، 59 ވަނަ މިނެޓުގައި ޗެކުން އެއްވަރުކުރިއެވެ. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ޗެކަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޝިކެވެ. ނަމަވެސް މާގިނައިރުތަކެއް ނުވަނީސް ޝިކްއަށް އަނިޔާވެ ދަނޑުން ބޭލިއެވެ.

މުބާރާތުގައި ޗެކް ރިޕަބްލިކަށް ދެން އޮތީ ރޮމޭނިއާ އާއި ދެކޮޅަށް އޮތް މެެޗެވެ.

ގުޅޭ ޓެގު
comment ކޮމެންޓް