ދިއްދޫގެ އެންމެ އަލިގަދަ ތަރި: ގަދަ ދިހަ ބައިވެރިންވެސް ފައިނަލަށް

"ދިއްދޫގެ އެންމެ އަލިގަދަ ތަރި" ގުރުއާން މުބާރާތުގެ ތެރެއިން -- ފޮޓޯ/ މިޑްލް ސްޕޯޓްސް ކްލަބް

ހއ. ދިއްދޫގެ ކްލަބެއް ކަމަށްވާ މިޑްލް ސްޕޯޓްސް ކްލަބުން އިސްނަގައިގެން އެ ރަށުގައި ކުރިއަށްގެންދާ "ދިއްދޫގެ އެންމެ އަލިގަދަ ތަރި" ގުރުއާން މުބާރާތުގެ ގަދަ ދިހައެއްގެ ހުރިހާ ބައިވެރިން ފައިނަލަށް ދަތުރުކޮށްފިއެވެ.

މިޑްލް ސްޕޯޓްސް ކްލަބްގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަހުމަދު ޝަމްވީލް އިބްރާހީމް ވިދާޅުވީ، ގަދަ ދިހައެއްގެ ހުރިހާ ބައިވެރިން ފައިނަލަށް ދަތުރުކުރީ ފަނޑިޔާރުންނާއި މުބާރާތް އިންތިޒާމްކުރާ ކޮމިޓީން އެގޮތަށް ނިންމުމުން ކަމަށެވެ. އެއީ ބައިވެރިންގެ ކިޔެވުމަށް ދިން މާކްސް ގާތްގަނޑަކަށް އެއްވަރަކަށް ހުރުމުންނާއި ބައިވެރިންނަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ދިއްދޫގެ އެންމެ އަލިގަދަ ތަރި" ގުރުއާން މުބާރާތުގެ ތެރެއިން -- ފޮޓޯ/ މިޑްލް ސްޕޯޓްސް ކްލަބް

މި މުބާރާތުގެ ފައިނަލް އޮންނަނީ ދެދުވަހަކަށް ބަހާލައިގެންނެވެ. އެގޮތުން ފައިނަލްގެ ފުރަތަމަ ކިޔެވުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުއެވެ. މުބާރާތުގެ 10 ބައިވެރިންގެ ތެރެއިން ފަސް ބައިވެރިން އެދުވަހު މުބާރާތާ ވަކިވާން ޖެހޭނެއެވެ.

އަނެއް ފަސް ބައިވެރިންގެ ގްރޭންޑް ފިނާލޭ އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރެއެވެ. ގްރޭންޑް ފިނާލޭއަށް ދަތުރުކުރާ ފަސް ބައިވެރިންގެ މާކްސްގެ ތެރޭގައި ބުރާސްފަތި ދުވަހުގެ މާކްސް ގުނާނެއެވެ.

މުބާރާތުގެ ވަނަތަކަށް ދާ ފަރާތްތަކަށް އަގުބޮޑު އިނާމުތަކެއް ވަނީ ހުށަހަޅާފައެވެ. އެގޮތުން މުޅި މުބާރާތުން އެއްވަނައަށްދާ ފަރާތަކަށް ދެ އުމްރާ ދަތުރު އަދި ދެވަނައަށް ދާ ފަރާތަކަށް އުމްރާ ދަތުރެއް ދޭން ވަނީ ނިންމާފައެވެ.

ގަދަ 10 ބައިވެރިންނަށް އިނާމު ހުށަހެޅުމުގެ ފުރުސަތު މިހާރު ވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން އިނާމު ހުށަހެޅުމުގެ ފަހުވަގުތަކީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 02:00އެވެ. އިނާމު ހުށަހެޅުއްވުމަށް ގުޅާނީ، 7656766 އަށެވެ. ފައިސާ އާއި ހަދިޔާ ވެސް އިނާމުގެ ގޮތުގައި ދެވޭނެއެވެ.

ދިއްދޫގެ ހުރިހާ ރައްޔިތުންނަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ދިއްދޫގެ ވިޔަފާރި ކުންފުންޏެއް ކަމަށްވާ ކޭޑީ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑެވެ. މިއީ މި މުބާރާތް ދިއްދޫގައި ބާއްވާ ދެވަނަ ފަހަރެވެ. މި މުބާރަތުގެ މަގުސަދަކީ ދިއްދޫ ރައްޔިތުންގެ ހިތްތަކުގައި ގުރުއާނަށް ލޯބި ޖެއްސުން ކަމަށް ޝަމްވީލް ވިދާޅުވިއެވެ.

"ދިއްދޫގެ އެންމެ އަލިގަދަ ތަރި" ގުރުއާން މުބާރާތުގެ ތެރެއިން -- ފޮޓޯ/ މިޑްލް ސްޕޯޓްސް ކްލަބް

މި މުބާރާތުގައި 33 މީހުން ބައިވެރިވި އިރު މުބާރާތުގެ އޮޑިޝަނުން 20 ބައިވެރިން ހޮވިއެވެ. މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދަނީ ތިން ބުރަކަށް ބަހާލައިގެން ކޮންމެ ހަފުތާއެއްގެ ބުރާސްފަތި އަދި ހުކުރު ދުވަހުއެވެ.

އެސްއެސްޓީވީން މި މުބާރާތް އެކި ދުވަސްމަތިން، މަޣްރިބް ނަމާދަށް ފަހު ދައްކާނެއެވެ.

comment ކޮމެންޓް