"އިބްނު ގައްޔިމް ރަހިމަހުﷲ ވިދާޅުވިއެވެ. ލަވަ ކިޔުމާއި އަޑު އަހަން ދެވިހިފުމުން ކީރިތި ގުރުއާން ހިތުގައި ހަރުލެއްވުން ބުރައަކަށް ވެއެވެ. އަދި އޭގެ ސަބަބުން ގުރުއާން އަޑުއަހަން ހިތުގައި ނުރުހުންތެރިކަމެއް އުފައްދައެވެ."

***

ހުރިހައި ކަމެއް މިފަދަ ގޮތެއްގައި ނިއުޅިގެން ހިނގައިދާނެ ކަމަކަށް ނާޝިދު ދުވަހަކުވެސް ހިތަށް ނާރައެވެ. ރުޤްޔާ އަކީ އޭނާ ކުރިން ދުވަހަކު ގަބޫލު ކުރި ކަމެއްވެސް ނޫނެވެ. ޤުރުޢާންގެ އާޔަތްތަކުގެ ބާރުގަދަ ކަން ވިސްނިފައިވެސް އޭނަގެ ގައިން ހީބީހި ނަގާލިއެވެ. ދީނާއި މީހާ ދުރުވެފައި ވާ ވަރު ވިސްނާލެވުމުން ހިތަށް ނޭނގޭ ފަދަ އަސަރެއްވެސް ކުރިއެވެ. ދިރިއުޅުމުގެ ހަމަޖެހުން ގެއްލެން މެދުވެރިވީވެސް އޭނާގެ އަމަލުތައް ހުރި ގޮތުންކަން ވިސްނުނެވެ. ޒަވާޖީ ހަޔާތް ހަލާކުވެ ދަރީން ގެ ނަފްރަތާއި ކުރިމަތިލާން ޖެހުން އޭނާއަށް މި ދުނިޔެގައި ލިބެމުންދާ އެންމެ ބޮޑު ދެރައަކީ ޒަވާޖީ ހަޔާތް ހަލާކުވެ ދަރިންގެ ނަފްރަތާއި ކުރިމަތލާން ޖެހުމެވެ. މާތް ﷲ ގެ މަގަށް ރުޖޫއަ ވުމަށް ވިސްނެން ފެށުނެވެ. ދެއަތް އުފުލާ އެ އިލާހުގެ މަދަދަށް އެދުމަށެވެ. ހުޝަލް ވާހަކަ ދައްކަމުން ދިޔަސް ނާޝިދު ހުރީ އޭނާގެ ސިކުނޑީގައި ހުރި ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައެވެ. ކުޑަކޮށް ގައިގާ ކޮށްޓައިލުމުން އޭނައަށް ހޭވެރިކަންވިއެވެ.

"ބައްޕަ މިދަނީ....ނަމާދަށް...." ހުޝަލްގެ މޫނަށް ނަޒަރު ހުއްޓައިލިއިރު ނާޝިދު ގެ ލޯ އުޖާލާވިއެވެ. ހީވީ ހުރިހައި ކަމެއްގެ ހައްލު އޭނާއަށް ހޯދުނީ ހެންނެވެ. ހުޝަލް އަށް ހައިރާންވެފައި ހުރެވުނީ އޭނާގެ ބައްޕަގެ ދުލުން ދުވަހަކުވެސް އަޑު އިވޭނޭ ކަމަށް އުންމީދު ނުކުރާ ލަފްޒެއް އަޑު އިވުމުންނެވެ.މ

***

ފަހަދް އައި ރުޅީގައި އެތާ ހުރި ރެއިލިންގައި އަތް މުށްކަވާފައި ޖަހާލެވުނެވެ. ދުވަހަކުވެސް ނުކުރެވޭފަދަ އިހުސާސެއް އެ ހިތުގައި އުފެދެން ފެށިއެވެ. ފަރަހް އާއި މެދު ހިތުގައި ނަފްރަތުގެ ކަންޏެއް އުފެދުނެވެ. އޭނާގެ ބަނޑުގައި އޮތީ ފަހަދް ގެ ދަރިއެއް ނަމަވެސް އެ ކުއްޖާފުޅު ނައްތާނުލެވެން އޮތީ ފަރަހް މާޒިމް އާއި ކައިވެނިކޮށް މާޒިމް ގެ ދަރިއެއް ކަމުގައި ހެދުމުންނެވެ. އޭނާގެ ކެތްތެރިކަން ކޮޅުންލާ ހިސާބަށް ކަންތައް ހިނގައްޖެއެވެ. މިވީހާ ދުވަހު ފަރަހް އެ ކުޅޭ ޑްރާމާގައި ހިމޭނުން ހުރެ ހުރިހާ ވޭނެއް ތަހައްމަލު ކުރުމުގެ އަސްލު ބޭނުމެއް އޭނާ އަށް ނުފެނެއެވެ. އެވަގުތު ފަރަހް އޭނާގެ ކޮނޑުގައި ހިފިއެވެ.

" އަތްނުލާ......" ފަހަދް އަށް ރުޅިވެރިކަމާއެކު ބުނެލެވުނެވެ. އަދި ފުރަގަސްދީ ހިނގައިގަތީ ފަރަހް އާއި ދުރަށެވެ.

"މިބުނީނު ދާށޭ.....ފަރަހް ތި ކުޅޭ ޑްރާމާގައި އަހަރެން ބައިވެރިކުރަން ހަދާނެކަމެއް ނެތް....ތި ދަރިވެސް އެބޯޓް ކޮށްލާ....މާބޮލަށް ފަސޭހަ ވާނެ....ދުނިޔޭގަ ހެއްދެވި ނުބައިކަމެއްގެ ތެރެޔަށް ތި ކުއްޖާ އުފަންކުރުމުގެ މާނައެއް ނެތް....އެހެން ނޫނަސް އަހްނަނަށް ތި ކަމުން އެއްވެސް އުފަލެއް ނުލިބޭނެ....." ފަހަދް ގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ހިތާ ދެކޮޅަށްވެސް އެ ހިތުގައިވި ހުރިހާ އެއްޗެއް ބަންޑުންވީއެވެ. އެ ރުޅިވެރިކަމުގައި އޭނަގެ އިޚުތިޔާރެއްނެތެވެ. ހިތާއި ނަފުސުން ލަގަން ދޫވީއެވެ.

" ތަވީދު ނުދެން ދޯ...." ވަރަށް ފާޑަކަށް ބަލަހައްޓައިގެން ހުރެފައި ފަރަހް ތަވިދު ގެ ވާހަކަ އަހައިލިއެވެ. ފަހަދްގެ ތަބީއަތަށް އެހާ ބޮޑުބަދަލެއް އައީ ކިއްވެކަން ފަރަހް އަށް ދެނެގަނެވުނެވެ. ރުޅިވެރިކަމާއި މިހާގެ ނަފްސު ދެރަ ވާ ފަހަރުތަކަކީ ޝައިތާނާ އެމީހެއްގެ މައްޗަށް ސަވާރުވެ ނުބައިވަސްވާހުން މީހާ ފަސާދަކުރާ ހާލަތްތަކެވެ. އަދި ސިހުރު ފަދަ ތަވީދެއް އޮތުމުން އެކަން ކަމަށް ޝައިތާނާ އަވަސްވެ ބާރު ފޮރުވާވަރުވެސް ގަދަވެގެންދާނެއެވެ.

" އަން މިއޮތީ....." ފަހަދް ތަވީދު ބިމަށް ހޫރުވައިލިއެވެ. އަދި ކޮޓެޖް އާއި ދިމާއަށް ހިނގައިގަތީ ބާރު ހިނގުމެއްގަވެ. ފަރަހްގެ ހިތަށް ބިރުވެރިކަން ވަނެވެ. ތަވީދު ނެގުމަށް ފަހު ފަހަދްގެ ފަހަތުން ދުއްވައިގަނެވުނީ އަނެއްކާ މާޒިމް އާއި ކުރިމަތިލާން ދިޔައީ ކަމަށް ހިތަށް އަރާފައެވެ.

ނަމަވެސް ފަހަދްގެ މިސްރާބު ހުރީ ކޮޓަރިއާއި ދިމާލަށެވެ. ކޮޓެޖްގެ ސިޓިން ރޫމް ހުހަށް އޮތް އިރު ޒެލްޑާގެ ހިލަމެއްވެސް ނެތެވެ. ފަރަހް އަރާހަމަވުމުގެ ކުރިން ފަހަދް ކޮޓަރިޔަށް ވަދެ ތަޅުލިއެވެ. ބޭރު ދޮރު ކައިރީ މަޑުކޮށްލައިގެން ހުރެ ފަރަހް އަށް ހަމަ ފުން ނޭވާ އެއް ލެވުނެވެ. ފަހަދް ގެ ރުޅި މަޑުވުމުން ހުރިހާ ކަމެއް ރަނގަޅުވެދާނެ ކަމަށް އޭނައަށް ގަބޫލުކުރެވުނެވެ.

" އައި ލައިކް ވަރަށް ސިމްޕަލް ނޭމްސް....މާ ފަރަންޖީ ނަން ނަން ކަމަކު ނުދޭ...." މާޒިމް ވާހަކަ ދެއްކިއެވެ. އެ ކޮޓަރީގެ ދޮރު ހުރީ ކުޑަކޮށް ހުޅުވިފައިކަމުން ދޮރާއި ކައިރިވުމުން އެތެރެެއިން ދައްކަމުން ދިޔަ ވާހަކަތައަްު ސާފުކޮށް އަޑުއިވެއެވެ. ފަރަހް ކުދި ފިޔަވަޅުގައިގޮސް ކޮޓަރީގެ ދޮރު ކައިރީ ހުއްޓި ހުރެ ލޯ ހިމަކޮށް އެތެރެ ބަލައިލިއެވެ. އުރުޖުވާން ބުރުގާ ނާޅާ ހުރިތަން ފެނުނު ފުރަތަމަ ފަހަރެވެ. ފަރަހް އަށް ހަސަދައިގެ ލޮލުން އެ އިސްތަށިގަނޑަށް ބަލައިލާ ދަތްތަކަށް ބާރުކޮށްލެވުނެވެ.

މާޒިްމ އާއި އުރުޖުވާން ދައްކަމުން ދިޔައީ ކުދިންނަށް ކިޔާނެ ރީތި ނަން ނަމާބެހޭގޮތުންނެވެ. ފަރަހް ގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ.

"އަނެއްކާ....އުރުޖުވާން...." ފަރަހް އަށް އަނގައިން އަޑެއް ލައްވާލެވުނީ ހައިރާން ކަމާއިއެކުއެވެ. އެވަގުތު ދޮރާއި ދިމާއަށް މީހަކު އަންނަ އަޑު އިވުނެވެ.

" ފަރަހް....އާ ޔޫ އޯކޭ...." އުރުޖުވާން ދޮރު ހުޅުވާލައި ބަލާލިއިރު ފަރަހް އޮތީ ބިންމައްޗަށް ވެއްޓިފައެވެ. އުރުޖުވާން އަވަހަށް އެހީގެ އަތެއް ދިއްކޮށްލި ނަމަވެސް ފަރަހް ބޭނުންވީ މާޒިމް ގެ ސަމާލުކަމެވެ. ނުވެއްޓުނެއް ކަމަކު އެކްޓު ކޮށްގެން އޮތީއެވެ.

"މާޒް ހެލްޕް...". މާޒިމް ފެނުމުން ފަރަހް އަވަހަށް އެހީ އަށް އެދުނެވެ. އުރުޖުވާން އެއިރުވެސް ހުރީ ފަރަހްއާއި ދިމާލަށް އަތް ދިއްކޮށްލައިގެންނެވެ. އުރުޖުވާން އަވަހަށް މާޒިމް ގެ ކުރިމައްޗައް އަރައި ފަރަހް ބިންމަތިން ނަގަން މަސައްކަތްކުރިއެވެ. އުރުޖުވާން ފަރަހްގެ ރޭވުން ދެނެގަތްފަދައެވެ. އުރުޖުވާން ކަން ކުރިގޮތް ފެނި މާޒިމް އަށް ވެސް ހެވުނެވެ. ފަރަހް ތުން ހަދައިލާ ތެދުވުނެވެ.

"ތޭންކްސް.....މި ތަނުން ކައްސާލީ...." ފަރަހް ދޮގުހެދިއެވެ. އެތަނުގައި އަޅާފައި އޮތީވެސް ކާޕެޓެކެވެ.

" ކާޕެޓުން ކައްސާލާނެތަ؟" އުރުޖުވާން ފައިތިލަ ހާކައިލާފައި ބުނެލީ ލޯ އަޅައިލަމުންނެވެ. އަންގާލަން ބޭނުންވީ ފަރަހް ކުރާ ކަންތައްތަކަށް އުރުޖުވާންވެސް ހުޝިޔާރުވާކެމެވެ.

" ދެން އުރޫޖް ވެސް....ލައިގެން ހުރި އިސްޓާކީނުގެ ގޮތުންހެން ހީވަނީ..." ނުގޮތަކަށް ހެވިފައި ފަރަހް ބުނެލިއެވެ. މާޒިމް ހުރީ އުރުޖުވާން ގެ ހުޝިޔާރުކަން ފެނި ކުޑަކޮށް ހެވޭ ގޮތް ވެފައެވެ. އެތެރެއިން އަނދަ އަދާ ހުރި ފަރަހް ވެސް އަވަހަށް ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. އަދި އޭނަގެ ކޮޓަރީގެ ބެލް އަޅައިލިއެވެ. އެވަގުތު އުރުޖުވާންވެސް އަތުން ހަނާ އަޅާލަމުން އޭނަގެ ކޮޓަރީގެ ދޮރުލެއްޕިއެވެ. ތަޅުލި އަޑުވެސް ފަރަހް އަށް އިއްވާލިއެވެ.

"އައި ނެވަ ނިއު....ޔޫ ކުޑް ގެޓް ޖެލަސް....." މާޒިމް ދިމާކުރިއެވެ.

" ތިބުނީ....ނުވޭ ތިކަހަލަ އެއްވެސް ކަމެއް..." އުރުޖުވާން ނޫންކަމަށް ހެދުނެވެ. އިސްތަށިކޮޅު ކަންފަތުގައި އަޅުވާލަމުން އަވަސް ހިނގުމުގައި ފޮށި ޕެކް ކުރުމަށް ދިޔައެވެ. މާޒިމް ބަލަހައްޓައިގެން ހުރި ގޮތުން އުރުޖުވާން ހުރީ ލަދުން މަރުވާވަރުވެފައެވެ.

" މާޒް ވަރަށް އަންހެލްޕްފުލް....މަދީނާ ހުރި ނަމަ..." ވާހަކަ އޮޅުވާލަން ބޭނުންވެފައި ހުރި އުރުޖުވާން ތުން ދަމާލިއެވެ.

" އެއްކަލަ މަދީނާ....އަބަދު މަދީނާ...." މާޒިމް ފުން ނޭވާ އެއް ދޫކޮށްލަމުން ބުނެލީ އުރުޖުވާން އަށް ޖެއްސުންކޮށްލުމަށެވެ. އަދި އުރުޖުވާންގެ ދަބަހަށް ހެދުމާއި އެހެން ސާމާނުތައް އަޅަައި ދިނުމަށް އެހީތެރިވިއެވެ.

"ވަރަށް ސްޕެޝަލް ތަނަކަށް ދާން އެބަ ޖެހޭ....ޖަސްޓް ދަ ޓޫ އޮފް އަސް....ޒެލްޑާ އާންޓް ކައިރި ވެސް ނުކިޔައްޗޭ...އެހްނ ނޫނީ ފަރަހް މެން ފަހަތު އަޅުވާލަފާނެ....މިރޭ ދަންވަރަށް ދާނީ...."އޭނަ އުރުޖުވާން ގެ ކަންފަތް ކައިރީ ކިޔައިލިއެވެ. އުރުޖުވާން ގެ މޫނު މައްޗަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. އެއީ ކޮންތަނެއްކަން އަހާލަން ވެސް ޝައުގެއް ނެތީ މާޒިްމ ދޭން އުޅޭ ސަޕްރައިޒް އެގޮތުގައި ބޭއްވުމަށެވެ.

ފަރަހް ކޮޓަރީ ބެލް އަޅާ އަޅާ ވަރުބަލި ވީ އިރުވެސް ފަހަދް ކޮޓަރީގެ ދޮރު ހުޅުވައެއް ނުލިއެވެ. އެންމެ ފަހުން ޒެލްޑާ އަށް ގުޅައިގެން އިތުރު ރޫމް ކާޑެއް ހޯދިއެވެ.

" ކިހާ އިރެއް....އަޑު ނީވެނީއެއްވެސް ނޫނޭ..." ކޮޓަރިއަަށް ވަދެ ފަރަހް އެއްޗިހި ގޮވައިގަތެވެ.އެވަގުތު ފަހަދް އިނީ ބެލްކަނީން ފެންނަމުން ދިޔަ ހިތްގައިމު މަންޒަރަށް ބަލަހައްޓައިގެންނެވެ. ފިނި މޫސުން ނިމި ބަހާރު މޫސުމަށް ޖައްވު މަރުހަބާ ކިޔަމުން ދަނީއެވެ. ކުރިމަތީން ފެންނަން ހުރި ވާދީތަކުގައި ގަނޑުވެފައި ހުރި ފެން ވިރެމުންދިޔައެވެ. ބެލްކަނީގައި އިންދާފައި ހުރި މާތަކުގެ މަޑު ލުއި ވަހެއް ހުއްޓެވެ. ޖައްވު ފިނިވެފައިވީ ނަމަވެސް ހޫނު އިހުސާސެއް ވިއެވެ. މިއަދު އުރުޖުވާން މާތައް ގެނެސް ވަށީގައި ޖެހި ހަނދާނަށް ގެއްލިފައި ފަހަދް އަށް ހުރެވުނެވެ.

" އަދިވެސް ރުޅިތަ؟" ފަރަހް ބެލީ ފަހަދް ގެ މޫޑު ރަނގަޅު ކުރެވޭތޯއެވެ.

ފަހަދް އަށް އަޑުނީވުނީ ކަންފަތުގައި އެއަޕޮޑްސް ހުރުމުންނެވެ. ލަވަ އެއް ޖަހައިލައިގެން ހުރީ ހަމަޖެހިލުމަށެވެ. ފަރަހް ފެނުމުން ކަންފަތުގައި އިން އެއޕޮޑްސް ނެގުމަށްފަހު އެނބުރުނެވެ. މޫނަށް ބަލައިލައި އުރުޖުވާން އާއި ފަރަހް އާއި އަޅާ ކިޔާލެވުނެވެ.

"ކިހިނެއްވީ...ފަލަވީތަ؟" ފަރަހް އަވަހަށް މޫނުމަތީ އަތް އެޅިއެވެ.

"ނޫން...ރީތި....އަބަދުވެސް ރީތި..." ފަހަދް މަޑުމައިތިރިކަމާއެކު ވާހަކަ ދެއްކިއެވެ. ނަމަވެސް އެ ސިކުނޑީގައި އުރުޖުވާން އާއި މެދު ވެސް ޚިޔާލުތައް ގިނަވިއެވެ. އެފަދަ މައުސޫމުކަމާއި ސާފު ސީދާ ކަމެއް ފަރްހަގެ ގައިގައި ހުރި ނަމައޭވެސް ހިތް ބުނަމުން ދިޔައެވެ. ނަމަވެސް ކުރީގައި ފަރަހް އާއި ދިމާއަށް ކިޔުނު އެއްޗިއްސަ މާފުކުރުމަށް އެދުނެވެ. ކޮންމެ ހާލެއްގައިވެސް ފަރަހް ގެ ބަނޑުގައި އޮތީ ފަހަދް ގެ ދަރިއެވެ. ކިތަންމެ މައްސަލައެއް ފެންމަތިވި ކަމުގައި ވިޔަސް އެ ކުއްޖާ މި ދުނިޔެއަށް ހެޔޮ ސިއްހަތެއްގައި އައުމަށް އެދެވެއެވެ. ފަހަދް ގެ ވިސްނުމުގައި ހުރި އަދިވެސް ފަރަހް އަށް ހެޔޮ ވިސްނުން ލިބި މާޒިމް ދޫކޮށްލާނެކަމުގައެވެ.

***

"ކުޑަބެ...ކީއްވެތަ ދޮންބެ މެން ކައިރީ ނުބުނެވެންވީ....ވައި އަ ސީކްރެޓް..." ކެނާން އާއި މަދީނާ ތިބީ އެއަޕޯޓުގައެވެ. ކެނާން ބޭނުންވީ އަވަހަށް ލަންޑަނަށް ދިއުމަށެވެ. މަދީނާ އަށް ކަމުގެ ހަގީގަތް ނާންގާ ގެންދަން އުނދަގޫ ނަމަވެސް އެއީ މިވަގުތު މަދީނާ އަށް ވެސް އެންމެ ރަނގަޅު ގޮތެވެ.

" ދެން ބުނެބަލަ......އައި ކާންޓް ރިމެމްބަރ މި ދިޔަ ތިން ދުވަސް ވެސް....ވަޓް އިޒް ހެޕެނިންގް ވިތް މީ...." މަދީނާ ހުރީ ސުވާލުތަކުގެ ޖަވާބު ބޭނުންވެފައެވެ. ކެނާން އަށް ވެސް އެ ސުވާލުތަކަށް ޖަވާބު ދޭނޭ ގޮތެއް ނޭގެއެވެ. މަދީނާ އަށް އެދުވަހު ނިދިން ހޭލެވުނު އިރު ހަނދާނުގައި ގިނަ ކަނަތައް ތަކެއް ނެތެވެ. ދުވަސް ވެސް ހުރީ އޮޅިފައެވެ.

" ހަމަ ކުޑަ ޓްރިޕެއް...މަދީނާ ބުނީމެއް ނު ޓްރިޕަކަށް ދާހިތްވެއޭ.....މާޒް ކައިރީ ބުނެފިއްޔާ ނުދެވޭނެ....ސަޕްރައިޒް ފޯ ދެމް....އެހެން ނޫނަސް އެ ދެކުދީންްނަށް ޕރައިވެސީ ވެސް ލިބެނެ އެއް ނު....." ކެނާން ބޭނުންވީ މަދީނާ ހިތްހަމަޖައްސާދިނުމަށެވެ. ކަމެއް ގޯސް ކޮށް ހިނގަމުން ދާކަމުގެ ހިލަމެއްވެސް ނުދެއްކުމަށެވެ. މާޒިމް އާއި ކުރިމަތިލާނެ ގޮތެއް މިވަގުތު ވިސްނަން ވެސް ބޭނުން ނުވެފައި ހުރީއެވެ. އަދި މިހާ އަވަހަށް ފުރައިގެން އަންނަން ވެސް ބޭނުންވީ މާޒިމް އާއި ކުރިމަތި ނުލައި ވޭތޯ ބެލުމަށެވެ. ކެނާން ދެކުނީ ނަބީލާ ގެ ހަގީގަތް ހާމަ ކުރުމަކީ އެއީ ކެނާން ގެ ޒިންމާ އެއް ނޫން ކަމަށެވެ. އެއީ ނާޝިދުގެ ޒިންމާ އެކެވެ. ހުޝަލް ދެކެ ރުޅި އައިސް ހުރެވުނެއް ކަމކު އޭނަގެ އެދުމަށް ވެސް އިންކާރުކުރަން ބޭނުން ނުވީއެވެ.

" ދެން އަންކަލް އޯ....އައި ޑޯންޓް ގެޓް އިޓް...." މަދީނާ ހުރީ މިދިޔަ ދުވަސްތައް ހަނދާންކުރުމަށް މަސައްކަތްކުރަމުންގޮސްް ބޮލުގައި ރިއްސާފައެވެ. ކެނާން އާއި ސުވާލުކޮށްގެން އިތުރު ކުރިއެރުމެއް ލިބެން ނެތުމުން ބޭނުންވީ އަވަހަށް ތަނެއްގައި ޖައްސާލައި އަރާމުކޮށް ނިދާލުމަށެވެ. ފްލައިޓަށް އަރައި ހަމަޖެހިލަމުން ކުޑަދޮރަުން ބޭރަށް ނަޒަރު ހިންގާލިއެވެ. ދުރުން ވަރަށް ފުސްކޮށް އެއޗެއް ފެންނަމުން ދިޔައެވެ. ހީވީ މަދިނާ އަށް ހަނާ އަޅާހެންނެވެ. ލޯ ހަނި ކޮށްފައި ދޮރުގައި ލޯ ޖައްސަމުން މަދީނާ އިތުރަށް ބަލައިލިއެވެ. ލޮލަށް ހޫނު ވައި އެޅިފައި ދިޔަ ރަތް ކުލައިގެ އައްޔެކެވެ.

"އައުޗް......" މަދީނާ އަށް ހަޅޭއްލަވައިލެވުނެވެ.

***

މާޒިމް އާއި އުރުޖުވާން ސިއްރު ސިއްރުން ކޮޓެޖުން ނިކުތެވެ. މާޒިމް އުރުޖުވާން އަށް ދިއްކޮށްލީ ހެލްމެޓެކެވެ. އޭރުދި ކުރިމަތީގައި ހުރީ ބޮޑު ސައިކަލެކެވެ. ރާއްޖެ އިން މިކަހަލަ ސައިކަލެއް އުރުޖުވާން ދުވަހަކުވެސް ދެކެފައެއް ނުވެއެވެ. ޖެހިލުންވެފައި ހުރެވުނެވެ.

"ޓްރަސްޓް މީ....އައި ހޭވް ލައިސެންސް....." އުރުޖުވާން ގެ ބޮލުގައި ހެލްމެޓް އަޅައިދެމުން މާޒިމް ބުނެލިއެވެ. ދަންވަރުގެ އެ ފިނިކަން އިންތިހާއެވެ. ކޯޓު ލައިގެން ހުރި އިރުވެސް އޭނަ ރޫ ރޫ އެޅިއެވެ. ސައިކަލަށް މާޒިމް އެރުމަށް ފަހު އުރުޖުވާން އެރުމަށް އެދުނެވެ.

" ހޯލްޑް ޓައިޓް...."

" ދަތުރު ދުޢާ ކިޔަން މަޑުކޮށްބަ...." އުރުޖުވާން ހުރީ ބިރުންކަން މާޒިމް އަށް އެނގުނީ ޖެކެޓް ގައި ހިފައިލިލެއް ބާރުކަމުންނެވެ. ކުޑަކޮށް ހެވުނު ނަމަވެސް އަވަހަށް ދަތުރު ދުޢާ ކިޔައިލިއެވެ. ފަރުބަދަ ހިސާބެއް ކަމުން މަގުތައް ވަރަށް ހަންޏެވެ. ބައެއް ހިސާބުގައި އެއްވެސް އަލިކަމެއް ނެތް އިރު އެއްބައި ހިސާބުގައި ވެސް ހުރީ ވަރަށް ފަނޑު އަލިކަމެކެވެ.

" ޔޫ ވިލް ފޮގެޓް އޯލް ޔޯ ފިއަސް....އައި ޕްރޮމިސް...." އުރުޖުވާން މަޑުން ހުރުމުން މާޒިމް ބުނެލަދިނެވެ. އަދި ފޯނުން ޤުރުޢާން ޖައްސާލިއެވެ. އެ ޝަހަރުގެ އަރާމު ކަމާއި ޤުރުޢާނުގެ އަޑު އެކުވެ ހިތަށް ގެނެސްދިނީ ބުނަން ނޭގޭފަދަ ހިތްފަސޭހަކަމެކެވެ. މަންޒިލަށް އައުމުގެ ކުރީން މާޒިމް އެދުނީ އުރުޖުވާން ލޯ މަރާލުމަށެވެ. ސައިކަލް ހުއްޓާލުމަށް ފަހު އުރުޖުވާން ސައިކަލުން ފައިބައިގެން މާޒިމް އަތުގައި ހިފަމުން އައެވެ.

" ނައު ޔޫ ކޭން އޯޕެން..." އުރުޖުވާންގެ ލޯ ހުޅުވާލުމުން އާޝޯހުވާވަރުވިއެވެ. ހީވީ އަސްލުވެސް ހުވަފެނީ ދުނިޔެއަކަށް މިހާ ދަތުރުކުރެވުނު ހެންނެވެ. މަޑު ފެހިކުލައަކުން އަލިގަދަ ވައިލެޓާއި ފިޔާތޮށީގެ ކުލަ ފޭދެމުން ދިޔައީ އެ ކުލަތައް އެކަތި އަނެކެއްޗަށް މަސްހުނި ނުވެއެވެ. ކުލަ ބަދަލުވަމުން ނަށަމުން ދިޔައީ މަޑު ރާގުގައެވެ. އެ އަލީގެ ތެރެއިން ތަރިތައް ވިދަމުން ދިޔައެވެ. އުޑުގައި ރަސްކަން ކުރަމުން ދިޔައީ އަލިގަދަ ހަނދެކެވެ. ސްވިޒަލޭންޑްގެ ވާދީތަކާއި ފަރުބަދަތަކާއި އާދަޔާ ޚިލާފު ރީތި އަވަށްތައް އަރޯރާގެ އަލިކަމުން ފެންވަރުވަމުން ދިޔައެވެ.

" ސުބްޙާނައް ﷲ...." އުރުޖުވާން ހުރީ އެސްފިޔަޖަހައިލަން ވެސް ނޭނގިފައެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު