އިޒްރޭލަށް ރާއްޖެ ބަންދު: ދިވެހީންނަށް ތަދުކޮށްފާނެ؟

އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގޮވާލި އެއްވުމެއްގެ ތެރެއިން: އިޒްރޭލު މީހުންނަށް ރާއްޖެ ނާދެވޭ ގޮތް ހަދަން ވަނީ ނިންމާފައި -- ސަން ފޮޓޯ/ އިބްރާހިމް ނާއިޝް

އިޒްރޭލުގެ ޔަހޫދީންނަށް ރާއްޖޭގެ ދޮންވެލިގަނޑުގައި އަރާމުނުކުރެވޭނެ ކަމަށް ސަރުކާރުން ނިންމި ނިންމުމަށް މުޅި ދުނިޔޭގެ ކަޅި ހުއްޓުނެވެ. ދުނިޔޭގެ ހަތަރު ބިތުގައި ވެސް ފަލަ ސުރުޚީގައި 'މޯލްޑިވްސް ބޭންސް އިޒްރޭލް' އޮތެވެ. އެއީ، ކުޑަކުޑަ ނިންމުމެއް ނޫނެވެ.

ފަތުރުވެރިކަމަށް މުޅިން ބަރޯސާވެފައި އޮންނަ ރާއްޖޭގެ އެންމެ ތަފާތު އެއް ސިފައަކީ މުޅި ދުނިޔެއަށްކީ މަރުހަބާއެވެ. ކޮންމެ ނަސްލެއްގެ، ކޮންމެ ވިސްނުމެއްގެ، ކޮންމެ ދީނެއްގެ، ކޮންމެ ހިޔާލެއްގެ، ކޮންމެ ކުލައެއްގެ މީހަކަށް ވެސް ރާއްޖެ ޒިޔާރަތްކުރެވޭ ކުރެވުމެވެ. ރާއްޖެއިން އެ މީހުންނަށް އަދާކުރާ މެހުމާންދާރީއަކީ މި ތަނުގެ ދޮންވެލި ގޮނޑުދޮށާއި ސާފު ރީތި މޫދަށް ފަތުރުވެރިންގެ ހިތް ގަންބުވާލާ ކަމެކެވެ.

މި ހަފުތާގެ އާދިއްތަ ދުވަހުގެ ވަޒީރުންގެ މަޖިލީހުގައި އޮތީ ޚައްސާސް މައްސަލައެކެވެ. މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައި އޮތް އިޒްރޭލް - ފަލަސްތީނު މައްސަލައިގައި، ޚާއްސަކޮށް ފަލަސްތީނުގެ މުސްލިމުންގެ ހައްގުގައި އަޅަންހުރި މުހިންމު ފިޔަވަޅުތަކާ ގުޅޭ މަޝްވަރާއެވެ. އުފެދެމުން ދިޔަ އޮއިވަރާއި ދިވެހީންގެ ވިންދުހުރި ގޮތުން، އެ ދުވަހު އިޒްރޭލު ޕާސްޕޯޓު މަނާކުރަން ނިންމާނެކަން އޮތީ އެނގިފައެވެ.

https://sun.mv/192738

އެ ދުވަހުގެ މެންދުރުން އެނބުރިތަނާ ރައީސް އޮފީހުގައި ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި ދާޚިލީ ވަޒީރު އަލީ އިހުސާން އިއުލާނުކުރެއްވީ އިޒްރޭލު މީހުންނަށް ދެން ރާއްޖެ ނާދެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ނިންމި ވާހަކައެވެ. ރާސްލާފައި މުޅި ދުނިޔޭގެ މީޑިއާތަކުގައި ފަލަ ސުރުޚީ އަޅަން ފަށައިފިއެވެ. ދިވެހީންގެ ތައުރީފު އޮހެމުންދިޔައިރު ދުނިޔޭގެ އެކި ކަންކޮޅުތަކުންނާއި ޚާއްސަކޮށް ފަލަސްތީނުގެ މަޝްހޫރު އެކްޓިވިސްޓުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރިއެވެ. އެއީ، އެ މީހުންގެ ހައްގުގައި އެ ވަރުގެ ނިންމުމެއް ނިންމީމައެވެ.

އޭގެ އަނެއް ކޮޅު ވެސް އެބައޮތެވެ. އިޒްރޭލަށް ވާގިވެރިވާ ޔަހޫދީންގެ ގްރޫޕުތަކުން ރާއްޖެއަށް ފާޑު ވެސް ކިއެވެ. ދެން އަޑުއިވުނީ ދުނިޔޭގެ އެންމެ ބާރުގަދަ އެއް ގައުމު ކަމަށްވާ އެމެރިކާއިން ރާއްޖެއަށް ދޭ އެހީތައް ކަނޑާލަން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ މެންބަރަކު ބިލެއް ތައްޔާރުކުރާ ވާހަކައެވެ. އެ ވާހަކައާ އެކު އިޒްރޭލަށް ރާއްޖެ ބަންދުކުރުމުގެ އަސަރު ދިވެހީންނަށް ފޯރާނީ ކިހާ ވަރަކަށްތޯ ބޮޑު ސުވާލެއް އުފެދުނެވެ.

އިޒްރޭލުން ބުނީ ކީކޭ؟

ސަރުކާރުގެ އެ ފިޔަވަޅާ އެކު އިޒްރޭލުން ވެސް އެ ކަމާ ބަސް ބުންޏެވެ. ޚާއްސަކޮށް އެ ގައުމުގެ މީހުންގެ ހިތަށް އަސަރުކޮށްގެން އެކްސްގައި ލައްކަ ޒާތްޒާތުގެ ވާހަކަ ފެތުރިއެވެ. އެ މީހުންގެ ބާރުވެރިކަން ހިނގާ މީޑިއާތައް މެދުވެރިކޮށް ރާއްޖެއާ މެދު މީހުން ދެކޭގޮތް ބަދަލުކުރެވޭތޯ މަސައްކަތްތަކެއް ކުރިއެވެ.

ދި ޓެލެގްރާފްގައި ރާއްޖެއަކީ ހަރުކަށި އިސްލާމީ ވިސްނުންތަކެއް ގެންގުޅޭ ގައުމެއްގެ ގޮތުގައި ސިފަކޮށް ލިޔުމެއް ވެސް ލިޔެފައި އޮތެވެ.

https://sun.mv/192862

އިޒްރޭލުގެ ސަރުކާރުން ރަސްމީ ސިފައެއްގައި ބުނި ފުރަތަމަ ބަހަކީ އެ ގައުމުގެ ރައްޔިތުންގެ ކިބައިން ރާއްޖެ ދޫކޮށްދާން އެދުމެވެ. ކަމެއް ދިމާވެދާނެ ހާލަތެއްގައި ވެސް އެ މީހުންނަށް ކޮށްދެވޭނެ މާ ބޮޑު ކަމެއް ނެތް ކަމަށް ބުނެ، ރާއްޖެގައި ތިބި އިޒްރޭލު މީހުން އެނބުރި ގައުމަށް ދާން ލަފާދިނެވެ.

އެކަމަކު، ސީދާ ގޮތެއްގައި ރާއްޖޭގެ ފިޔަވަޅާ ގުޅިގެން އިޒްރޭލުން ރަސްމީ ބަހެއް ނުބުނެއެވެ. ރައްދުގައި އެއްޗެއް ނުއެއް ބުނެއެވެ.

ފަތުރުވެރިކަމަށް އަސަރުކުރާނެ؟

އިޒްރޭލު ފަތުރުވެރިން ނާންނާތީ ސީދާ ގޮތެއްގައި ރާއްޖެއަށްކުރާ އަސަރު ކުޑަވާނެއެވެ. އެއީ،

  • ރާއްޖެއަށް އަހަރެއްގެ މައްޗަށް އިޒްރޭލުން އަންނަނީ އެއް އިންސައްތަ ފަތުރުވެރިން
  • މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކުރީ އެންމެ 10،966 އިޒްރޭލު ފަތުރުވެރިން

އެ ނަންބަރުތަކުން އިޒްރޭލު މީހުން ނައިސްގެން މާ ބޮޑު ގެއްލުމެއް ނުވާނެކަން ޔަގީންވެއެވެ. އެކަމަކު، ނިންމުމުގެ އަސަރުކުރާނީ ބްރޭންޑަށް ކަމަށް ދާއިރާގެ ތަޖުރިބާކާރުން ގަބޫލުކުރެއެވެ.

ރާއްޖޭގެ އެންމެ މަޝްހޫރު ސިފަ ނުވަތަ ބްރޭންޑަކީ އެންމެންނަށް މަރުހަބާ ކިޔުމެވެ. އެކަމަކު، އިޒްރޭލު މީހުންނަށް ރާއްޖެ ނުވަދެވޭގޮތް ހަދާނެކަން އިއުލާނުކުރުމާ އެކު އެ ސިފަ ގެއްލިއްޖެ ކަމަށް ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުން ގަބޫލުކުރެއެވެ.

"ރާއްޖެއަކީ އެންމެންނަށް މަރުހަބާ ކިޔާ ތަނެއް. ހުރިހާ ގައުމެއްގެ ހުރިހާ ނަސްލެއްގެ ހުރިހާ ދީނެއްގެ ހުރިހާ ފިކުރެއްގެ ހުރިހާ ވިސްނުމެއްގެ މީހުން ވެސް މި ހުރިހާ ދުވަހަކު ރާއްޖޭގައި ވަރަށް ސޭފް. އެ ބްރޭންޑޭ މި ގެއްލެނީ،" ފަތުރުވެރިކަމުގެ ދާއިރާގައި 10 އަހަރުވީ މީހަކު ބުންޏެވެ.

"މިހާރު ވާގޮތަކީ ހަގީގަތުގައި ބޭރުގެ މީހުންނަށް ޔަހޫދީން ވިސްނައިދޭނީ ރާއްޖޭގައި މިހާރު އޮތީ ހަރުކަށި ވިސްނުންތަކެކޭ. އެހެންވީމާ އެ މީހުން އެހާ ސޭފް [ރައްކާތެރިކަން] އިހުސާސެއް ނުކުރެވޭނެ ރާއްޖެ އައިސް އުޅޭއިރު. އެ މީހުންނަށް ހައްތަހާ ވެސް ހީވާނީ ބެހޭނޭ. މަގުމަތިން ގޮތެއް ހަދާފާނޭ،"

އިޒްރޭލު މީހުންނަށް ރާއްޖެ ނާދެވޭގޮތަށް މަނާކުރުމުގެ ހިތި އަސަރު ދިވެހި ފަތުރުވެރިކަމަށް ކުރާނެ ކަމަށް އެ ދާއިރާގެ ތަޖުރިބާކާރުން ގަބޫލުކުރެއެވެ. ޚާއްސަކޮށް ދިވެހި ބްރޭންޑަށް އެ އަސަރުކުރާނެއެވެ. ރާއްޖެ އަންނަން ކޮންމެ ވެސް ވަރަކަށް ޖެހިލުންވާނެއެވެ.

ރާއްޖެއިން ފަތުރުވެރިންތަކަކަށް މަރުހަބާ ކިޔަނީ -- ފޮޓޯ/ އެމްއެމްޕީއާރުސީ

"ދުނިޔޭގެ ހުރިހާ މައްސަލަތަކެއް ހައްލުކުރާނެ ވަގުތެއް، ވަސީލަތްތަކެއް އަޅުގަނޑުމެންނަކަށް ނެތް. ކުޑަ ގައުމެއްގެ ގޮތުގައި އޮވެ އަޅުގަނޑުމެން އެންމެ ފުރަތަމަ އިސްކަންދޭންޖެހޭނީ އަޅުގަނޑުމެންގެ އަމިއްލަ މައްސަލަތައް ހައްލުކުރުމަށް. ބަޔަކު ކިތަންމެ ބޭނުން ވިޔަސް އަދި ކިތަންމެ ކޮށްދޭ ހިތްވިޔަސް އަމިއްލަ ބާރު ނުހިންގޭ ކަންކަން ހުރޭ،" އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވިއެވެ.

އެކަމަކު، ފަތުރުވެރިކަމުގެ ދާއިރާގެ ބައެއް ބޭބޭފުޅުންގެ ހިޔާލު ތަފާތެވެ. ފަތުރުވެރިކަމުގެ ވިޔަފާރީގައި މަސައްކަތްކުރާތާ 15 އަހަރުވީ ވިޔަފާރިވެރިއަކު މައްސަލައިގެ ގޮތުން ނަން ނުޖަހާން ޝަރުތުކޮށް ވާހަކަދައްކަމުން މުހިންމު ކަންތައްތަކެއް ފާހަގަކުރެއްވިއެވެ. އެއް ކަމަކަށް ވިދާޅުވީ، އަބަދު ވެސް އެއް ގޮތް ނެތިއްޔާ އަނެއް ގޮތް އޮންނާނެ ކަމަށެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި މި ފަދަ ފިޔަވަޅުތައް އެޅުމަށް ފަހުގައި ސަރުކާރުން ހަރުދަނާ ގޮތެއްގައި ފަތުރުވެރިކަން ޕްރޮމޯޓުކުރުމުގެ ސިޔާސަތުތަކެއް އެކަށައަޅަން ޖެހެއެވެ. މިއީ، ރަޝިއާ، ޗައިނާ ފަދަ މާކެޓުތަކަށް ބޮޑަށް އިންވެސްޓްކުރަންވީ ވަގުތު ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/192790

"އަސަރެއް ކުރާނެ، އެކަމަކު ދެމެހެއްޓެނިވި ގޮތެއްގައި އިޝްތިހާރުކުރުމުގެ ރަނގަޅު ކަންތައްތަކެއް ކުރެވިއްޖެއްޔާ އަހަރެން ނުބުނާނަން ލޮޅުމެއް އަރާވަރުގެ އަސަރެއް ކޮށްފާނެއެކޭ. މުޅި ދުނިޔޭގައި ވެސް މީހުން ވަރަށް އަހުލުވެރިވެފައި އޮތް މައްސަލައެއް ފަލަސްތީނު މައްސަލައަކީ. ވީގޮތް، އިޒްރޭލު މީހުން މަނާކުރަން ޖެހުނީ ކީއްވެކަން އެ މީހުންނަށް ވެސް އަސްލު އެބަ އެނގޭ. އެހެންވީމާ މިއީ ލޯންގް ލާސްޓިން [ދިގުދެމިގެންދާނެ] އަސަރަކަށް ވެދާނެއޭ ހިތެއް ނުބުނޭ،" އެ ބޭފުޅާ ވިދާޅުވިއެވެ.

ރައީސްގެ ނަމޫނާ ފިޔަވަޅެއް، ބޮޑު ޒިންމާއެއް

މި ފިޔަވަޅު އަޅަން ނިންމިއިރުގައި ވެސް ރައީސް މުއިއްޒަށް މި ކަމުގެ ބޮޑުމިން އެނގިލައްވާނެއެވެ. މީގެ ކުރިން ރާއްޖޭގައި ވެރިކަން ކުރެއްވި އެއްވެސް ބޭފުޅަކަށް މި ފިޔަވަޅު އަޅުއްވާކަށް ކެރިވަޑައެއް ނުގަތެވެ. އެންމެ ސަބަބަކަށްޓަކައެވެ. ހުޅަނގުން އައިސްދާނެ ރޯޅިއެއް ނޭނގޭތީއެވެ.

ދިވެހީންނަކީ އަބަދު ވެސް ފަލަތީނުގެ މައްސަލައިގައި ވަރަށް ބޮޑަށް ވަކާލާތު ކުރާ ގައުމެކެވެ. ދިވެހީން އެ މީހުން އަތުން އެހީއެއް ވެސް ބޭނުމެއް ނޫނެވެ. ދިވެހީން އެ މީހުންނަށް މަރުހަބާ ކިޔާކަށް ބޭނުމެއް ނޫނެވެ. ކުޑަ ގައުމަކަށް ވުމަކީ ދުނިޔޭގެ ކަންކަމުގައި ބަސް ބުނަން އޮތް ހުރަހަކަށް ވެގެންވާނެ ކަމަކަށް ވެސް ގިނަ ދިވެހީން ގަބޫލެއް ނުކުރެއެވެ. އެ މީހުން ބޭނުންވަނީ ފަލަސްތީނުގެ ހައްގުގައި ކުރެވެން ހުރި ކަންކަން ކުރާށެވެ. ސާވޭ ޕޯލްތަކުން އެނގޭ ގޮތުގައި ދިވެހީންގެ މެޖޯރިޓީ ރައްޔިތުން އިޒްރޭލު ޕާސްޕޯޓު މަނާކުރަން ތާއީދެވެ.

ރައީސް މުއިއްޒު: އެ މަނިކުފާނު ވަނީ ފަލަސްތީނުގެ ހައްގުގައި ވަރުގަދަ ނިންމެވުމެއް ނިންމަވާފައި -- ފޮޓޯ/ ރައީސް އޮފީސް

ގަޓުހުރި ފިޔަވަޅެއް ރައީސް އަޅުއްވައިފިއެވެ. އެކަމަކު، ހަގީގީ ކަމަކާ ކުރިމަތިވާން އަދި އޮތީއެވެ. މި ފިޔަވަޅުގެ ސަބަބުން އެކިއެކި ފިއްތުންތައް ކުރިމަތިވާނެއެވެ. ބޮޑެތި ބާރުތަކުން ވައްވައް ވެސް ޖަހާނެއެވެ. ބިރު ވެސް ދައްކާނެއެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ މެންބަރަކު ހުށަހަޅުއްވަން ނިންމެވި ބިލަކީ ވެސް އެފަދަ ކަމެކެވެ. އެކަމަކު، ހަގީގަތަކީ އެ މީހުންނަށް ވެސް ރާއްޖެ މުހިންމުވާ ކަމެވެ. އެއް ގައުމު ނެތިއްޔާ އަނެއް ގައުމު އަބަދު ވެސް އޮންނާނެއެވެ. މުހިންމީ އެއްވެސް ބަޔަކު އެއްކޮށް ދުރުކޮށްނުލައި، ރުޅި އަރުވައިނުލާ ގެންގުޅުމެވެ.

އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް ފާހަގަކުރެއްވީ ވެސް އެ ކަމެވެ. އޭނާ ވިދާޅުވީ، ރާއްޖެއަށް ވެސް އެމެރިކާއާ އެކު އޮތް ސަލާމަތީ ގުޅުންތައް ދޫކޮށް، ޗައިނާއާ އެކު އަސްކަރީ އެއްބަސްވުންތައް ހަދަން ފެށިދާނެ ކަމަށެވެ. އެއީ، ހަމަ ޔަގީނުން ވެސް އެމެރިކާއިން ބޭނުންވާނެ ކަމެއް ނޫނެވެ.

"ރާއްޖެ - އެމެރިކާގެ ގުޅުމަކީ ދެ ފަރާތުގެ ގުޅުމެއް. އަޅުގަނޑުމެން ސަލާމަތީ ކަންކަމުގައި އެމެރިކާއަށް އެހީތެރިވެދޭއިރު، އެމެރިކާއިން އަޅުގަނޑުމެންގެ ސަލާމަތީ މުއައްސަސާތައް ހަރުދަނާ ކުރުމަށް އެހީތެރިވެދޭ،" ރާއްޖެއަށް ފިއްތާނަމަ އެމެރިކާއަށް ވެސް ދަތިކުރެވޭނެކަން ފާހަގަކުރައްވައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވިއެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ދުނިޔޭގެ ޖިއޯޕޮލިޓިކްސް މިހާރު އެތުރެމުން އަންނަ ގޮތުން އެއްވެސް ބޮޑު ބާރަކަށް ވެސް ކުދި ގައުމުތަކަށް ބިރުދައްކައިގެން ނޫޅެވޭނެއެވެ. ދުނިޔެ އޮތީ އެއަށް ވުރެ ބޮޑަށް ގުޅުން ބަދަހިކުރުމުގެ ސިޔާސަތެއްގައެވެ. އެހެންވެ، ރާއްޖެއަށް ވެސް މި ވަގުތު މުހިންމީ ގައުމުތަކާ އެކުގައި މަޝްވަރާކުރުމެވެ. އެކުގައި ތިބިކަން އެންގުމެވެ.

ސަރުކާރުން ޖެހޭނީ ވިސްނުންތެރިކަމާ އެކު މަޝްވަރާގެ ރިވެތި އުސޫލުގެ މަތިން ގައުމުތަކާ އެކުގައި ކުރިއަށްދާށެވެ. މި ވަރުގެ ބޮޑު ނިންމުމެއް ނިންމަން ވާނީ އަންނާނެ ފިއްތުންތަކާއި އެއާ ކުރިމަތިލާނެ ގޮތްތައް ވެސް ވިސްނާފައެވެ. އިޒްރޭލު މީހުން އައުން މަނާކުރި މެޑަލް ރައީސް ޖައްސަވައިފިއެވެ. ދިވެހީން މި ރައީސްގެ އެކަން ބަލައި ވެސް ގަނެއެވެ. އެކަމަކު، އެ މެޑަލާ އެކު ރައީސްގެ ކޮނޑުފުޅުގައި އޮތީ މާ ބަރު ޒިންމާއެކެވެ. އެއީ، އަންނަން ހުރި ފިއްތުންތަކާއި ބިރު ދެއްކުންތަކާއި ދަތިތަކުން ނައްޓައިގެން ގައުމުގެ ނާޒުކު ފަތުރުވެރިކަމާއި އިގުތިސާދު ކުރިއަށް ގެންދިއުމެވެ.

comment ކޮމެންޓް