"ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ ހަދީސްގައިވެއެވެ. ދުނިޔޭގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަސްތަކަކީ ހައްޖުމަހުގެ ފުރަތަަމަ ދިހަ ދުވަހެވެ."

***

" ޕިސް....ކަމެއް ނުވޭ....." އުރުޖުވާން އަވަހަށް ފޮޓޯ ނެގުމަށް ހީލިއެވެ. އަދި ދެމީހުން އަތުގުޅާލައި ހިނގައިގަތީ އެތަނުގައި ފެންސް ޖަހާފައި ހުރި ހިސާބަކަށެވެ. އެތާ ތިރިން މުޅި އަވަށުގެ ރީތިކަން ފެންނަން ހުއްޓެވެ. ސްނޯ ވެހިފައި އޮތަސްވެސް އެ ބިންގަނޑުން ކޮންމެވެސް ވަރަކަަށް ފެހި ކަން ފެންނަން ހުއްޓެވެ.

" މަދީނާގެ ޚަބަރެއްވެސް ނުވޭ.....އެއްވެސް ފޮޓޯއެއްވެސް ނެތް ބަލާފަ..." އުރުޖުވާން ޝަކުވާ ކުރިއެވެ. މާޒިމް ވެސް އެކަމާ ހުރީ ކަންބޮޑުވެފައެވެ. އަނެއްކާ މަދީނާ ބަލިވީ ބާއޭވެސް ހިތަށް އެރިއެވެ. އޭނަ ކަންބޮޑުވީވަރުން އަވަހަށް ކެނާން އަށް ފޯނު ކުރިއެވެ. ރޭންޖް ދަށްވާތީވެ އެކި ދިމަ ދިމާއަށް ފޯނު ހިފައިގެން އެނބުރުނެވެ. އުރުޖުވާން އަށް މަންޒަރު މަޖާ ވެ ވީޑިއޯ ކުރަމުންދިޔައެވެ.

***

ކޮޓެޖްގެ ތެރޭގައި ހީ ފިލުވައިދޭފަދަ އަރާމު ހޫނެއް ވިއެވެ. މީރު ކޭކެއް ފިހޭ ވަހާއި އެކު ފަހަދް އަށް ބަނޑުހައިހޫނުކަން އިހުސާސް ކުރެވެން ފެށިއެވެ. ފަރަހް ބުނި ކަންތައް ކުރުމަށް ވުރެ އޭނަ ގެ ސަމާލުކަން ދަމައިގަތީ މޭޒުމަތީ ހުރި ކޭކާއި އާވި އަރަ އަރައި ހުރި ކޮފީ ތައްޓެވެ.

" ޔޫ ކޭން ހޭވް އިޓް....މާޒް އަށް ދޭން އައި ވިލް މޭކް ވަން މޯ...." އުރުޖުވާން ގެ މަޑުމައިތިރި އަޑު ކަންފަތުގައި ޖެހުނެވެ. ފަހަދް ޝުކުރު އަދާކުރުމުގެ ގޮތުން ބޯ ޖަހައިލައި ހިނިތުންވެލިއެވެ. ލަކުޑިން ހަދާފައި ހުރި ދިގު މޭޒު ހުރީ ބަދިގެއާއި އެކީގައެވެ. ބަދިގޭގައި ކުރާ ހުރިހާ މަންޒަރެއް ރިތިކޮށް ފެންނަން ހުއްޓެވެ. އުރުޖުވާން ގެއަށް ވަންއިރު އަތުގައި ހުރީ އެކި ކުލަ ކުލައިގެ ފިނިފެންމާބޮނޑިއެކެވެ. އަވަސް ވެލާފައި ހުރީ އެ އަވަހަށް މާވަށީގައި ޖެހުމަށެވެ. އުރުޖުވާން އެ މާ ތައް ވަށީގައި އަތުރަމުން ދިޔަ އިރު އެ ލޮލުގައި ވި ޝައުގުވެރިކަމަށް ފަހަދް ގެ ލޯ އަމާޒުވިއެވެ. ފަހަދް ގެ ނަޒަރު ހުއްޓި ހުރިކަން ރޭކާލާން ހިނދުކޮޅެއް ނެގި ނަމަވެސް އަވަހަށް އުރުޖުވާން އޭނާގެ އަތް ދޮވެލައި ކޭކު ފޮއްޗެއް ކަނޑައިދީ ތަށްޓަކަށް ލައިދިނެވެ.

" ބަނާނާ ކޭކެއް ދޯ.....މާޒް އަށް ވަރަށް މީރުވާނެ.....މި ނޫން ކޭކެއް ނުކާނެ...."އެ ތަނުގައި ހިފެހެއްޓިފައި ހުރި ހަމަހިމޭންކަން ކަނޑުވައިލިއެވެ. އުރުޖުވާން ގެ މޫނަށް އެވަގުތު ރަކި ހިނިތުންވުމެއް ފާޅުވިއެވެ. އެވަގުތު މާޒިމް އާއި ފަރަހް ވެސް ގެއަށް ވަންނަނީއެވެ. ޒެލްޑާ އައި އެމީހުން ގެ ފަހަތުންނެވެ.

" އަނހަ.....މި ކޮން ކަމެއް....." ފަރަހް ފާޑަކަށް އަނގަ ހަދާލަމުން ބުނެލިއެވެ. މަގްސަދަކަށް ވި މާޒިމް ގެ ސިކުނޑިއަށް ނުބައި ތަސައްވަރެއް ވެރިކުރުމެވެ. އެވަގުތު ކޮފީ ތަށި ހަދަންހުރި އުރުޖުވާން ގެ އަތަށް ހޫނު ފެން ބަންޑުންވިއެވެ. އަދި ފަހަދް އަށް ދުވެފައި ކަހަލަ ގޮތަކަށް އުރުޖުވާން އާ ދިމާ އަށް ދެވުނެވެ. ނަމަވެސް މާޒިމް ފަހަތުގައި ހުއްޓަސް ކުރި ހޯދިއެވެ.

" އޯކޭ ތަ؟ސިއްސައިގެން ދިޔައީ ދޯ..... ފަރަހް ގެ ބޮޑު އަޑެއް ވިއްޔާ އޮންނަނީ...." މާޒިމް ގެ އަޑުގައި ސަމާސާ ރާގެއް ހުއްޓަސް ހަގީގަތުގައި ފަރަހް އެ ކަން ކުރި ގޮތުން އޭނަ ހުރީ ހިތްހަމަނުޖެހިފައެވެ. ޒެލްޑާއަށް އެވަގުތު ހެވުނެވެ. ފަރަހް ޒެލްޑާ އާއި ދިމާލަށް އެނބުރި ކަޅި އަޅައިލިއެވެ.

ފަހަދް ހުރީ ލަދުގެންފައި ކަހަލަ ގޮތަކަށެވެ. ނަމަވެސް އަތް ދޮންނަން ކަމަށް ހަދައި ބަދިގެ ތެރެއިން ނިކުމެ މޭޒު ކައިރީ އަނެއްކާ ވެސް އިށީނެވެ. އަދި އެވަގުތު ފަރަހް ވެސް އައިސް ފަހަދް ގެ ކައިރީ ހުރި ގޮނޑީގައި އިށިނެވެ.

""ކޮބާ...ޑަން ތަ؟" ފަރަހް އަހައިލީ ސިއްރުންނެވެ. ފަހަދް ބޯ ޖަހައިލިއެވެ. ފަރަހް އެ ކުރަން ބުނި ކަމަކީ ފަހަދް ދެކޭގޮތުގައި ބޭނުމެއް ހުރި ކަމެއް ނޫނެވެ. ފަރަހް ގެ ހިތްހަމަޖެހުމަކަށް އެކަން ކޮށްފިމޭ ބުނެލީއެވެ. ފަހަދް ގެ ކަޅު ކޮފީ ތަށިްނ ކޯވަރެއް ބޯލުމަށް އަނގަ ޖެހިތަނާ ފަހަދް އަށް އެތަށީގައި ހިފުނެވެ. އަދި ބޯ ހުރާލީ ނުބުއިމަށް އެދޭފަދައިންނެވެ.

" އަޅެ...ފަހަދް ހާދަ ދަހިވީ.....ޝެއަރިންގ އިސް ކެއަރިން..." ޒެލްޑާ ހިނިތުންވެލަމުން ބުނެލިއެވެ. އުރުޖުވާން އާއި މާޒިމް ވެސް އެވަގުތު ގޮނޑީގައި ހަމަޖެހިލިއެވެ.

" ނޫނޭ....ފަރަހް މިހާރު ކެފެއިން ބްރޭކެއްގަ.....ދޯ..." ފަރަހް ބަނޑުބޮޑުވީމައި އެއީ ސިއްހަތަށް ގެއްލުން ވާނޭ ކަމެއް ކަމުން ފަހަދް އެކަމާ ނުރުހުނީއެވެ. ނަމަވެސް ބަހަނާއެއް ދައްކާލީއެވެ. އެވަގުތު ފަރަހް ތުން ފިއްތައިލާ ހިނިތުންވެލިއެވެ. ފަހަދް ގެ ކަންތައް ހުންނަ ގޮތުން ރުޅި އަޔަސް ފަހަދް ގެވެސް ހިތް ރުއްސަން ޖެހެވެ.

" އެކަމު....ނިކޮޓިން މާ ސަކަރާތެއް ނު......މިއަދުވެސް ދެތިން ސިގިރޭޓް ބޮއެފި ވިއްޔާ....ސިގިރޭޓުގަ އަޅެ ކޮން ރަހެއްތަ ލަނީވެސް...." ޒެލްޑާ ކޭކު ފޮއްޗެއް އަގަޔަށް ލަމުން ބުނެލިއެވެ. ފަރަހް އެކަން ކުރަނީ ސިއްރުވެރިކޮށް ކަން އެނގިހުރެވެސް މެއެވެ. ފަހަދްގެ އަތް މުށްކަވައިލެވުނެވެ. ފަރަހް ލަދުގަންނަގޮތްވިއެވެ. އެއީ މާޒިމް އަށް އޭނާގެ ފަރާތުން ކަމުނުދިޔަ އެއް ކަމަކީ އޭރުވެސް ސިގިރޭޓް ބުއިން ކަމަށް ވާތީއެވެ. އުރުޖުވާން އަށް އެ އިވުނު ވާހަކައިން ކުޑަކޮށް ކޮށި އަރާގޮތް ވެސް ވިއެވެ.

" ފަރަހް ޔޫ ސީރިއަސްލީ ނީޑް ހެލްޕް.....ޑޮކްޓަރ އަކަށް ވެ ހުރެ ދެން ތިކަހަލަ ކަން ކުރީމަ ކަޑަ...." މާޒިމް އަށް ބުނެލެވުނެވެ. ފަރަހް އަށް ކުރީގައިވެސް އަބަދުވެސް ނަސޭހަތްތެރިވާ ކަމެއް ކަމުން މާޒިމް އަށް އެއީ އެހާ އާ ކަމަކަށް ނުވެއެވެ.

" އާންޓީ ވެސް ދޯ ދެން....ފަރަހް އެއް ނުކުރަން....އާންޓީ ވެސް ހެލޫސިނޭޓިން ދޯ...." ފަރަހް ދޮގުހެދިއެވެ. ޒެލްޑާގެ މަންމަ މަތީން ހަނދާންކޮށްދޭފަދަ ގޮތަކަށް ބުނެލީ ވެސް ޖެއްސުމަށެވެ. އެވަގުތު ފަހަދް ގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. އަވަހަށް ގޮނޑީން ތެދުވެ ދުމެއް ޖަހައިފައި ނިކުތީ ބޭރަށެވެ. ކޯޓު ވެސް ނުލައެވެ.

"އެކްސްކިއުޒް މީ..." ފަރަހް ތުއި ގޮތަކަށް ބުނެލައި ފަހަދް ގެ ފަހަތުން ނިކުތެވެ. މާޒިމް އަށް އެވަގުތު ފުން ނޭވާ އެއް ދޫކޮށްލެވުނެވެ.

" ޑޯންޓް ވޮރީ.....އެ ރަނަގަޅު ވާނެ...ހުރިހާ ލޯބިވެރިންވެސް އުޅޭނީ އެހެން....ފައިޓް ވެސް ކުރާނެތާ...." ޒެލްޑާ ބޭނުންވީ ތަނުގައި ވި ޓެންޝަން ފިލުވައިލުމަށެވެ. އެވަގުތު އުރުޖުވާން އަށް މާޒިމް އަށް ބަލައިލާފައި ހެވުނެވެ. ހިތަށް ވެރިވީ ކުރީގައި މާޒިމް އާއި ދެމެދުގައި އޮންނަ ރުޅިވެރިކަމެވެ. އެވަގުތު މަދީނާ މަތީންވެސް ހަނދާން ވިއެވެ.

" މަދީނާ ގެ ޚަބަރެއް ވި ތަ؟އަދިވެސް ރިޕްލައި އެއް ނުދޭ....ހަމަ ސީން އަރާފަ އިންނަނީ ކުރާ މެސްޖަތަކަށް..." އުރުޖުވާން ކަންބޮޑުވުން ފާޅުކުރިއެވެ.

"ކެނާން ބުނި އޯކޭ އޭ....އަހްމަދް ބެ އައިސްގެން އުޅޭތީ ބިޒީ ވީ ކަންނޭނގެ..." މާޒިމް ބުނެލިއެވެ. ނަމަވެސް މާޒިމް ވެސް ހުރީ މަދީނާ ގެ ފާރަތުން ހަބަރެއް ނުވާތީ ކަންބޮޑުވެފައެވެ.

***

"އަންކަލް...އަހަންނަށް ހުރިހާ ވާހަކައެއް ކިޔައިދީ..." ކެނާން އިނީ މަދީނާގެ އެނދު ކައިރީ ހުރި ގޮނޑީގައި އިށީނދެގެންނެވެ. މަދީނާ އޭރު އޮތީ ފުން ނިންޖެއްގައެވެ. ހަމަޔަކަށް އެޅެން ވަގުތު ނެގި ނަމަވެސް އެ ފަކީރު ގައިގައި އެޅި ވޭން ފެނުނު މީހެއްގެ ލޮލުން ކަރުނަ ހިލާނެއެވެ. އެދެއްކި ވާހަކަ ތަކުން ކޮންމެވެސް ވަރަކަށް ތެދުވެރިކަން ކެނާން އަށް ހާމަވިއެވެ. ނަބީލާ ދިރި ހުރިކަން ކޮންމެވެސް ވަރަކަށް ޝައްކު ވިއެވެ. ނަމަވެސް އެކަން ޔަގީން ކުރަން ބޭނުންވީ އަހްމަދު ގެ ދުލުންނެވެ.

" ނާޝިދު....." އަހްމަދު އޭނާގެ ފޯނު ދިއްކޮށްލިއެވެ. ކެނާން އޭނާ ގެ އަތް ތުރު ތުރު އަޅާ ހާލުގައި ފޯނު ހޯދިއެވެ. ހީވީ ހަގީގަތާއި ކުރިމަތިލާންވެސް އޭނަ ފަސްޖެހުނުހެންނެވެ. ފޯނު ސްޕީކަރަށް ލައި އަޑުއަހަމުން ދިޔައެވެ. ނާޝިދު ހުރިހައި ވާހަކަ އެއް ކައިޔައިދެމުން ދިޔައެވެ. ހުޝަލް ވެސް ވާހަކަދެއްކިއެވެ. ކެނާން ހުރީ ބަސްހުއްޓި ގޮތް ހުސްވެފައެވެ.

"ކީއްވެ ސިއްރުކުރީ؟ އެއީ އަހަރުމެންގެވެސް މަންމަ އޭ...." ކެނާން ގެ ލޮލުގައި ކަރުނަ ގިނަވެގަތެވެ. ހުޝަލް އެފަދަ ކަމެއް ކޮށްފާނެ ކަމުގައި ކެނާން ދުވަހަކުވެސް އުއްމީދެއް ނުކުރައެވެ. މިފަދަ އޮޅުވާލުމެއްގެ ތެރޭގައި ހުރެވުނީތީ އެކަމުގެ މޮޔަވެސް ހިތަށް އެރިއެވެ.

" ހާލަތު....ކެނާން...މަނަމް ގެ ހާލަތު ހުރި ގޮތުން ކިޔައި ނުދެވުނީ....ޕްލީޒް އަދި މާޒް އަށް ނާންގާތި" ހުޝަލް އާދޭސްކުރިއެވެ. އަދި މާޒިމް އަށް ކަން އެނގުމުން ވާނެ ދެރަ ހިތަށް އެރިއެވެ. ކެނާން ވެސް ހުރީ ގޮތް ހުސް ވެފައެވެ. މިދިމާވި ކަނަތަކަށް ވުރެ ބޮޑަށް މަންމަ ދުނިޔެގައި ހުރި ކަން އޮޅުވާލަމުން ގެންދިޔުމުން ރުޅި އިސްކުރެވުނެވެ.

" ހުޝަލް، އަހަރެން ހީނުކުރަން ހުޝަލް ތި ފަދަ ކަމެއްގައި ބައިވެރި ވެދާނެ ކަމަށް..... ހަމަ ބައްޕަގެ ފޮތުން ރަނަގަޅަށް ކިޔަވައިގެން ތިހިރީ މިހާރު......މަންމަ އަށް ތި ވޭން އަޅަން ޖެހުނީ ވެސް ހަމަ ތި ނާޝިދުގެ ކަންތައް ހުރިގޮތުން..." ކެނާންގެ ވާހަކައިގާ ހުރީ ނުރުހުމެވެ. އަދި ފޯނު ކަނޑާލިއެވެ. އަދި އަހްމަދު ކައިރީ ވެސް އެދުނީ ކޮޓަރިން ނިކުތުމަށެވެ. މިވަގުތު ކެނާން ބޭނުުންވީ އޭނާގެ ޚިޔާލުތަކާއި އެކީ އެކަނިވެލުމަށެވެ. ނިދިފައި އޮތް މަދީނާ ގެ އަތަށް ފިތާލެވުނެވެ. އެ މައުސޫމު މޫނުކޮޅުން އޭނާގެ މަންމަ ފެންނަ ފަދައެވެ.

***

"މިރެއަށް ވާވަރަށް މި ނިމުނީ...މާދަމާ އިންޝާ ﷲ އަނެއްކާވެސް....ނަބީލާ ގެ ސިއްހަތު ހުރި ގޮތުން މިކަން ވާނީ ވެސް ބޭނުންވި ވަރަށް ވުރެ ލަހުން.....ވަރަށް ކެތްތެރިވާން ވާނެ..." ރާޤީ އެންމެނަށް ހިތްވަރު ލައިދިނެވެ. އަދި މަދީނާ އަށް ވެސް އަސަރު ކުރާކަން އެނގުމުން ރާޤީ ބޭނުންވީ މަދީނާ ވެސް މިކޯލަށް ގެނައުމަށެވެ. އެއީ އެ ދެމީހުންނަށް ހަދާފައި ހުރި ސިހުރަކީ ގުޅުވިފައި އިން ސިހުރަކަށް ވާތީއެވެ. ހަގީގަތާއި ކުރިމަތީލާނެ ހިތްވަރެއް ނާޝިދުގެ ގައިގައި ނެތަސް މިހާރު އެންމެނަށް ހަގީގަތް ހާމަކުރަ ވަގުތު ޖެހިއްޖެ ކަން އޭނާއަށް ވިސްނުނެވެ. ކެނާން ވެސް އޭނާގެ ރުޅި މަތަވުމުން ކަންވީގޮތް ވިސްނިދާނެއެވެ ނަމަވެސް މާޒިމް އަށް އެނގުމުން ވާނެ ގޮތަކާއި މެދު ކަންބޮޑުވިއެވެ.

"ބައްޕާ...މިހާރުވެސް މާލަސްވެއްޖެ...ކެނާން ވެސް ރުޅި އައީ ހުރިހައި ކަމެއް ފޮރުވުމުން....ނޭނގޭ މާޒިމް ރިއެކްޓް ކުރާނެ ގޮތެއްވެސް...." ހުޝަލް ދެކޮޅަށް ހިނގަމުން ހާސްވެފައި ހުރެ ވާހަކަދެއްކިއެވެ. އޭނާއަށް ވެސް ކެނާން ދެއްކި ވާހަކައިން ކަމުގެ ހަގީގަތް ފޮރުވުމުން ކުރެވުނީ ކުށެއް ކަމުގައި އިހުސާސްކުރެވުނެވެ.

ހުރިހައި ކަމެއް މިފަދަ ގޮތެއްގައި ނިއުޅިގެން ހިނގައިދާނެ ކަމަކަށް ނާޝިދު ދުވަހަކުވެސް ހިތަށް ނާރައެވެ. ރުޤްޔާ އަކީ އޭނާ ކުރިން ދުވަހަކު ގަބޫލު ކުރި ކަމެއްވެސް ނޫނެވެ. ޤުރުޢާންގެ އާޔަތްތަކުގެ ބާރުގަދަ ކަން ވިސްނިފައިވެސް އޭނަގެ ގައިން ހީބީހި ނަގާލިއެވެ. ދީނާއި މީހާ ދުރުވެފައި ވާ ވަރު ވިސްނާލެވުމުން ހިތަށް ނޭނގޭ ފަދަ އަސަރެއްވެސް ކުރިއެވެ. ދިރިއުޅުމުގެ ހަމަޖެހުން ގެއްލެން މެދުވެރިވީވެސް އޭނާގެ އަމަލުތައް ހުރި ގޮތުންކަން ވިސްނުނެވެ. ޒަވާޖީ ހަޔާތް ހަލާކުވެ ދަރީން ގެ ނަފްރަތާއި ކުރިމަތިލާން ޖެހުން އޭނާއަށް މި ދުނިޔެގައި ލިބެމުންދާ އެންމެ ބޮޑު ދެރައަކީ ޒަވާޖީ ހަޔާތް ހަލާކުވެ ދަރިންގެ ނަފްރަތާއި ކުރިމަތލާން ޖެހުމެވެ. މާތް ﷲ ގެ މަގަށް ރުޖޫއަ ވުމަށް ވިސްނެން ފެށުނެވެ. ދެއަތް އުފުލާ އެ އިލާހުގެ މަދަދަށް އެދުމަށެވެ. ހުޝަލް ވާހަކަ ދައްކަމުން ދިޔަސް ނާޝިދު ހުރީ އޭނާގެ ސިކުނޑީގައި ހުރި ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައެވެ. ކުޑަކޮށް ގައިގާ ކޮށްޓައިލުމުން އޭނައަށް ހޭވެރިކަންވިއެވެ.

"ބައްޕަ މިދަނީ....ނަމާދަށް...." ހުޝަލްގެ މޫނަށް ނަޒަރު ހުއްޓައިލިއިރު ނާޝިދު ގެ ލޯ އުޖާލާވިއެވެ. ހީވީ ހުރިހައި ކަމެއްގެ ހައްލު އޭނާއަށް ހޯދުނީ ހެންނެވެ. ހުޝަލް އަށް ހައިރާންވެފައި ހުރެވުނީ އޭނާގެ ބައްޕަގެ ދުލުން ދުވަހަކުވެސް އަޑު އިވޭނޭ ކަމަށް އުންމީދު ނުކުރާ ލަފްޒެއް އަޑު އިވުމުންނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު