ސްކުއިޑް ގޭމް ރިއެލިޓީ ޝޯގައި އިންސާނީ ހައްގުތަކުގެ މައްސަލަތަކެއް

ސްކުއިޑް ގޭމް ޝޯގެ މުބާރާތުގެ ތެރެއިން މަންޒަރެއް

ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ނެޓްފްލިކްސް ޝޯ "ސްކުއިޑް ގޭމް"ގެ މުބާރާތްތަކަށް ބިނާކޮށް އުފައްދާ ރިއޭލިޓީ ޓީވީ ޝޯގެ ބައިވެރިންގެ އިންސާނީ ހައްގުތަކެއް ނިގުޅައިގަނެ އެމީހުންނަށް އިހާނެތިކޮށް ކަންތައް ކުރާ ކަމުގެ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.

"ސްކުއިޑް ގޭމް: ދަ ޗެލެންޖް"ގެ ނަމުގައި ތައްޔާރު ކުރާ ރިއާލިޓީ ޝޯގައި 456 މީހުން ބައިވެރިކުރުމަށް ވަނީ ކުރިން ނިންމާފައެވެ. އެއީ ސްކުއިޑް ގޭމް ޝޯގައިވެސް ބައިވެރިވި މީހުންގެ އަދަދެވެ.

"ސްކުއިޑް ގޭމް"އަކީ މާލީ ދަތިތަކާ ކުރިމަތިވެފައިވާ 456 މީހަކު ތަފާތު ގޭމްތައް ކުޅެގެން، 36 މިލިއަން ޑޮލަރު ހޯދަން މަސައްކަތް ކުރާ މަންޒަރު ފެނިގެންދާ ޝޯއެކެވެ. އެ މުބާރާތުގެ ބައިވެރިން އެކި ކަހަލަ ޗެލެންޖުތަކުގައި ކުރިމަތިލާއިރު އެ ހުރިހާ ކަމެއް ރޭވިފައިވާނީ ކުޑަކުދިންގެ އެކި ކަހަލަ ކުޅިވަރުތަކަށެވެ. ނަމަވެސް އެ ކާމިޔާބު ނުވާ ކޮންމެ ބައިވެރިއެއް ޝޯގައި މަރާލާނެއެވެ.

އެގޮތަށް ގޮސް މުބާރާތް ނިމޭއިރު ހުންނަ ބައިވެރިއަކަށް ފައިސާގެ އިނާމު ލިބޭއެވެ.

ރިއޭލިޓީ ޝޯއަށް ކަނޑައަޅާފައިވަނީ 4.5 މިލިއަން ޑޮލަރުގެ ފައިސާގެ އިނާމެކެވެ. މިއީ ރެއިލިޓީ މުބާރާތެއްގައި މިހާބޮޑު ފައިސާގެ އިނާމެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ.

އިނގިރޭސިވިލާތުގައި ބާއެްވާ މި މުބާރާތުގައި ބައިވެރިންނާއެކު ޝޯގެ ޝޫޓިން ކުރިއަށްދާއިރު ފެންމަތިވެފައިވަނީ ތަފާތު މައްސަލަތަކެކެވެ. އެއީ މުބާރާތުގެ ބައިވެރިންނަށް އަނިޔާވެރިކޮށް އަމަލު ކުރާ ކަމުގެ މައްސަލަތަކެކެވެ.

އެގޮތުން ބައެއް ބައިވެރިން ބުނާގޮތުގައި ޝޯގެ މުބާރާތްތަކަށް ޝޫޓު ކުރަން ޖެހުނީ މަސައްކަތް ކުރެވޭ ވަރަށް ވުރެ ނުރައްކާތެރި، ފިނި މާހައުލުގައެވެ. އޭގެ ސަބަބުން ބައިވެރިންނަށް އެކި ކަހަލަ ގެއްލުން ލިބެމުން އަންނަ ކަމަށް ވެސް ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން ނެޓްފްލިކްސް އިން ވަނީ ފިނި މާހައުލުގައި މަސައްކަތް ކުރާ ކަމަށް އެއްބަސްވެފައެވެ. ނަމަވެސް އެކަން ބައިވެރިންނަށް ކުރިން އަންގާފައިވާނެ ކަމަށް ނެޓްފްލިކްސް އިން ބުނެއެވެ. އެކަމަކު ބައިވެރިން ބުނަނީ އެއީ ތެދެއް ނޫން ކަމަށެވެ.

ބައިވެރިންނަށް ގެއްލުމެއް ލިބުމުން ސިއްހީ މާހިރުންގެ އެހީ ވެސް ވަގުތުން ނުލިބޭ ކަމަށް ބައެއް ބައިވެރިން ވަނީ ބުނެފައެވެ.

މި ޝޯގެ ޝޫޓިން އަދިވެސް ކުރިއަށްދާއިރު މި ޝޯ ނެރޭނެ ދުވަހެއް އަދި ނޭނގެއެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު