ސްޓޫޑެންޓް ލޯން ނަގާފައިވާ ކުދިންނަށް ލުއި ގޮތްތައް ހަމަޖައްސައިދެނީ

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރިޔާސީ ބަޔާން އިއްވަވާފަ -- ފޮޓޯ/ ރައީސް އޮފީސް

ސްޓޫޑެންޓް ލޯނަށް ގެނައި ބަދަލުތަކާއެކުވެސް، މީގެ ކުރިން އެ ލޯނު ނަގައިގެން ކިޔެވި ދަރިވަރުންގެ ކަންބޮޑުވުންތައް އެބަހުރި ކަމަށާއި އެފަދަ ޒުވާނުންނަށް ލުއި ގޮތްތަކެއް ހަމަޖައްސައިދޭން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ފެށުމަށް މިއަދު ބޭއްވި ޖަލްސާގައި ރައީސް ޞާލިޙް ވިދާޅުވީ ރާއްޖެއިން މަތީ ތައުލީމުގެ ލޯން ފުރުސަތަށް އެދޭ ދަރިވަރުންގެ އަދަދު އިތުރުވެފައިވާ ކަމަށާއި އެހެންކަމުން ސަރުކާރުން ދޭ ލޯނުގެ އަދަދުވެސް އިތުރުކޮށްފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ މިހާތަނަށް 1986 ދަރިވަރަކަށް ސްޓޫޑަންޓް ލޯނުގެ ފުރުސަތު ދީފައިވާ ކަމަށެވެ. އަދި އެ ލޯންތަކުގެ ތަކުލީފު ކުޑަ ކުރުމަށް ޓަކައި ލޯނަށް ބަދަލުތައް ގެނެސް، ކުރިން ފަސް ޕަސެންޓުގައި ހުރި އިދާރީ ފީ އެއް ޕަސެންޓަށް ކުޑަ ކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ލޯނު އަނބުރާ ދެއްކުން 20 އަހަރަށް އިތުރުކޮށްފައިވާ ކަމަށާއި ކުރިން ބޮޑު ރޭޓުގައި ފައިސާ އަނބުރާ ދައްކާފައިވާ ދަރިވަރުންގެ ލޯނުން އެބައި އުނިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ކޮންމެ މަހަކު ދަރިވަރުން އަނބުރާ ދައްކާ ފައިސާގެ އަދަދު މިހާރު ކުޑަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ކުރިއަށް އޮތްތަނުގައި އަޅުގަނޑު މަސައްކަތްކުރާނީ އުފެއްދުންތެރި ހަރުދަނާ ޒިންމާދާރު ދިވެހި ޒުވާނުންގެ ހުރި މިފަދަ ހުރިހާ ބުރައެއް ލުއިކޮށްދިނުމަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޒުވާނުންނަށް ތަފާތު މަސައްކަތްތައް ދަސްކޮށްދިނުމަށް ޖޫނިއާ ކޮލެޖާއި ޓިވެޓް ސެންޓަރާއި ޕޮލިޓެކްނިކް ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެގޮތުން ރ. އަލިފުށީގެ ޓިވެޓް ސެންޓަރާއި ހއ. ދިއްދޫގެ ޖޫނިއާ ކޮލެޖުގެ އަމަލީ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކ. ތުލުސްދޫ ޕޮލިޓެކްނިކް ސެންޓަރާއި ނ. ކެނދިކުޅުދޫ ޖޫނިއާ ކޮލެޖު ކޮންޓްރެކްޓަރަކާ ހަވާލުކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

"ހަހާހަށް ވުރެ ގިނަ ހުނަރުވެރިން ވަޒީފާގެ ބާޒާރާއި މަސައްކަތު މާހައުލަށް ފައްކާ ކުރުމުގެ މަޝްރޫއު އެދަނީ ހިނގަމުން... ދެން އޮތީ ކުޅުދުއްފުއްޓާއި ފުވައްމުލަކު ޓިވެޓް ސެންޓަރާއި ނ. ވެލިދޫ ޖޫނިއާ ކޮލެޖުގެ މަސައްކަތް. އަޅުގަނޑު މިދިޔަ އަހަރުވެސް ދެންނެވި ފަދައިން، ގައުމަށްޓަކާ ބިނާކުރެވޭ އެންމެ އުސްބިނާއަކީ ހެދި ހުރި ދިވެހި އިންސާނާ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ މި ސަރުކާރުން ތައުލީމީ ދާއިރާއިން ކޮށްފައިވާ އެހެން މަސައްކަތްތަކަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ސްކޫލްތަކުގައި ޖާގައާއި ވަސީލަތްތައް އިތުރުކޮށް، ހުރިހާ އަތޮޅެއްގައި މަތީ ސާނަވީއަށް ކިޔެވޭނެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހިލޭ ޑިގްރީ ޕްރޮގްރާމް ފަށައި، މިއަދާ ހަމައަށް އެ ޕްރޮގްރާމުން 6500އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ފެންވަރު ރަނގަޅު ތައުލީމީ ނިޒާމެއްގެ ބިންގަލަކީ ފެންވަރު ރަނގަޅު މުދައްރިސުން. އެ މުދައްރިސުންނަށް ބޭނުންވެ، މިހާތަނަށް ނުވެހުރި ވަރަށް ގިނަ ބޭނުންތައް މިހާތަނަށް ފުރިހަމަކޮށްދެވިއްޖެ. އަދިވެސް ކުރިއަށްއޮތް ތަނުގައި ކުރިއަށް ގެންދަންޖެހޭ ތައުލީމީ ދާއިރާގެ މިފަދަ މަޝްރޫއުތައް އެބަހުރި،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް