ބޭރު މީހުންނަށް ތިލަފުށިން ބިން ވިއްކުމަކީ ދިވެހިންނަށް ގެއްލުން ވާނެ ކަމެއް: އެމްއެންޕީ

އެމްއެންޕީގެ ކޮންގްރެސްގެ ތެރެއިން --- ސަންފޮޓޯ/ ނާއިލް ހުސެން

ބޭރު މީހުންނަށް ތިލަފުށީ ސިނާއީ ސަރަހައްދުން ބިން ކުއްޔަށް ދިނުމަކީ ދިވެހިންނަށް އެކަމުގެ ސީދާ ގެއްލުން ވާނެކަމެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ބުނެފިއެވެ.

ތިލަފުށީ ސިނާއީ ސަރަހައްދުން ބޭރުގެ މީހުންނަށް ބިން ކުއްޔަށް ދިނުމަށް އެޗްޑީސީން ނިންމި ނިންމުމާ މެދު ހިތްހަމަ ނުޖެހި އެމްއެންޕީން ނެރުނު ބަޔާނެއްގައި ވަނީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ބޭރުގެ މީހުންނާއެކު ވާދަކޮށްގެން ބިން ހޯދުމުގެ ވާދަވެރިކަން އުފެދުމަކީ އެ ވިޔަފާރިތަކަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނޭ ކަމެއް ކަމަށެވެ.

މީގެ އިތުރުން، ކޮވިޑްގެ ސަބަބުން ވިޔަފާރިތަކަށް ލިބުނު ހީނަރުކަމުން އަދިވެސް އަރައި ނުގަނެވޭ ކަމަށް އެ ބަޔާނުގައި ވެއެވެ. އެހެންކަމުން ހުރި ރައްކާތެރިކަމުގެ އުޞޫލުތައް ނިގުޅައިގަތުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށް އެމްއެންޕީން ބުންޏެވެ.

"އެއީ ދިވެހި އިގްތިޞާދަށާއި އަދި އާއިލާތަކުގެ މާލީ ހާލަތަށް ސީދާ ގެއްލުން ވާނޭ ކަމެއް،" އެ ބަޔާނުގައި ވެއެވެ.

އެމްއެންޕީން ގަބޫލުކުރަނީ ރާއްޖޭގެ އެތެރޭގެ އަދި ބޭރުގެ ސިޔާސަތުތަކަކީ ދިވެހިންނަށް އިސްކަންދޭ އަދި ދިވެހިންގެ ހައްގުތައް ހިމާޔާތްކުރެވޭނެ ފަދަ ސިޔާސަތަކަށް ވާންޖެހޭނެ ކަމަށް ކަމަށް އެ ޕާޓީން ބުންޏެވެ.

ސިނާއީ މަސައްކަތަށް ތިލަފުށިން ބިން ވިއްކާގޮތުގެ އުސޫލު އެޗްޑީސީން އާންމުކުރީ މިދިޔަ ހަފުތާގައެވެ. އެ އުސޫލުގައި ވާގޮތުން ބޭރު މީހުންނަށް ބިން ކުއްޔަށް ދޫކުރަނީ 99 އަހަރަށެވެ. އަދި ބީލަން ކާމިޔާބު ކުރަނީ ދިވެހި ކުންފުންޏެއް ނަމަ ބިން މިލްކު ކުރެވޭނެއެވެ.

ބީލަން ހުށަހެޅޭ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 1،700 ރުފިޔާއެވެ.

comment ކޮމެންޓް