މިނެސޯޓާ ޓިމްބާ ވުލްވްސް އިން ނިއުއޯލިއަންސް ޕެލިކަންސް ބަލިކޮށްފި

މިމެޗް ޓިމްބާވުލްވްސް ކާމިޔާބުކޮށްފައިވަނީ ފަހު ކްއާޓާގައި ދެއްކި މޮޅު ކުޅުމުން / ފޮޓޯ: ރޮއިޓާސް

އެންބީއޭ ބާސްކެޓު ބޯޅަ މުބާރާތުގައި މިނެސޯޓާ ޓިމްބާ ވުލްވްސް އާއި ނިއުއޯލިއަންސް ޕެލިކަންސް ބައްދަލުކުރި މެޗު ޓިމްބާވުލްވްސް އިން ކާމިޔާބުކޮށްފިއެވެ.

ނިއު އޯލިއަންސްގެ ސްމޫތީ ކިންގް ސެންޓަރުގައި ކުޅުނު މި މެޗު ޓިމްބާވުލްވްސް އިން ކާމިޔާބުކުރީ 121 ޕޮއިންޓް 120 ޕޮއިންޓުންނެވެ. މި މެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި އަދި އެހައިމެ ފޯރިގަދަ ކުޅުމެއް ވަނީ ފެނިފައެވެ.

އެގޮތުން މި މެޗުގެ ފުރަތަމަ ދެ ކުއާޓަރު ނިމުނުއިރު ފަސް ޕޮއިންޓުން ކުރީގައި އުޅުނީ ޕެލިކަންސްއެވެ. ތިންވަނަ ކުއާޓަރުގައި ޕެލިކަންސްއިން ވަނީ އެ ލީޑު 10 ޕޮއިންޓަށް އިތުރުކޮށްފައެވެ.

މި މެޗުގައިި ޓިމްބާވުލްވްސްއިން ކުރި ހޯދައިފައިވަނީ ފަހު ކްއާޓާގައި ދެއްކި މޮޅު ކުޅުމާއެކުއެވެ.

ޓިމްބާވުލްވްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެންތަނީ ޓައުންސްއެވެ. އޭނާވަނީ އެ ޓީމަށް 29 ޕޮއިންޓް ހޯދައިދީ 6 ރީބައުންޑް ނަގައިދީފައެވެ.

މި މުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލައިއިރު ނިއުޔޯކް ނިކްސް އާއި ޗާލޮޓް ހޯނެޓްސް ބައްދަލުކުރި މެޗު ފާހަގަކޮށްލެވެއެވެ.

އެ މެޗު 122 ޕޮއިންޓް 108 ޕޮއިންޓުން ނިކްސް ކާމިޔާބު ކުރިއިރު ޝިކާގޯ ބުލްސްއާއި މަޔާމީ ހީޓް ބައްދަލުކުރި މެޗު 102 ޕޮއިންޓް 97 ޕޮއިންޓުން ކާމިޔާބުކުރީ ބުލްސްއެވެ.

އަދި މެމްފިސް ގްރިޒްލީސްއާއި ސެން އެންޓޯނިއޯ ސްޕާސް ބައްދަލުކުރި މެޗު 120 ޕޮއިންޓް 108 ޕޮއިންޓުން ކާމިޔާބު ކުރީ ގްރިޒްލީސްއެވެ.

comment ކޮމެންޓް