ޕޮލެންޑަށް ފުރުސަތު ހަނިވެ، އޮސްޓްރިއާ އަށް ފުރުސަތު ބޮޑުވެއްޖެ

--

ޔޫރޯ 2024 ގެ ގްރޫޕް ޑީގައި މިރޭ ޕޮލެންޑާއި ދެކޮޅަށް ކުޅުނު މެޗު އޮސްޓްރިއާ އިން ކާމިޔާބުކޮށްފިއެވެ.

ބާލިންގައި ކުޅުނު މި މެޗު އޮސްޓްރިއާއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު ދެ މެޗުން ތިން ޕޮއިންޓް އޮސްޓްރިއާއަށް ލިބި އެޓީމަށް ވަނީ ގަދަ 16 ބުރަށް ދިއުމުގެ އުއްމީދު އައުވެފައެވެ.

މި ނަތީޖާއާއެކު ޕޮލެންޑަށް ދެ މެޗުން ޕޮއިންޓެއް ނުލިބި، އެޓީމު އޮތީ މުބާރާތުން އަލްވަދާއު ކިޔުމާ ގާތުގައެވެ. އަމިއްލަ ބާރެއް އެ ޓީމަކަށް މިހާރު ނެތެވެ.

މެޗާއި ކުރިމަތިލިއިރު ޕޮލެންޑް އޮތީ ފުރަތަމަ މެޗުގައި ނެދަލޭންޑްސް ކައިރިން 2-1 އިން ބަލިވެފައެވެ. އޮސްޓްރިއާވެސް އޮތީ ފުރަތަމަ މެޗުގައި ފްރާންސް އަތުން ބަލިވެފައެވެ.

މި މެޗުގައި ލެވަންޑޯސްކީ ވަނީ ދެވަނަ ހާފުގައި ކުޅެން އަރާފައެވެ. އޭނާ އެނބުރި އައީ ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރެފައެވެ.

މެޗުގެ ނުވަވަނަ މިނެޓުގައި އޮސްޓްރިއާއިން ލީޑު ނެގިއެވެ. ފިލިޕް މުވޭނީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން އޮސްޓްރިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ގާނޮޓް ޓްރައުނާއެވެ.

ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން ޕޮލެންޑުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. އެގޮތުން 30 ވަނަ މިނެޓުގައި ޕޮލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކްރީސްޓޮފް ޕިއަޓެކެވެ.

އޭނާ އެ ގޯލު ކާމިޔާބުކުރީ ޔޭން ބެޑްނަރެކް ފޮނުވާލި ހަމަލާއެއް އޮސްޓްރިއާ ޑިފެންޑަރު ގާނޮޓް ޓްރައުނާ ބްލޮކްކުރުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުންނެވެ.

މެޗުގެ ދެވަނަ ހާފުގައި އޮސްޓްރިއާއިން ޕެނަލްޓީ އޭރިއާ ތެރެއިން ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން އޮސްޓްރިއާ ލީޑު ނެގިއެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ކްރިސްޓޮފް ބައުމްގާޓްނާއެވެ.

މި ލަނޑު ޖެހިތާ ދިހަ މިނެޓް ފަހުން، މެޗުގެ 77 ވަނަ މިނެޓުގައި އޮސްޓްރިއާއަށް ޕެނަލްޓީއެއް ލިބި އެޓީމުން މެޗުގެ ލީޑު އިތުރަށް ފުޅާކުރިއެވެ. އޮސްޓްރިއާއަށް އެ ޕެނަލްޓީ ލިބުނީ ހުސްކޮށް ހުރެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ނައްޓާލުމަށް މަސައްކަތްކުރަނިކޮށް، ސަބިޓްޒާއަށް ޕޮލެންޑް ކީޕަރު ސެޒްނީ ކުރި ފައުލަކާ ގުޅިގެންނެވެ. މި ޕެނަލްޓީ ކާމިޔާބުކުރީ އޮސްޓްރިއާ ކެޕްޓަން އާނަޓޮވިޗްއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް