"އެންމެ އުފާވެރި އިންސާނުން މާފުކޮށް، ހަނދާން ނައްތައިލައެވެ. އަދި ލޯތްބާއި އަޅައިލުން ދީ، އެހީތެރިވެ އަދި ހިނިތުންވެއެވެ. އުފާވެރި މީހުންނަކީ ދޭ މީހުންނެވެ. އަތުލާ މީހާއެއް ނޫނެވެ."

***

"ނައު ޔޫ ކޭން އޯޕެން..." އުރުޖުވާންގެ ލޯ ހުޅުވާލުމުން އާޝޯހުވާވަރުވިއެވެ. ހީވީ އަސްލުވެސް ހުވަފެނީ ދުނިޔެއަކަށް މިހާ ދަތުރުކުރެވުނު ހެންނެވެ. މަޑު ފެހިކުލައަކުން އަލިގަދަ ވައިލެޓާއި ފިޔާތޮށީގެ ކުލަ ފޭދެމުން ދިޔައީ އެ ކުލަތައް އެކަތި އަނެކެއްޗަށް މަސްހުނި ނުވެއެވެ. ކުލަ ބަދަލުވަމުން ނަށަމުން ދިޔައީ މަޑު ރާގުގައެވެ. އެ އަލީގެ ތެރެއިން ތަރިތައް ވިދަމުން ދިޔައެވެ. އުޑުގައި ރަސްކަން ކުރަމުން ދިޔައީ އަލިގަދަ ހަނދެކެވެ. ސްވިޒަލޭންޑްގެ ވާދީތަކާއި ފަރުބަދަތަކާއި އާދަޔާ ޚިލާފު ރީތި އަވަށްތައް އަރޯރާގެ އަލިކަމުން ފެންވަރުވަމުން ދިޔައެވެ.

" ސުބްޙާނައް ﷲ...." އުރުޖުވާން ހުރީ އެސްފިޔަޖަހައިލަން ވެސް ނޭނގިފައެވެ. އުރުޖުވާންއަށް ލިބުނު އުފާވެރިކަމާއި ޝުކުރު ބުނެދޭކަށް ލަފުޒުތަކަކަށް ބޭނުމެއްނުވިއެވެ. އޭނައަށް ހަގީގަތުގައިވެސް އުރުޖުވާންގެ ހިތް އުފާކޮށްދެވިއްޖެއެވެ. އުރުޖުވާން އުޅުނުގޮތް ފެނި ލިބުނު ހިތްހަމަޖެހުން އެނގުނީ އުފަލުގެ ކަރުނަތިއްކެއް ލޮލުން ފޭބުމުންނެވެ. ދެމަފިރިން އެކީގައި އަރޯރާގެ ފުރިހަމަކަން ދެކެލަން ހުއްޓުނު ވަގުތުކޮޅަކަށްފަހު މާޒިމް އުޅެގަތީ ފޭލިގެ ޖެހުމަށެވެ. އެކަމުން ނިމިގެން އޭނަ ކުޑަ އަލިފާން ގަނޑެއް ރޯކޮށްލިއެވެ.

ދެމަފިރިން ފޭލިގެތެރޭގައި ހަމަޖެހިލިއެވެ. ގަދަ ފިނީގައި ހީ ފިލުވުމަށް އާވި އަރަ އަރާ ހުރި ކޮފީ ފްލާސްކު ކުރިމަތީގައި ހުއްޓެވެ. ޓެންޓުގެ ނިވަލުގައި ރަޖާ ތެރޭ ފޮރުވިގެން ތިބި އިރު ކުރިމަތީ ހުރި ކުޑަ އަލިފާނުން މުޅި ތަނަށް ގެނެސް ދީފައިވީ އަރާމު ހިތްހަމަޖެހުމެކެވެ.

" މިހާ ރީތި މަންޒަރެއް ދުވަމަހަކުވެސް އަހަރެންގެ ލޯ ދެކެފައެއް ނުވޭ....." އުރުޖުވާން ތަޢުރީފް ކުރިއެވެ. އެފަދަ ރީތި ކަމާއެކީ މާޒިްމ އާއި އެކު ވަގުތު ހޭދަކުރަން ލިބުނު ނިޢުމަތަށް ހިތާ ހިތުން ޝުކުރުކުރެވުނެވެ.

" މީ ޓޫ..." މާޒިމް ގެ ލޯ ހުރީ އުރުޖުވާން އަށް ހުއްޓިފައެވެ. މި ދުނިޔެއިން އުރުޖުވާންފަދަ ރީތި ކަމެއް އޭނާ އަށް އިހުސާސްކުރެވިފައި ނުވާ ފަދައެވެ. އުރުޖުވާން އާއި އެކީ ސްވިޒަލޭންޑުގައިި ހޭދަކުރާ ފަހު ދުވަސް ވަރަށް ޚާއްސަ ކުރަން ބޭނުންވިއެވެ. ނޭނގޭ ބިރުވެރި އިހުސާސެއްވެސް އެ ހިތު ތެރޭގައި ހިނގަމުން ދިޔައެވެ. ރާއްޖެ ގޮއްސަ ދެމީހުންގެ ދިރިއުޅުން ހުންނާނެ ގޮތާއި އަދި ނަބިލާ ގެ މަރުގެ ހަގީގަތް ހޯދުމުގެ ކަންކަމާއި ވިސްނިފައެވެ. އެންމެ ބިރުގަންނަނީ އުރުޖުވާން ގެއްލިދާނެތީއެވެ. އެގޮތަށް އެކަން ކުރިމަތިވާނެ ސަބަބެއް ހިތަށް ނުގެނެވުނުކަމުގައި ވިޔަސް އެ ބިރުވެރިކަން ހިތުގެ ކަނެއްގައި ވިއެވެ.

" މީ މާޒިމް ގެ ފުރަތަމް ފަހަރުތަ؟ " އުރުޖުވާން ސުވާލުކޮށްލީ އެ ރީތި މަންޒަރަށް ބަލަހައްޓައިގެން އިނދެއެވެ. ފޮޓޯ ނަގަން ހިތަށް އަރާފައިވެސް ފޯނު ނުނެގީ ހަމަ ލޮލުން އެ ފެންނަ ފުރިހަމަ ކަމެއް ފޮޓޯ ނެގުމުން ނުހުންނާނެތީއެވެ.

" އެހެން މީހަކާއި އެކީ ފުރަތަމަ ފަހަރު....އަބަދުވެސް ބޭނުންވި މި ތަނަށް އެންމެ ލޯބިވާ މީހަކާއި އެކީ އައުމަށް....އިޓްސް ވަން އޮފް ދޯޒް ޕްލޭސެސް....." މާޒިމް ކިޔައިދިނެވެ. އުރުޖުވާން އެހެން އޮވެލާފައި އޭނާގެ ދަބަހުން ކުޑަ ނޯޓު ފޮތެއް ނެގިއެވެ.

" ޑައިރީ ލިޔަނީ ތަ؟" މާޒިމް އަހައިލީ ދިމާ ކުރާ ރާގެއްގައެވެ.

" ނޫން.....އަ ކަލެކްޝަން އޮފް މެމޮރީސް....ފަހަރެއްގެ މާޒް މުސްކުޅި ވެ ހަނދާން ނެތިއްޖެއްޔާ..." މަޖާ ގޮތަކަށް ހިލަމުން އުރުޖުވާން ބުނެލިއިރު އޭނާގެ ލޯ ވިދައިލިއެވެ. ހަގީގަތުގައިވެސް އެ މޫނުގައި ވީ ތަފާތު ވިދުމެކެވެ. ދުނިޔޭގެ ހުރިހާ އުފަލެއް ލިބިފަިއވި ކަހަލައެވެ.

" އުރޫޖް އަށް ހީވޭތަ؟މިކަހަލަ އުސް ތަނަކުން ވެއްޓިއްޖެއްޔާ ވަރަށް ތަދުވާނެ ހެން....ވަރަށް ސަޅި ވާނެ ދޯ އުދުހެވޭނެ ނަމަ...." މާޒިމް ފުން ޚިޔާލެއްގައި ހުރެ ކިޔާލިޔަސް އޭނާ އަށް ބުނެވުނީ ކުޑަކުއްޖެއްގެ ސިކުނޑީގައި އެނބުރޭނެ ފަދަ ސުވާލުތަކެއް ކަމަށް ވިސްނިފައި ހެވުނެވެ.

" ސާބަސް މާޒް...." އުރުޖުވާން ލޯ އަޅައިލާ ބޯ ހޫރައިލިއެވެ.

"ނޫނޭ....އައި ފީލް ލައިކް ވަރަށް ޕީސްފުލް ވާނެއޭ...." މާޒިމް އޭނާގެ ބަހުގައި ހިފަހައްޓައިލިއެވެ. ބޭނުންވީ އުރުޖުވާން އަށް ޖެއްސުން ކޮށްލުމަށެވެ.

" ދެން މާޒް....ތިހެން ބުނީމަ ވަރަށް ބިރުވެރި...މިކަހަލަ ތަނަކުން ވެއްޓިއްޖެޔާ....." އުރުޖުވާން މާޒިމް ގެ އަތަށް ފިތާލަމުން ބުނެލީ ކަންބޮޑުވުމާއެކުއެވެ. ގައިން ހީބިހިވެސް ނަގައިގެންދިޔައެވެ. އަވަހަށް އާޔަތުލް ކުރުސި ކިޔައިލިއެވެ. އުރުޖުވާން ގެ ކަންބޮޑުވުން ފެނި މާޒިމް އަށް ހެވުނެވެ.

މަންޒަރު ބަލައި ފޫހި ނުވިޔަސް އުރުޖުވާން ގެ ލޮލަށް ނިދި ސަވާރުވަމުން ދިޔައެވެ. މާޒިމް ގެ ކޮނޑުމަތީގައި ބޯ އަޅައިލައިގެން އޮތްވާ ނިދޭގޮތްވިއެވެ. މާޒިމް އޭނާގެ ފޯނުން ޤުރުއާން ޖަހައިލިއެވެ. ސޫރަތުލް ރަޙްމާން އެވެ. އެ ސޫރަތުގައި އިްނސާނުންނަށް ދެއްވައިފައި ނިޢުމަތްތަކާއި އެކަމަށް ޝުކުރުވެރިވެވޭތޯ ސުވާލު ކުރާ އާޔަތްތައް މާޒިމް ގެ ލޯ ތެންމާލިއެވެ. މާތް ﷲ ގެ ކުޅަދުންވަންތަކަން ހިތަށް ގެނެވުނެވެ. މިފަދަ އަޖާއިބުތައް ކުރީން ދެކެފައިވިަޔސް ހިތަށް މިފަދަ އަސަރެއް ދުވަހަކުވެސް ކޮށްފައެއް ނުވއެވެ. މާތް ﷲ ގެ ކުޅަދުންވަންތަކަމާއި ނިޢުމަތާއި މެދު ވިސްނިފައިވެސް ނެތެވެ. މިފަދަ ކަމެއް އޭނާގެ ތަޤުދީރުގައި މިފަދަ ފުރިހަމަ ގޮތެއްގައި ލިޔެވިފައިވީތީ ޙަމްދުން ހިތް ފުރުނެވެ. އަދި އުރުޖުވާން އަތު ތެރޭގައި ވި ފޮތް ހުޅުވާ ބަލައިލެވުނެވެ. ދަތުރުގެ ހުރިހާ ކަމެއް އެ ފޮތުގައި ލިޔެފައި ވީ އިރު މިރޭގެ ވާހަކަ ހާއްސަކޮށް ލިޔެވިފައި ވިއެވެ.

***

މަދީނާ ފްލައިޓަށް އަރައި ހަމަޖެހިލަމުން ކުޑަދޮރުން ބޭރަށް ނަޒަރު ހިންގާލިއެވެ. ދުރުން ވަރަށް ފުސްކޮށް އެއްޗެއް ފެންނަމުން ދިޔައެވެ. ހީވީ މަދިނާ އަށް ހަނާ އަޅާހެންނެވެ. ޔަގީންކޮށްލަންވެގެން ލޯ ހަނި ކޮށްފައި ދޮރުގައި މޫނު ޖައްސަމުން މަދީނާ އިތުރަށް ބަލައިލިއެވެ. ލޮލަށް ހޫނު ވައި އެޅިފައި ދިޔައީ ރަތް ކުލައިގެ އައްޔެކެވެ.

"އައުޗް......" މަދީނާ އަށް ހަޅޭއްލަވައިލެވުނެވެ.

" މަދީނާ....ކިހިނެއްވީ...ލޮލަށް އެއޗެއް އެޅުނީތަ؟" ކެނާން ކަންބޮޑުވިއެވެ. އެވަގުތު މަދީނާ އިނީ ލޯ މަތީގައި އަތް އަޅައިގެންނެވެ. އަދި ފްލައިޓުގެ އެހެނިހެން ދަތުރުވެރިންގެ ސަމާލުކަން ވެސް އެ ދިމާއަށް ހުއްޓެވެ.

" އަލި ގުޅައެއް ކަންނޭނގެ....ހަމަ ސީދާ ލޮލަށް އެޅުނީ...." މަދީނާ ބުނި ގޮތުން ކައިރީ ތިބި އެހެން މީހުންވެސް ހީގަތެވެ. ކެނާން އެކަމާ ރުޅިގަދަވިޔަސް އެއްޗެއް ނުބުނެ ހިމޭނުން ހުރީ އިތުރަށް މަލާމާތް ކޮށްފާނެތީއެވެ. ހަވީރު ވަގުތު ވެފައި މޫސުން ވެސް ރީތި ކޮށް އޮތުމުން އަލި ގުޅައެއް ފެނިދާނެ ފަދަ ހާލަތެއް ނޫން ކަން ކެނާން އަށް ވެސް އެނގެއެވެ. ނަމަވެސް މަދީނާ އަށް އެ ފެނުނީ އާދަޔާ ޚިލާފް އެއްޗެއްކަމާއި އޭގެ ސަބަބުންވީ އުނަދގުލެއް ކަމުގައި ކެނާން އަށް ގަބޫލުކުރެވުނެވެ. އަވަހަށް ސީޓު ބަދަލުކުރުމަށް ބޭނުންވި ކަމުގައި ވިޔަސް ފްލައިޓް ނައްޓާލާ ގަޑި ކަމުން އެކަން ކުރުމަށް ފްލައިޓް އެޓެންޑެންޓުގެ ހުއްދަ ނުލިބުނެވެ.

" އެ އޯކޭ ވާނެ.....ނިދާލާނީ..." މަދީނާ އަވަހަށް ލޯ މަތީގައި މާސްކް އަޅައި ނިދާލާނީ ކަމށް ބުނެ ހަމަޖެހިލިއެވެ.

" ދަތުރު ދުޢާ ކިޔައްޗޭ.....ހަވީރުގެ ދުޢާތައް ވެސް..." ކެނާން އެދުނެވެ.

މަދީނާ ދަތުރުގައި ސިއްސައިގެން ދާ ކޮންމެ ފަހަރަކު ކެނާން އަތުގައި ހިފަހައްޓައެވެ. ވަކި ހިސާބަކުން މޫސުން ވެސް ގޯސް ވުމާއި އެކު ފްލައިޓައް އަރާ ލޮޅުންތަކުން ވެސް ކެނާން އިނީ ކަންބޮޑުވެފައެވެ. ފްލައިޓު ނައްޓާލީއްސުރެން މަދީނާ އެއްވެސް ވާހަކަ އެއް ނުދައްކައެވެ. ކާން ގެނައި އެއްޗިހި ވެސް ފޮނުވާލީ ނިދިފައި އޮތުމުންނެވެ. އެހާ ބޮޑަށް ސިއްސައިގެން ދާ ފަހަރުގައިވެސް ކެނާން ގޮވުމުން ހޭލަނީއެއްވެސް ނޫނެވެ. ދިގު ދަތުރެއްކަމުން އޭރު ތިބި ހިސާބުން އެއީ ރޭގަނޑެވެ. ކެނާން ގެ ހިތް ބުނަމުން ދިޔައީ މަދީނާ އަށް ކޮންމެވެސް ނުބައި ގޮތެއް ވަނީ ކަމުގައެވެ. ބައެއް ފަހަރު ނިދީގައި އޮވެ ވާހަކަ ދައްކާ ހެންވެސް ހީވެއެވެ. ފްލައިޓް ތަޅުވާވަރުން ބައެއް މީހުން ބިރުން ހަޅޭއްލަވާ އަޑުވެސް އިވެމުން ދެއެވެ. މަދީނާ މިހާ ނިދި ގަދަ ނުވާނެ ކަން ކެނާން އަށް އެނގެއެވެ. އަދި މިފަދަ ފްލައިޓް އެވަރަށް ތަޅުވާއިރު މަދީނާ އަށް ނިދިފައި އޮތުމަކީ ވެސް އެހާ އަޖާއިބު ކަމެކެވެ. އެއީ ކުރީން ދާ ދަތުރު ތަކުގައި ބޯޓު ކުޑަކޮށް ހެލިލިޔަސް މަދީނާ އެހާ ފޯރި ގަދަ ކޮށްލާފައި ހުންނާތީއެވެ.

ކެނާން އަތުގައި ކޮށްޓައިލުމުންވެސް މަދީނާ ހޭނުލިއެވެ. އެންމެ ފަހުން ލޯ މަތީ އަޅާފައި އޮތް ސްލީޕިންގ މާސްކް ނެގިއެވެ. ކެނާން ވެސް ދިޔައީ ސިއްސައިގެންނެވެ. ރަތް ކަން ގަދަވެފައި ލޮލުގެ ކަޅި ބޮޑެވެ. މަދީނާ ގެ ތުންފަތަށް ވެރިވި ހިނިތުންވުމުގައި ހުރީ މަކަރުވެރި ގޮތެކެވެ. އަދި ގޮނޑިޔަށް ވެއްޓިފައި އޮތް ހަށިގަނޑު ސީދާކޮށްލިއެވެ. ކެނާން ގެ ދެލޮލަށް ބަލައިލީ އެ މާސްކް ނަގާނެ ކަން ދެނެހުރި ފަދައަކުންނެވެ. މަދީނާ ސީޓް ބެލްޓް ނައްޓަން ދިމާކުރިއެވެ. ކެނާން ހުޝިޔާރުކަމާއެކު އަތުގައި ހިފުނީ ހަމަ ބޮޑު ރަޙްމަތެކެވެ. އަދި ވީހާވެސް އަވަހަށް އާޔަތުލް ކުރުސި ކިޔައިލެވުނެވެ. ކެނާން އަށް އޭނާ ކުރިމަތިލަިއގެން މިހިރީ އަސްލު މދީނާ އާއި ނޫން ކަން ޔަގީންވިއެވެ. އޭނަ ލޯ އަޅާލާފައި ކެނާންގެ އަތުގައި ދަތް އެޅިއެވެ. ލޭ އަރާވަރު ކުރި އިރުވެސް ކެނާން ހުއްޓައިނުލާ ކިޔަވަމުން ދިޔައެވެ. ބޯޓުގެ ލައިޓުތައް ވެސް ނިވާލީ އެވަގުތުއެވެ. މަޫސުން ގޯސްވުމުގެ ސަބަބުން ލޮޅުންތައް އިތުރުވާން ފެށީއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު