އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާއަށް 146.6 މިލިއަން ރުފިޔާ

ސަރުކާރާއި ރައްޔިތުން ހިއްސާވާ ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރިކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 146.6 މިލިއަން ރުފިއާ ލިބިއްޖެ އެވެ. މި އަދަދަކީ ކުރީ އަހަރާ އަޅާ ބަލާއިރު 23 ޕަސެންޓްގެ ކުރިއެރުމެކެވެ.

އަދި މިދިޔަ އަހަރަކީ އެސްޓީއޯގެ ތާރީހުގައި ވެސް އެންމެ ބޮޑަށް ފައިދާވި އަހަރެވެ.

ޓްރޭޑާޒް ހޮޓެލްގައި ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި، ފާސްކުރި ޑިރެކްޓަރުންގެ ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރު އެސްޓީއޯއަށް އެހާ ބޮޑު ފައިދާއެއްވީ މާލޭ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެޓް ފިއުލް ސަޕުލައިކޮށްދިނުމާއި މާލޭ ހެލްތު ސާވިސަސް ކޯޕަރޭޝަނަށް މެޑިކަލް ކޮންސިއުމަބަލް ފޯރުކޮށްދިނުމާއި އައްޑޫގެ މަގުތަށް މަރާތުކުރުމާއި ފުވައްމުލަކު އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ކުންފުންޏަށް ލިބުމުންނެވެ.

ތިން ގަޑިއިރަށްވުރެ ދިގު ދެމިގެންދިޔަ ރޭގެ ޖަލްސާގައިވަނީ މިއަހަރު ހިއްސާއަކަށް 72ރ. ހިއްސާދާރުންނަށް ބަހަން ވަނީ ނިންމާފަ އެވެ. މިއަދަދު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން 80 ޕަސެންޓުގެ ވޯޓް ލިބިގެނެވެ. މިދިޔަ އަހަރު އެ ކުންފުނިން ހިއްސާއަކަށް ބަހާފައި ވަނީ 68ރ. އެވެ.

އަހަރީ އާއްމު ޖަލްސާގައި ކުރިޔަށް އޮތް އަހަރު ކުންފުނީގެ ހިއްސާދާރުން ތަމްސީލުކުރުމަށް ޑިރެކްޓަރަކު އިންތިހާބުކުރުން އޮތެވެ. ތިން ބޭފުޅަކު ވާދަކުރި އެ އިންތިހާބު ވޯޓެއް ތަފާތުން ކާމިޔާބު ކުރެއްވީ 18 ވޯޓު ހޯއްދަވައިގެން ހ. ޓޫހާޓްސް މުހައްމަދު ފަރުޝަތެވެ.

އަދި ރޭގެ ޖަލްސާގައި ކުންފުނީގެ އަސާސީ ގަވަދުގެ ހަތް ވަނަ މާއްދާގެ (ށ) ގެ ދަށުން މިހާރު ކުންފުނީގެ ހިއްސާދާރުން ބެހިފައިވާ ގޮތަށް 2011 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއިން އިސްލާހު ހުށައަޅާފައިވާ ގޮތަށް ފާސްކުރި އެވެ. އެގޮތުން ރޭ ފާސްކުރި ހިއްސާދާރުން ބެހިފައިވަނީ ކުރިން 92.29 ޕަސެންޓްގައި ހުރި ދިވެހި ސަރުކާރުގެ ހިއްސާ 81.6 ޕަސެންޓަށް ތިރިކޮށްފަ އެވެ. އަދި ކުރިން އާންމުން ހިއްސާވި 7.71 ޕަސެންޓް ހިއްސާ ވަނީ 18.4 ޕަސެންޓަށް އިތުރުކޮށްފަ އެވެ.

ރޭގެ ޖަލްސާގައި ވެސް އެސްޓީއޯގެ ހިއްސާ ދާރުންގެ ސުވާލު ކުރުމާއި ބޯޑުގެ ފަރާތުން ވަނީ ޖަވާބުދާރީވުން އޮތެވެ.

އަދި ޖަލްސާގައި 2011 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ އާއި އަދި 2011 ވަނަ އަހަރުގެ އޯޑިޓް ރިޕޯޓާއި އަދި ކުރިއަށް އޮތް އަހަރުގެ އޯޑިޓް ކުރާނެ އޮޑިޓްފާމެއް ވެސް ފާސްކޮށްފަ އެވެ. ކުރިއެކޭ އެއްގޮތަށް އެކްސްޓާނަލް އޯޑިޓް ފާމެއްގެ ގޮތުގައި ހަމަޖެއްސީ ޕްރައިސް ވޯޓާ ހައުސް ކޫޕާޒް އެވެ. އެއީ 30000 ޑޮލަރަށެވެ. ރޭގެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ އަލަށް ޗެއާމަންކަމަށް ވަޑައިގެންނެވި އަބްދުﷲ ފާއިޒެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު