ޔާޝް ރާޖް ކުންފުނީގެ ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް އުފާވެރި ޚަބަރެއް

ހިންދީ ރީތި ލޯބީގެ ފިލްމުތައް ގެނެސްދީފައިވާ އަދި މިހާރުވެސް ތަފާތު އެކި ރަހަތައް އެކުލެވޭ ފިލްމުތައް ގެނެސްދެމުން އަންނަ ޔާޝް ރާޖް ފިލްމްސްގެ މައްޗަށް ބިނާކޮށް ޑޮކިއުމެންޓްރީއެއް ރިލީޒްކުރުމަށް ނިންމައިފިއެވެ.

ހަތަރު ބަޔަކަށް ބަހާލައިގެން ނެޓްފްލިކްސްއިން ދެއްކުމަށް ހަމަޖެހިފައިވާ މި ޑޮކިއުމެންޓްރީ ގެނެސްދެނީވެސް "ދަ ރޮމޭންޓިކްސް"ގެ ނަމުގައެވެ.

މިހާތަނަށް މިފިލްމު ކުންފުނިން އުފައްދާފައިވާ އައިކޮނިކް ލޯބީގެ ފިލްމުތައް ވުޖޫދަށްއައިގޮތާއި ފިލްމުތަކުގެ ސެޓުތަކުގައި ކެމެރާގެ ފުރަގަހުގައި ހިނގާފައިވާ ހެއްވާ މަޖާ ޙާދިސާތައް މިޑޮކިއުމެންޓްރީ މެދުވެރިކޮށް ބެލުންތެރިންނާ ޙިއްސާކުރާނެއެވެ. މިއާއެކު މިހާތަނަށް ގިނަ ބައެއްގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ ފިލްމުތަކާބެހޭގޮތުން އެ ފިލްމުތަކުގެ އެކްޓަރުން ހިއްސާކޮށްފައިވާ ގިނަ ވާހަކަތަކެއް ވެސް މި ޑޮކިއުމެންޓްރީގައި ފެނިގެންދާނެއެވެ.

މިދިޔަ އަހަރު ޔާޝް ރާޖް ފިލްމްސް ވުޖޫދަށް އައިތާ 50 އަހަރުފުރިފައިވާއިރު މިކުންފުނީގެ ބާނީ ޔާޝް ޗޯޕްރާއަކީ ވަރަށް ހިތްގައިމު ލޯބީގެ ފިލްމުތަކެއް ވުޖޫދަށް ނެރުނު ފަރާތެކެވެ. ޔާޝް ޗޯޕްރާއަށް ޚާއްޞަކުރެވިފައިވާ މިޓްރިބިއުޓްގައި ފިލްމު "ސިލްސިލާ"، "ލަމްހޭ"، "ކަބީ ކަބީ"، "ވީރް ޒާރާ"، "ދިލް ތޯ ޕާގަލްހޭ"، "ޗާންދްނީ"، "ދިލްވާލޭ ދުލްހަނިޔާ ލޭ ޖާއެނގޭ" އަދި "ޖަބްތަކްހެ ޖާން"ފަދަ ފިލްމުތައް ސިނަމާއާހަމައަށް ކުރި ދަތުރުގެ ތަޖުރިބާތައް ފެނިގެންދާނެއެވެ. "ކިންގް އޮފް ރޮމޭންސް"ގެ ނަމުން މަޝްހޫރުވި ޔާޝް ޗޯޕްރާ 2012ވަނަ އަހަރު ދުނިޔެ ދޫކުރުމާ ގުޅިގެން، ވައި.އާރް.އެފް ކުންފުނި ހިންގަނީ ޔާޝް ޗޯޕްރާގެ ދޮށީ ދަރިފުޅު އަދި ކުޅަދާނަ ފިލްމު ޑައިރެކްޓަރު އަދިތްޔަ ޗޯޕްރާއެވެ.

މިޑޮކިއުމެންޓްރީގެ ޓްރެއިލާވެސް ރިލީޒްކުރެވިފައިވާއިރު ގިނަ ބަޔަކު އިންތިޒާރު ކުރަނީ އަދިތްޔާ ޗޯޕްރާގެ ފެނިލުމެއް މިޑޮކިއުމްންޓްރީ މެދުވެރިކޮށް އަންނާނެ އިރަކަށެވެ. ސަބަބަކީ، އަދިތްޔާ ޗޯޕްރާއަކީ އަބަދުވެސް ވަރަށް 'ޕްރައިވެޓް' ދިރިއުޅުމެއްގައި އުޅެން ބޭނުންވާ ފަރާތަކަށްވާތީއެވެ.

ބަތަލާ ރާނީ މުކަރްޖީއާ ކައިވެނިކޮށް މިހާރު އަންހެން ކުއްޖަކުވެސް ލިބިފައިވާ އަދިތްޔާގެ އިންޓަވިއުއެއް އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ 1995ވަނަ އަހަރުކަމަށް މީޑިއާ ޚަބަރުތަކުގައި ވަނީ ބުނެފައެވެ. މިޑޮކިއުމެންޓްރީ ޓްރެއިލާއިން އަދިތްޔާގެ ފެނިލުމެއް ދައްކާފައިނުވިނަމަވެސް ރިޕޯޓުތައް ބުނާގޮތުން ހަތަރު އެޕިސޯޑުގެ ޑޮކިއުމެންޓްރީއިން އަދިތްޔާގެ ވަރަށް ޚާއްޞަ އިންޓަވިއުއެއް ފެނިގެންދާނެއެވެ. މިމަހުގެ 14ވަނަ ދުވަހު ނެޓްފްލިކްސްއިން ޕްރިމިއާކުރުމަށް ހަމަޖެހިފައިވާ މިޑޮކިއުމެންޓްރީގެ ޑައިރެކްޓަރަކީ އޮސްކާ އަދި އެމީ އެވޯޑްސްއަށް ނޮމިނޭޓްވެފައިވާ ޑައިރެކްޓަރު ސްމްރިތީ މަންދްރާއެވެ.

comment ކޮމެންޓް