"އެއްވެސް ކަަމަކާއި މާޔޫސްވެ ފިކުރުބޮޑުނުވާށެވެ. ހުރިހާ ކަމެއްގައި ﷲ ތައާލާއަށް ވަކީލުކުރާށެވެ. އަދި ދެރަވެ ފިކުރުބޮޑުވާކަމެއް ކުރިމަތިވެއްޖެނަމަ ނަމާދަށް އަވަސްވެގަންނާށެވެ. އޭރުން ހިތަށް ހަމަަޖެހުން ލިބޭނެއެވެ. ފަހަރެއްގައިވެސް ހަޔާތުގެ މަގުސަދު ހަނދާން ނައްތާނުލާށެވެ. ދުނިޔެއަށް ފޮނުއްވީ އަޅުކަން ކުރުމަށެވެ. މިއީ ވަގުތީ އުފަލެކެވެ. އަބަދަށް ދެމިިތިބެވޭނެ މަންޒިލެއް ނޫނެވެ."

***

ނޫން....އަހަރުމެން ދާނަން ކަނޑުފަތާފަ ވެސް.....ވަރަށް ރަނގަޅު ކަމެއް ތިކުރީ....ހަނދާނުގަ ބަހައްޓާތި ބަލައި ބޮޑުކުރީ ކޮންބައެއް ކަން....ނަސީބެއްނު އެ ކައިލް އޭ ކިޔާ ފަގީރު މީހާ އާއި ނުއިންކަން....ބޭބެ ގެ ހިތްވަރުންނޭ މަންޖެ އަށް ތި ހިސާބަށް ތި އާދެވުނީ...." އަދީނާގެ އަޑު ހިމަވީ ލިބުނު އުފަލަކުންނެވެ. އަދި ފޯނު ކަނޑާލިއެވެ. އަހެދް ގެ ހިތް ބާރަށް ތެޅުނެވެ. އަދީނާ އާއި ނައީމު އައުމުން ހުރިހާ ކަމެއް ގޯސްވެދާނެ ކަމުގެ ބިރު ހިތުގައި އުފެދުނެވެ. އަދި އެގެއިން ކައިލް ފެނުމުން ވެސް ބޮޑު ޑްރާމާއަކަށް ވެދާނެއެވެ. އަހެދް އަށް ނޭވާ ލާންވެސް އުނދަގޫވިއެވެ. އަވަހަށް ބޭނުންވީ ބަގިޗާ އަށް ނިކުމެލުމަށެވެ. ތާޒާވައިކޮޅަކަށް ނަފުސް އެހާ ބޭނުންވި ވަގުތެއް ނާދެއެވެ.

" ހުރިހާ ކަމެއް ފެނަށް..." އަހެދް ހިތާ ހިތުން ކިޔާލެވުނެވެ. ބޭރަށް ނިކުތް ވަގުތު އެއްވެސް ސިޓިންގް ރޫމުންވެސް މީހެއްގެ ހިލަމެއް ނުވިއެވެ. ބަގީޗާ ތެރެޔަށް ނިކުމެލުމާއެކު ނޭފަތުގައި ޖެހުނީ ފިޔާތޮށި ފިނިފެންމަލުގެ ވަހެވެ. ރެއަކީ ހަނދުވަރު ދޭ ރެއެއް ނޫން ކަމުގައި ވިޔަސް ބަގިޗާ ދިއްލިފައިވީ އަލިގަދަ ބޮކިތަކުންނެވެ. އަހަދްގޮސް ވަނީ ބަގީޗާ ގެ ތަންކޮޅެއް އެތެރެއަށް ކާޕެޓް އަޅައިފައި އުނދޯލި ލައިފައި ހުރި ބަޔަށެވެ. އެ ތަނަކީ އެހާ ހާމަ ބޮޑު ތަނެއް ނޫނެވެ. ހަތަރު ފާރު ހެން މުޅި ތަން ނިވާ ވެފައިވީ މާ ގަސްތަކުންނެވެ. އުނދޯލި ބަހައްޓާފައި ހުރި ތަން ހުންނަނީ ފަނުން ހިޔާ ކޮށްފައި ޒަމާނީ ގޮތަކަށެވެ. ދެފަރާތް ހޯދާލުމަށްފަހު މޫނުގައިވާ ފޮތިކޮޅު ނަގާލައިފިއެވެ. ހަމަ ނޭވާ އެއް ލުމަށް ބޭނުންވާލެއް ބޮޑު ވެފައި ވާތީއެވެ. އަދީނާ އާއި ނައީމު އަށް އޭނަގެ ކައިވެންޏަށް ނާދެވޭނެ ގޮތެއް ރާވާލަންވެސް ބޭނުންވިއެވެ. މުރުތަސިމް މިހާ އަވަހަށް މިކަން ކޮށްފާނެ ކަމުގެ އުންމީދުގައި ނެތް އިރު އައްޒަހްރާވެސް އަދީނާ މެންނަށް ގުޅައި ޚަބަރު ދޭނެކަމުގެ އުންމީދެއް ނުކުރެއެވެ.

އަވަސް ފިޔަވަޅުތަކެއްގެ އަޑު ކައިރިން އިވެން ފެށުމާއެކު އޭނަ ސިހުނެވެ. އެމީހެއްގެ މޫނު ފެންނަން ހިނދުކޮޅެއް ނެގިއެވެ. އަހެދް ބޯ ދިއްކޮލާފައި ބަލައިލި އިރު ފެނުނީ ކައިލް އެވެ. އޭނަ ސިގިރޭޓެއް ރޯ ކޮށްލީ ވަށައިގެން ހޯދާލަމުންނެވެ. ސިގިރޭޓަށް ދަމާލައި ދުން ބުރުވާލީ އުނދޯލި ހުރި ބަޔަށް ވަންނަމުންނެވެ. ނުކުމެވުނީ އަހެދް ގެ ކުރިމައްޗަށެވެ. ކައިލް އަށް ވަގުތުން އެނބުރިލެވުނެވެ. އައި ކޮޅަށް ހިނގައިގަތެވެ.

"ވެއިޓް...ކައިލް....ދައްތަ އާއި ބޭބެ މިކޮޅަށް އެބަ އާދޭ...." އަހެދްއަށް ބުނެލެވުނެވެ. ކައިލް ގެ ފިޔަވަޅުތައް ހުއްޓުނެވެ. ފަސް އެނބުރި ލައިގެން ހުރީ އަހެދް އޭނާގެ މޫނު ނިވާ ނުކޮށް ހުރުމުންނެވެ. އަދި ކައިލް މިވަގުތު ވާހަކަ ދައްކަން އެންމެ ބޭނުން ނުވާ މީހަކީވެސް އަހެދް އެވެ. އެހެން މީހެއްގެ ފަރާތުން އަޑުއަހަން ބޭނުން ނުވަނީވެސް އަހެދް ގެ ވާހަކައެވެ. ނަމަވެސް ގޭތެރޭގައި އެ މައުޟޫ އަށް ވާހަކަ ނުދެކެވޭ ފަހަރެއް ނާދެއެވެ. އަދި ޖޫރީ ހާމަ ކުރި ވާހަކައިން އޭނަ ހުރީ ހާސްވެފައެވެ.

" އަހެދް ގެ ނިޔަތަކީ ކޮބައިތަ؟" ކައިލް ސުވާލުކުރިއެވެ. އެ އަޑުގައިވީ ރުޅި ވެރިކަމެވެ. އަނެއްކާ ވެސް ސިގިރޭޓު ދަމާލިއެވެ. އަހެދް ގެ ލޯ ބޮޑުވިއެވެ. އަނެއްކާ އޭނާގެ ރޭވުންތައް ކައިލް އަށް އެނގެނީބާއެވެ.

" އައި ޖަސްޓް ލަވް ހިމް.....ދައްތަ މެންނަށް ކައިލް ފެނިއްޖެއްޔާ..." އަހެދް އަޑު ތުރު ތުރު އެޅިއެވެ.

" ދެތިން ދުވަހުން މިހަކު ފެނިގެން ލޯބި ވެވޭތަ؟މި އާއިލާ އަކީ ދުވަހަކުވެސް ބަޔަކަށް އަނިޔާވެރި ވެފައި ވީ ބައެއް ނޫން....ހެޔޮ ބައެއް.....ކީޕް ޔޯ އިންޓެންޝަންސް ރައިޓް....އަހަރެން ފެނިގެން އުނދަގޫ ވާ ބަޔަކަށް އުނދަގޫ ވީ...އެއީ އަހރެންގެ މައްސަލައެއް ނޫން..." ކައިލް އަށް ހައްތަހާވެސް އަހެދް ގެ މަގްސަދާއި މެދު ސުވާލު ކުރެވެނީއެވެ.

" އާސީނާ އާއި މެދު ވިސްނާލީންތަ؟ދައްތަ މެން އައުމާއި އެކު ކައިލްގެ މާޒީވެސް އެންމެންގެ ކުރިމަތި ފާޅުވާނެ..." އަހެދް ރުޅި އައިސް ރަތް ވިއެވެ.

" އިޓްސް މައި ލައިފް....ޔޫ ސްޓޭއި އައުޓް އޮފް އިޓް....." ކައިލް އަތުގައި އޮތް ސިގިރޭޓު ބިންމައްޗަށް ވައްޓާލުމަށްފަހު ފައިން އަރާ ޗިސް ކޮށްލިއެވެ. އާސީނާ ގެ ނަން އަހެދްގެ ދުލުން އިވުމުން ރުޅި ގަދަވިއެވެ. ނަމަވެސް އަހެދް އެ ދެއްކީ ރަނގަޅު ވާހަކައެއްކަން އޭނާ އަށް ވެސް ގަބޫލުކުރެވެއެވެ. މީހެއްގެ ފަރާތުން އެނގުމަށް ވުރެ ކައިލް ގެ ފަރާތުން އާސީނާ އަށް މާޒީ އެނގުން މުހިންމެވެ.

" އެންޑް ޔެސް.....ވިތް ދަ ރައިޓް ޕާސަން....އިޓް ޓޭކްސް ލެސް ދޭން އަ ސެކަންޑް ޓު ފޯލް އިން ލަވް....އެންޑް ޔެސް ތިހާ ސިއްރުން ދުން އަރުވަން ޖެހޭނީވެސް ސަބަބެއް އޮތީމަތާ...." އަހެދް ބޭނުންވީ ކައިލް އަށް ގޮތް ދައްކާލުމަށެވެ.

" ތި މޮޔަ ފިލްމީ ޑައިލޮގް ކިޔައިދީ އެހެންމީހުންނަށް.....ކޮންމެ ކަމެއް ކުރިޔަސް އެއީ އަހެދް އާއި ބެހޭ ކަމެއް ނޫން...." ކައިލް ބާރު ހިނގުމުގައި އެތަނުން ދިޔައެވެ. އަހެދް ގެ ބުމަ ގޮށްޖަހާލެވުނެވެ. އަދި ކުދި ކިޔައިލިއެވެ. ފަހަތުން އެއްޗެއް ވެއްޓުނު އަޑު އިވުނެވެ. އަހެދް ބިރުން އަވަހަށް ތަން ހޯދާލެވުނެވެ.

"އީ....ބުޅަލެއް......ޗީޑި ދެން....." އަލަށް ވިހައިގެން އުޅޭ ބުޅާތަކައް ފެނުމުން އަހެދް އަށް ހަޅޭއްލަވައިގަނެވުނެވެ. އެވަގުތު ބާބިލް ދުވަމުން އައެވެ. ހީވަނީ ކައިރި ހިސާބެއްގައި ހުރެފައި އައި ހެންނެވެ. އެކުއްޖާ ބުޅާތައް އަތަށް ނެގިއެވެ. އެތަން ފެނި އަހެދް އަނގަ ހަދާލީ ފަކުރުންނެވެ.

" ޗީޑި ދެން.....ދެން ތި އަތުން ގޮސް ކާއެއްޗިހި ވެސް ހަދާނީ.....ބާބިލް ވެސް ދޯ....ހާދަ ޖާމްސް ހުންނާނެއޭ ދެން..." އަހެދް އޭނާގެ އަތް ވެސް ނޭފަތް މަތީ އެޅިއެވެ. ބާބިލް އެއްޗެއް ބުނަން ބޭނުންވިޔަސް ނުބުނީ އަހެދް ދާން ހިނގައިގަތުމުންނެވެ. އޭނަ ލޯބިން ބުޅާ ތަކުގައި ފިރުމަންފެށިއެވެ.

***

ޒަވިޔާރު ހުރީ މުރުތަސިމް ކޮޓަރީން ނިކުންނަންދެން އިންތިޒާރުގައެވެ. މިއަދު ދިމާވި ކަންތަކާއި ސުވާލު ކުރުމަށް ކެތްމަދުވެފައެވެ. ޖޫރީ ގެ ޚަބަރު ނޭނގޭ މީހެއް އެގެއަކު މިހާރު ނެތެވެ. އެންމެންގެ މޫނު މަތީންވެސް ފެންނަމުން ދިޔައީ އުފާވެރިކަމެވެ. އަންހެން ވެރީން އެމީހުން ގެ އަމިއްލަ ސައްލާ ކުރުމުގައި އަވަދިނެތި އުޅެއެވެ. މުރުތަސިމް ދޮރު ހުޅުވީ ޒަވިޔާ ޓަކި ޖަހާތާ އެތައް އިރެއްވީ ފަހުންނެވެ. ނިކުތް އިރު ހުރީ ޔުނިފޯމުގައެވެ. މޫނު މަތީގައިވީ ސާދާ ހިނިތުންވުމެކެވެ.

" ކިހިނެއްވީ......ބަރާބަރު އެކާވީސް ޓަކި ޖެހި....އޭގެ ކޮންމެ ޓަކި އަކަށް ސްޕްރޭއި ކޮށްލައިގެން......ސަޅި ވަހެއް ދޯ...." މުރުތަސިމް މަޖާވިއެވެ. ބޭނުންވީ ޒަވިޔާރު ދައްކަން އުޅޭ ވާހަކައިން ރެކިގަތުމެވެ.

" ވެގެން އުޅޭ ގޮތް ސިމް ކިޔައިދީ.....މިއަދު..." ޒަވިޔާ ވާހަކަ ފެށިއެވެ. މޫނު މަތީގައިވީ ސީރިޔަސް ކަމެވެ.

" ގަޑި ޖެހެނީ.....އެއަޕޯޓަށް ދާންޖެހޭ...." މުރުތަސިމް އަވަހށް އަތުކުރީގައި އޮތް ގަޑި ދައްކާލައި ލަސްވާ ކަމުގެ ބަހަނާ ދެއްކިއެވެ.

" އޯކޭ.....އޮން ދަ ވޭއި ޓެލް މީ އެބައުޓް އިޓް.....އައި ކޭން ޑްރައިވް ޔޫ..." ޒަވިޔާ ހުރީ ދޫ ދޭގޮތަކަށް ނޫނެވެ.

" ބްރޯ....ޔޫ ވިލް އޮންލީ ޑްރައިވް މީ ކްރޭޒީ.....ހަމަޖެހިލައިގެން މާދަން ވާހަކަ ދައްކާނީ...އޯކޭތަ؟" ޒަވިޔާ ގެ ކޮނޑުގައި ޖަހާލުމަށްފަހު އޭނަ ދާން ހިނގައިގަތެވެ. ޒަވިޔާރު ހުރީ ހިތްހަމަނުޖެހިފައި ވިޔަސް މުރުތަސިމް ގެ އެދުމަށް އެއްބަސްވުން ނޫން ގޮތެއް ނެތް ކަން އޭނާއަށް އެނގުނެވެ. ނަމަވެސް މުރުތަސިމް ހާސްކޮށްލައި ޖެއްސުން ކޮށްލުމަށް ޒަވިޔާ ގަސްތު ކުރިއެވެ. މުރުތަސިމް ސިޑިން ފައިބަމުން ދިޔަ ވަގުތު ޒަވިޔާ މަތީގައި ހުރެފައި ގޮވައިލިއެވެ.

" އެލީޒީ......" މުރުތަސިމް ގަނޑުވިއެވެ. އަދި ފަސްއެނބުރި ބަލައިލާ ޒަވިޔާރު އަށް ލޯ އަޅާލިއެވެ. ޒަވިޔާރު ގެ މޫނު މަތީގައިވީ ނުސިޔާނު ކަމެވެ. އަދި އަތުކުރީ ގަޑި ދައްކައިލާ ލަސްވާ ކަމަށް އިޝާރާތް ކުރިއެވެ. މުރުތަސިމް ލޯ ހަނިކޮށްލާފައި އަވަހަށް ނިކުންނަން ދިޔައެވެ.

" އެލީޒީ އެއީ ކާކު؟" ސުވާލުކުރީ އައްޒަހްރާ އެވެ.މަންމަ ނިކުތް ދިމާލެއްވެސް ޒަވިޔާ އަށް ނޭނގެއެވެ. ޒަވިޔާ ވަގުތުން ހާސްވިއެވެ. ދޭނެ ޖަވާބެއް ނޭނގުނުތާ އޭނައާއި މުރުތަސިމް އާއި ދެމެދު ދެކެވުނު ވާހަކަ މަންމައަށް އަޑުއިވުނު ބާއޭވެސް ހިތަށް އެރިއެވެ.

" އެއީ....ޓީވީ އިން ފެންނަ ކުއްޖެއް...." ޒަވިޔާ އަށް ބުނެވުނެވެ.

" މުރުތަސިމް އާއި ގުޅުން އޮތް ކުއްޖަކީތަ؟" އައްޒަހްރާ ސިއްރުން އަހައިލިއެވެ. ޒަވިޔާރު އަތުގައި ހިފައި އެއް ކައިރި އަކަށް ޖެއްސިއެވެ.

"ނޫނޭ...މަންމަވެސް ދޯ ދެން....އެއީ ދެން މަޖަލަކަށް.....ޔޫ ވޯންޓް ގެޓް އިޓް...." ޒަވިޔާ ބޭނުންވީ އެއީ މުރުތަސިމް އާއި ދެމުދު އޮތް ކުޑަ ސަމާސާ އަކަށް އެކަން ހަދައިލުމަށެވެ.

" ހްމް ދެން ވަރިހަމަ އޭ...ސިމް ވެސް އެ ކައިވެނި ކުރަނީ ހާދަ ރަނަގޅު ކުއްޖަކާއޭ...މަންމަ ހާދަ އުފަލެއް ވެޔޭ...އަހަދް ފަދަ ރަނަގޅު ދީންވެރި ކުއްޖެ އިޚްތިޔާރުކުރީތީ....." އައްޒަހްރާ އޭނާގެ އުފާ ހިއްސާކުރިއެވެ. އަހެދް މާ ރަނގަޅު ކޮށްފައި މަންމަ ވާހަކަ ދައްކާތީވެ އޭނައަށް ހެވޭ ގޮތް ވެއެވެ.

" އޯކޭތާ...ކޮންމެވެސް އެއްކުއްޖަކު މަންމަގެ ޑްރީމް ޑޯޓާއިން ލޯ އެއް ގެނެސްދީފި ތާ...." ޒަވިޔާރުގެ ހިތުގައި އެއްވެސް ހަސަދައެއް ނެތި ބުނެލީ ހަމަ މަޖާވެފައި ހުރެއެވެ. ނަމަވެސް އައްޒަހްރާ އަށް ހީވީ އޭނާ އަށް މައިރާ އާއި އަހެދް އާއި ތަފާތު ކުރެވުނީ ކަމަށެވެ. އަދި އެފަދަ ވާހަކަ އަކުން ޒަވިޔާގެ ހިތަށް ނުބައި އެއްޗެއް އެރީކަމަށެވެ.

" ނޫނޭ....މައި ވެސް އެއީ ހަމަ މަންމަ ވަރަށް ލޯބިވާ ކުއްޖެއް...އެއްވެސް ގޮތަކަށް..." އައްޒހްރާ ގެ ޖުމްލަ ފުރިހަމަ ނުވަނީސް ޒަވިޔާރު އަވަހަށް އޭނާގެ މަންމަ ގަޔާ ލައް ކޮށްލިއެވެ. އަދި އެފަދަ ގޮތަކަށް ނުވިސްނާ ކަމަށް ބުނެދިނެވެ.

***

"ނައީމޫ......ހަމަ ޖަވާހިރެއް މި ލިބުނީ....." އަދީނާ އެނދުން ފުންމައިގެން ތެދުވުނެވެ. ގެއަށް ވަން ނައީމު ހުރީ ރުޅި ވެރި މޫނެއް ދައްކައިގެންނެވެ. ރުންކުރު މިޒާޖެއް ހުންނަ އިރު އެ މޫނުގައި އަލިކަމެއް ނުހުރެއެވެ. އަބަދު ބުމަ ގާތްކޮށްލައިގެން ނުރުހުންވެފައި ކަހަލަ ގޮތަކަށް ނޫނީ ހުންނަ ތަނެއް ނުފެނެއެވެ. މިހުންނާއި ވާހަކަ ދެއްކުމުގައިވެސް އޭނާ އަކީ ރުޅި އިސްކުރުމަށް ފަސްޖެހޭނޭ މީހެއް ނޫނެވެ. ނައީމު ގެ މޫނު ފެނިފައި އަދީނާ މައިތިރިވިއެވެ.

" ތިއުޅެނީ ދެފަޔަށް ހިނި އަރައިގެންތަ؟އަބަދު ކޮންމެވެސް މޮޔައެއް ގޮވާނީ....." ނައީމު ރުޅި ވެރިކަމާއެކު އަދީނާ އަށް ބަލައިލިއެވެ. އަދި އެނދުގައި އޮށޯވެލިއެވެ.

" އެއީ އަހެދް....ކައިވެނި ކުރާތީވެ....މަޝްހޫރު ޖަވާހިރު ވިޔަފާރި ވެރިއެއްގެ ދަރިއަކާ.....އަހަރުމެން ވީ އެންމެ އަވަހަކަށް އައުމަށް އެމީހުން އެދެނީ..." އަދީނާ ކިޔައިދިނެވެ. އެ ޚަބަރު އިވުމާއެކު ނައީމްގެ ކުޑަ ކުޑަ ދެލޮލުގެ ވިދުން ގަދަވިއެވެ. އެނދުން ތެދުވެ ހިންދިރުވާލީ ފެން ބޮވައިގެންފައި ހުރި މީހެއް ފަދައިންނެވެ. އެހާވެސް ޖޯޝު އައެވެ.

" އޭން....ތި ކިޔަނީ ހަމަ ތެދު ވާހަކައެއްތަ؟މި ރާއްޖޭގަ ޖަވާހިރު ވިޔަފާރިކުރާ އެންމެ މަޝްހޫރު ބަޔަކީ އެއީ ވެލްވެޓް އާއިލާ މީހުން...އެއީ ވަރަށް މުއްސަނދި ބައެއް...." އެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. ދުފައި ރަތް ކޮށްލައިގެން ހުރި ދަތްޕިލަ ހާމަވިއެވެ. އަދީނާ ވެސް ނައީމު އެހާ ވަރަށް ހެވިފައި ހުއްޓާ ކުރިން ދެކެފައެއް ނުވެއެވެ. އައްޒަހްރާ ދެއްކި ހުރިހައި ވާހަކައެއް ނައީމު އާއި ހިއްސާކުރުމުން އަވަހަށް ދަތުރު ހެދުމަށް އެދެމީހުން ނިންމިއެވެ.

"އެކަމު މަށަށް ހީނުވޭ އަހެދް އެހާ އުފާ ވެފައި ހެނެއް....އޭނަ އަހަރުމްނެގެ ފޯނެއް ވެސް ނުނަގައި ހުރި މިހާ ދުވަސް ވީއިރު....." އަދީނާ ވިސްނާން ހުރެފައި ބުނެލިއެވެ.

" ހީކުރީތަ އެ މަންޖެއަށް އަހަރުމެން ފަރާތުން ސަލާމަތް ވެވުނީ ހެން...ބަލަ ހުރިހާ ޚަރަދެއް ކޮށްފަ ބަލަން ޖެހުނީ އަހަރުމެންނޭ.....ނަސީބެއްނު ލޯނު ތައް ފުނި ފުންޏަށް ހުއްޓާ މިފަދަ ހަބަރެއް ލިބުމުން...." ނައީމު ހުރީ މުދާވެރިކަމަށް ދަހިވެތިވެފައެވެ.

" އަވަހަށް ރީތި ހެދުން ގަނޭ.....ދާން ވާނީ ވަރަށް ތައްޔާރުވެލައިގެންތާ..." އޭނަ ޖީބުން ފައިސާ ނަގާފައި އަދީނާގެ އަތަށް ލައިދިނެވެ. ނައީމު ގެ ފަރާތުން އާދޭސް ނުކޮށް ލާރިކޮޅެއް ލިބޭ ފުރަތަމަ ފަހަރުކަމުން އަދީނާ ހައިރާންވިއެވެ. އެހާވަރަށް އުފާވެސް ވިއެވެ.

***

މިރޭގައި އަހެދް އާއި ދިމާވުމުން އިތުރަށް އޭނާ އަށް އާސީނާ އަށް މާޒީ ނުފޮރުވޭނޭ ކަން ކައިލްއަށް ވިސްނުނެވެ.އެހެން ކަމުން މިރޭ ދެމީހުން ބޭރަށް ގޮސްލަން ނިންމިއެވެ. ބޭނުންވީ ހަމަޖެހޭ މާހައުލެއްގައި އާސީނާ އާއި ވާހަކަ ދެއްކުމަށެވެ. އަގުބޮޑު ހޮޓަލެއްގައި މިރޭގެ ކެއުން އިންތިޒާމު ކުރިއެވެ. ކާރުގައި އިންތިޒާރު ކުރެވެމުން ދިޔައީ އާސީނާ އަށެވެ. ކަޅު އަބާޔާގައި ބޮޑު ބުރުގާ އަޅާފައި ހުރި އިރު ރީތި ކަން އެހާ ފުރިހަމަ އެވެ. ކާރު ދޮރު ހުލުވައިލަދޭން ކައިލް ފޭބުމުގެ ކުރީން އާސީނާ އަވަހަށް ކާރަށް އެރިއެވެ.

" ދެން ކައިވެސް ދޯ....އެވަރު ކަމެއް އަމިއްލަ އަށް ވެސް ކުރެވޭނެ އޭ...." އާސީނާ ހިނިގަނޑެއް ޖަހާލިއެވެ. އާސީނާގެ ހުނުން މައިތިރިވީ ސިގިރޭޓު ވަސް ޖެހުމުންނެވެ. ކާރުތެރެއަށް ކޮފީ ސެންޓެއް ޖަހައިފައި ހުއްޓަސް ސިގިރޭޓު ވަސް ހުރިކަން އާސީނާ އަށް އެނގުނެވެ. އަތް ދަބަހުގައި އޮތް މާސްކު ނަގައި އެޅިއެވެ.

" ކާރުގައެއް ނު....ބޭރުން މީހުނަންނަށް ނުފެންނާނެ....ކައި އަށްވެސް މުނު ފޮރުވާލަނީތަ؟" ކައިލް ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ. އާސީނާ އޭނާގެ މޫނު އަނބުރާލިއެވެ.

" ވަރަށް ވަސް ގަދަ.....އެހެންވެ..." އާސީނާ ޖަވާބު ދިނީ ދެރަވެފައި ހުރެއެވެ. ރުޅި އަށް ވުރެ ބޮޑަށް އޭނާ ދެރަވީއެވެ. ކައިލް އަށް އަސްލު ވީ ގޮތް އެނގުނެވެ.

" އިފް ނޮޓް ފޯ މީ...ސޯފީ އަށްޓަކައިވެސް..." އާސީނާ އަށް ރޮވުނެވެ. ކައިލް ކާރު މަޑުކުރިއެވެ. ކުށްވެރި އިހުސާސްތަކެއް ކުރެވުނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު