މެލޭޝިއާގެ ގެންޓިންގް ހައިލަންޑްސްގެ ތީމް ޕާކުގައި އަލިފާން ރޯވެއްޖެ

ސްކައި އެވެނިއު ޝޮޕިން މޯލުގައި ރޯވެ އަނދައިފައި -- ފޮޓޯ/ އެކްސް، ހައުސް އޮފް ހިލްޓަން

މެލޭޝިއާގެ ގެންޓިން ހައިލޭންޑްސް ތީމު ޕާކުގައި އަލިފާނުގެ ބޮޑު ހާދިސާއެއް މިއަދު ހިނގައިފިއެވެ.

އެ ހާދިސާގެ މަންޒަރުތައް ފެންނަ ބައެއް ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަނީ އެ ޕާކުގެ ސްކައި އެވެނިއު ޝޮޕިން މޯލުގައި ވަރަށް ދުން ބޯވެ، ރޯވަމުން އައި ތަނެވެ.

އެ ހާދިސާއާ ގުޅިގެން އެ ޕާކު ހިންގާ ރެސޯޓްސް ވޯލްޑް ގެންޓިންއިން ނެރުނު ބަޔާނެއްގައި ބުނީ އަލިފާން ރޯވީ ހަވީރު 4:30 ހާއިރު ކަމަށެވެ. ސްކައި އެވެނިއު ފިޔަވައި އެހެން ސަރަހައްދަކަށް އަލިފާނުގެ އަސަރު ނުކުރާކަމަށް ވެސް ބަޔާނުގައިވެއެވެ.

މެލޭޝިއާގެ ނޫހެއްކަމަށްވާ ކޮސްމޯއިން ރިޕޯޓުކުރި ގޮތުގައި އެ ހާދިސާއާއެކު އެ ވަގުތު އެ ތަނުގައި ތިބި 5،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވެއެވެ.

ހާދިސާގެ އިތުރު މައުލޫމާތު ހިއްސާކުރަމުން ޕަންހަންގް ފަޔާ ރެސްކިއު ޑިޕާޓްމަންޓުން ބުނީ ހާދިސާގެ މައުލޫމާތު ލިބުނީ 4:55 ހާއިރު ކަމަށާއި ފަސް މިނެޓުތެރޭ އެ ތަނަށް އަލިފާން ނިއްވާ ރެސްކިއުއަރުން ދިޔަކަމަށެވެ. އަދި 6:30 ހާއިރު އަލިފާންގަނޑު ވަނީ ކޮންޓްރޯލްކުރެވިފައެވެ.

އެ ޑިޕާޓްމަންޓުން ބުނި ގޮތުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ސްކައި އެވެނިއު ޝޮޕިން މޯލުގައި ރޯވެ އަނދައިފައި -- ފޮޓޯ/ އެކްސް، ހައުސް އޮފް ހިލްޓަން

އަލިފާނުގެ ހާދިސާގައި އެ ތަނަށް އެކިވަރުގެ ގެއްލުން ލިބި، ވަރަށް ބޮޑަށް ވަނީ އަނދައިފައެވެ.

އަލިފާން ރޯވީ ސްކައި އެވެނިއު ޝޮޕިން މޯލުގެ ދެވަނަ ފަންގިފިލާގައެވެ. އެ އަލިފާންގަނޑު ހަތަރުވަނަ ފަންގިފިލާއާ ހަމައަށް ފެތުރިފައިވެއެވެ.

މެލޭޝިއާގެ ސްޓޭޓެއްކަމަށްވާ ޕަންހަންްގައި ހުންނަ ގެންޓިން ހައިލޭންޑްސްއަކީ ފަތުރުވެރިންގެ މެދުގައާއި މުނިފީހިފުލުވުމުގެ ސެންޓަރެއްގެ ގޮތުގައި މަގުބޫލު ތަނެކެވެ. އެ ތަނުގައި އިންޑޯ އަދި އައުޓްޑޯ ތީމް ޕާކުތަކުގެ އިތުރުން ޝޮޕިން މޯލްތައް ވެސް ހުރެއެވެ. އަދި ގިނަ ކޮންސެޓުތަކެއް ވެސް އެ ތަނުގައި ބާއްވައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް