ދަރުސްތައް ހުއްޓުވަނީ އިސްލާމް ދީނާ ދެކޮޅު ބަޔަކު ތިބިކަން ބޭރުގެ ފަރާތްތަކަށް ދައްކަން: ޝަހީމް

ދީނީ ދަރުސްތަކާ ދެކޮޅަށް ފަށައިގެން އުޅޭ ހަރަކާތްތަކަކީ އިސްލާމްދީނާ ދެކޮޅު ބަޔަކު ދިވެހިންގެ ތެރޭގައި ތިބިކަން ބޭރުގެ ފަރާތްތަކަށް ދައްކަން ބަޔަކު ހިންގާ ހަރަކާތްތަކެއް ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަހީމް މިއަދު ވިދާޅުވީ ދަރުސްތަކަށް ހުރަސް އަޅާ ފަރާތްތަކަށް 2013 ވަނަ އަހަރު ވެސް އަދި 2018 ގެ ފަހުން ވެސް އޮތް އެންމެ ބޮޑު ބިރަކީ އިސްލާމްދީނުގެ އަޑު ކަމަށާއި އެއަޑަށް ޖެއްސުންކުރުމާއި ފުރައްސާރަކޮށް ރައްޔިތުން ކުރާ އިހުތިރާމް ގެއްލުވާލުމަކީ މިހާރު ހިންގާ ހަރަކާތްތަކުގެ އެއް ބޭނުން ކަމަށެވެ.

އޭނާ ވިދާޅުވީ ދީނީ ދަރުސް ދިނުމަށް ހުރަސް އަޅާ ކައުންސިލަރުންނަކީ ހައްދުފަހަނަ އަޅާފައިވާ ބައެއް ކަމަށައި އެފަދަ ކައުންސިލަރުންނަށް ނިސްބަތްވާ ކައުންސިލްތައް އުވާލަން ޖެހޭ ކަމަށެވެ. އެކަން އެހެން ގޮތް ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ބައެއް ކައުންސިލްތަކުން ދަރުސްތަކަށް މަރުހަބާ ކިޔާ އެއްބާރުލުން ދޭ ކަމަށް ވެސް ވިދާޅިވި އެވެ.

އާ ސަރުކާރުގެ ފޮރިން މިނިސްޓްރީ ހަރުދަނާ ވުމުގެ ސަބަބުން ރާއްޖެ އާއި އިސްލާމީ ގައުމުތަކާއި އޮތް ގުޅުން ބޮޑުވެފައިވާ ކަމަށާއި ގޮންޖެހުންތަކާއެކު ވެސް ސަރުކާރު ކުރިއަށް ދަނީ ވަރަށް ރަނގަޅަށް ކަމަށް ޝަހީމް ޔަގީންކޮށް ދެއްވެވި އެވެ. އަދި ވިދާޅުވީ ސަރުކާރުގައި އަދާލަތު ޕާޓީ އޮތީ ވެސް ވަރަށް ސާބިތު ކަމާއެކު ކަމަށެވެ.

ދީނީ ދަރުސްތަކަށް ހުރަސް އެޅުމާއި ދީނީ ދަންނަ ބޭކަލުންނަށް މަލާމާތާ ފުރައްސާރަ ކުރުން ރާއްޖޭގައި ވަނީ އާންމު ކަމަކަށްވެފަ އެވެ. މިދިޔަ ދެ ހަފުތާއެއްހާ ދުވަހު ތަފާތު އެކި ފަހަރު މަތިން ދީނީ ދަރުސްތަކަށް ހުރަސް އެޅުމުގެ އިތުރުން ބައެއް ދަންނަ ބޭކަލުން ރަށްރަށަށް ވަޑައިގަތުމުން ހުރަސް އަޅައި ރަށްރަށް އަރާ ވަޑައިގަތަ ނުދީ ވަނީ ހިފަހައްޓާފަ އެވެ. ދީނީ ދަރުސްތަކަށް ހުރަސް އެޅަމުން ދިއުމުގެ މައްސަލަ ވަނީ އެންމެ ބޮޑު މައްސަލައަށް މިހާރު ވެފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު