މަތިވެރި ހަސަންފުޅު ގެއްލުމާ އަޖައިބުކުރުވަނިވި ވާހަކައެއް

މަތިވެރިން ގެއްލިގެން ހޯދާ ހަސަންފުޅު --

މިދިޔަ ބުދަ ދުވަހު އއ. މަތިވެރިއަށް އަލިވިލުނީ މުޅި ރަށަށް ވެސް ހިތާމަވެރި ޚަބަރަކައިގެންނެވެ. އެންމެންނާ އެކުވެރި މިޒާޖެއްގެ ހަސަން އަލީ , 72، (މަތިވެރި ހަސަންފުޅު) ވީނުވީއެއް ނޭނގި ގެއްލުން ވީ އެންމެންގެ މޫނުމައްޗަށް މާޔޫސްކަން ގެނުވި ޚަބަރަކަށެވެ. މި ހާދިސާއަށް އެއް ދުވަސް ވެފައި ވާއިރު، ހަސަންފުޅުގެ ހިލަމެއް މުޅި ރަށުން ވެސް އަދި ފެންނާކަށް ނެތެވެ. މުޅި ރަށު ރައްޔިތުން ހިތްވަރު އެލުވާނުލާ އަދިވެސް މަސައްކަތް ކުރަނީ ހެޔޮހާލުގައި ހަސަންފުޅު ފެނޭތޯއެވެ.

މުޅި ރަށް މޮޅީގެ ސާލެއްގައި އޮތްއިރު މި ހާދިސާއިން ރަށުގެ ހަރުފުރައިގެ މީހުންގެ ހަނދާން ގޮސް ގުޅެނީ މީގެ އަހަރުތަކެއް ކުރިން އެރަށުގައި ހިނގި ހަމަ މިފަދަ ހިތާމަވެރި ހާދިސާއަކާއެވެ. މި ދެ ހާދިސާ ވެސް ދާދި އެއްގޮތެވެ.

https://sun.mv/173553

މީގެ އަހަރުތަކެއް ކުރިން މަތިވެރީގައި މިފަދަ ހާދިސާއެއް

އެރަށުގައި މީގެ ވިއްސަކަށް އަހަރު ކުރިން ވެސް ވީނުވީއެއް ނޭނގި ވަނީ މީހަކު ގެއްލިފައެވެ. މިއަދާ ހަމައަށް ވެސް އޭނާއަށް ވީ ގޮތެއް ވެސް އަދި އޭނާގެ ނިޝާނެއް ވެސް ފެނިފައެއް ނުވެއެވެ.

"އެއީ ގާތް ގަނޑަކަށް 2000 ވަނަ އަހަރު،" ކައުންސިލްގެ ނައިބު ރައީސް އަލީ ނާފިޒް ވިދާޅުވިއެވެ.

މަތިވެރީގެ ޒުވާނުންގެ ހަނދާނުގައި އެހާދިސާގެ މާބޮޑު ތަފްސީލެއް މިހާރަކު ނެތެވެ. ނަމަވެސް އެރަށުން ވާހަކަ ދެއްކި ޒުވާނަކު ބުނީ މީގެ ކުރިން އެރަށުން ގެއްލުނީ 18 އަހަރުން މަތީގެ ޒުވާން ފިރިހެނެއް ކަމަށެވެ.

ހަސަންފުޅު ގެއްލުން

މަތިވެރި މީހުން ބުނާގޮތުގައި އޭނާ އެންމެ ފަހުން ފެނުނީ އެދުވަހުގެ އިރުއޮއްސުނު ވަގުތު ބަނދަރުމަތިންނެވެ. އަބަދުވެސް ހެވިފައިހުރެ މީހުންނާ ސަމާސާކުރާ ހަސަންފުޅުގެ މިޒާޖަށް އެދުވަހު ބަދަލުތަކެއް އައިސްފައި ވާކަމަށް އެންމެ ފަހުން އޭނާއާ ބައްދަލުވި މީހުން ބުނެއެވެ.

ނަމަވެސް އޭނާގެ އާއިލާއިން ބުނަނީ އެދުވަހު ހެނދުނު ސައިބޮއިގެން ގެއިން ނުކުމެގެން ދިޔަ އިރުވެސް އެހެން ދުވަސްދުވަހާ ވަކި ތަފާތުކަމެއް ފާހަގަ ނުވާ ކަމަށެވެ.

"ހެނދުނު ސައި ދިން އިރުވެސް ހަމަ ރަނގަޅު. މިފަހުން ކާފަ އުޅުނީ ރޯގާ ޖެހިގެން ލޭމައްޗަށް ވެސް ދާތީ،" އާއިލާއިން ބުންޏެވެ.

ނަމަވެސް، ލޭ މައްޗަށް ދިއުން ފިޔަވާ އެހެން ބަލިކަމެއް އޭނާގެ ނުހުރެއެވެ. އޭނާއަކީ ހަމަ ގަދަފަދަ މީހެކެވެ.

އއ. މަތިވެރި. (ފޮޓޯ/ފޭސްބުކް/ވެލި ބީޗް އިން)

ސީސީޓީވީ ކެމެރާތަކަށް ހަސަންފުޅު އަރާފައެއް ނެތް

ހަސަންފުޅު ގެއްލުނު ދުވަހުގެ މެންދުރުގެ ވަގުތެއްގައި އެރަށު މިސްކިތް ކައިރީ ހުންނަ ފިހާރައެއްގެ ކުރިމަތިން އޭނާގެ ދޮންދަރިއަކާ އޭނާއާ ދިމާވި ކަމަށް އާއިލާއިން ބުނެއެވެ. ކުޑަ ދަރިފުޅު ވެސް ގޮވައިގެން ހުރި ދޮންދަރިއަށް ވެސް ފާހަގަވީ ހަސަންފުޅުގެ މަޑުމައިތިރިކަމެވެ.

"ކާފަ ބޭބީއާ ވެސް ވަރަށް ސަމާސާކޮށް ހަދާނެ އާއްމުކޮށް. އެ ދުވަހު ދިމާވެފަ މަޖާކޮށް ނުލީމަ އޭނަ[ދޮންދަރި] ވެސް އެކަން ފާހަގަވެގެން އެވާހަކަ ދެއްކި،"އާއިލާއިން ބުންޏެވެ.

ހަސަންފުޅު ހޯދުމަށް ރަށު މީހުން ކުރާ މަސައްކަތުގައި އެ ފިހާރައިގެ ސީސީޓީވީ ކެމެރާގެ ފުޓޭޖު ބެލިއެވެ. ނަމަވެސް އެންމެން ހައިރާން ކުރުވީ އެވަގުތު ކެމެރާއަށް ހަސަންފުޅު އަރައިފައި ނެތުމުންނެވެ.

"އެ ކުއްޖާ ގޮވައިގެން ދޮންދަރި ސައިކަލުގަ ދިޔަތަން އިން ކެމެރާއަށް އަރާފަ. އެކަމަކު ކާފަ އަރާފައެއް ނެތް،" އާއިލާއިން ބުންޏެވެ.

ރަށުން ވާހަކަ ދެއްކި އެހެން މީހަކު ވެސް އެވާހަކަ ހަމަ އެހެން ކިޔައިދިނެވެ. އަދި އެކަމުގެ ސަބަބުން ހައިރާން ވެފައި ހުރި މިންވަރު ހިއްސާކުރިއެވެ.

ކައުންސިލްގެ ނައިބު ރައީސް އަލީ ނާފިޒް ވެސް ވިދާޅުވީ އެ ކެމެރާއަށް ހަސަންފުޅު އަރާފައި ނެތް ކަމަށެވެ.

ލަފާކުރެވެނީ މޫދަށް ދިޔަކަމަށް

މީގެ ކުރިން "ސަން"އަށް މައުލޫމާތު ދެމުން ނާފިޒް ވިދާޅުވީ، ހަސަންފުޅު މޫދަށް ދިޔަކަމަށް ބެލެވޭ ކަމަށެވެ. ސަބަބަކީ އޭނާ ގޭގައި ގެންގުޅޭ މާސްކުތަކެއްގެ ކައިރީގައި ހުއްޓާ ގޭ މީހުނަށް ފެނިފައި ވުމެވެ. އަދި އެންމެ ފަހުން ބޭރަށް ދިޔައިރު، ދެ ފޯނާއި ދުފާ ސާމާނު ގޭގައި ބަހައްޓާފައި ދިއުމެވެ.

ނާފިޒް ވިދާޅުވީ އެ ވިސްނުމަށް ބާރުދޭ އެއްކަމަކީ ހަސަންފުޅުގެ މާސްކު މިހާރު ގޭގައި ނެތުން ކަމަށެވެ.

"އެހެންވީމަ ލަފާކުރެވޭ އެބަ މޫދަށް ދިޔައީ ކަމަށް ވެސް،" ނާފިޒް ވިދާޅުވިއެވެ.

ނަމަވެސް އާއިލާއިން ބުނީ، އޭނާ މޫދަށް ދިޔަކަމަށް ކަނޑައެޅިގެން ބުނެވެން ނެތް ކަމަށެވެ.

"ދެ ފޯނު ވެސް އޮތީ ގޭގަ. ވޮލެޓު ވެސް ފަހުން ފެނުނު ގެއިން. ދުފާ ދަބަސް ވެސް އޮތީ ގޭގަ. މާސްކު ސީދާ ރެޑީ ކުރީއެކޭ ނުބުނެވޭނެ. އެކަމަކު މާސްކް އަޅާފަ ހުރި އެތީގެ ކައިރީގަ ހުއްޓާ ފެނުނު،" އާއިލާއިން ބުންޏެވެ.

މީގެ އިތުރުން އާއިލާއިން ބުނީ، ގޭގައި އޮންނަ ދެ މާސްކެއް މިހާރު މަދު ކަމަށެވެ. އެހެންކަމުން އެ ގެންދިޔައީ ސީދާ ހަސަންފުޅުބެ އޭ ބުނެވެން ނެތް ކަމަށް އާއިލާއިން ބުނެއެވެ.

"އެހެން މީހުން ވެސް އާންމުކޮށް މާސްކު ގެންދާނެ،" އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

މިކަމާ ގުޅިގެން މަތިވެރިން ވާހަކަ ދެއްކި އެހެން މީހަކު ބުނީ އޭނާ ގެއްލުނުކަމަށް ބުނާ ވަގުތަކީ އޮއިވަރު ގަދަ ވަގުތެއް ކަމަށެވެ. އަދި ރަށުގެ ގިނަ މީހުން ވެސް ބުނާ ގޮތުގައި އެވަގުތު މޫދަށް އެރި އުޅެނިކޮށް އޮއިގައި ޖެހިއްޖެނަމަ ސަލާމަތް ވުމުގެ ފުރުސަތު ކުޑައެވެ.

"އިރުއޮއްސުނު ގަޑީގައި ވަރަށް އޮއި ހުރި. އެއީ އިންސާނަކަށް ހިފަހައްޓައެއް ނުލެވޭނެ އެ އޮއިގައެއް. އަމުދުން އެ އުމުރު މީހަކު،" މަތިވެރިން ވާހަކަދެއްކި މީހަކު ބުންޏެވެ.

އިދާރާ ތަކުގެ އިހުމާލުގެ ތުހުމަތު

ރަށުގެ ހުރިހާ ރައްޔިތުން ވެސް ހޭބޯނާރާ ކުރަނީ ހަސަންފުޅުބެ ހޯދުމުގެ މަސައްކަތެވެ. ރަށުގެ ކުދި ބޮޑު އެންމެން ނުކުމެ ރަށުގެ އެއްގަމު ސަރަހައްދު އެއްކޮށް ބަލައިފިއެވެ. ގެތައް ބަލައިފިއެވެ. ފަޅު ގެތައް ބަލައިފިއެވެ. ރަށުގައި ހަދަންފަށާފައިވާ އިމާރާތްތައް ވެސް ބަލައިފިއެވެ. އެރަށުގެ ދޯނިތަކުން ނުކުމެ ރަށުގެ ފަޅުތެރޭގައި ފީނައިފިއެވެ. ނުވިތާކަށް ޑްރޯން އަރުވައިގެން މަތިން ވެސް ބަލައިފިއެވެ. ރަށުގެ ރައްޔިތުން މި މަސައްކަތުގައި އަވަދިނެތި އުޅޭއިރު، އެންމެން ވެސް ފާހަގަކުރަނީ މިކަމުގައި ފުލުހުންނާއި އެންއެމްޑީއެފުގެ އެހީތެރިކަން ލިބެންވާ މިންވަރަށް ނުލިބޭ ކަމެވެ.

އެގޮތުން ކައުންސިލް ނައިބު ރައީސް ނާފިޒް ވިދާޅުވީ، ފުލުހުންނާއި ސިފައިންގެ ފަރާތުން ލިބެނީ އެންމެ އެދެވިގެންވާ އެއްބާރުލުން ނޫން ކަމަށެވެ. އެގޮތުން އެ ރަށުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހަ ސްޓާފުންކަން އޭނާ ހިތާމައާއެކު ފާހަގަކުރިއެވެ.

"ޕޮލިސް އިންވެސްޓިގޭޝަން ވެސް ވަރަށް ދަށް،" ނާފިޒް ވިދާޅުވިއެވެ.

މީގެ އިތުރުން ހަސަންފުޅު ހޯދުމުގައި ހެލިކޮޕްޓަރު ބޭނުންކުރުމަށް އެދި ކައުންސިލުން އިއްޔެ އެމްއެންޑީއެފަށް ސިޓީއެއް ފޮނުވިކަމަށް އޭނާ ވިދާޅުވިއެވެ.

"އަދިވެސް އެއްވެސް އަޕްޑޭޓެއް އެކަމުގަ ވެސް ނެތް،" އޭނާ ވިދާޅުވިއެވެ.

މިކަމުގައި ފުލުހުންނާއި ސިފައިންގެ އެހީތެރިކަން ކުޑަކަން އާއިލާއިން ވެސް ފާހަގަކުރިއެވެ. އެގޮތުން އެއްވެސް ކަމެއްގެ މައުލޫމާތު ހިއްސާކުރަން ފުލުހުން މިހާތަނަށް އާއިލާއަށް ގުޅާފައި ނުވާކަމަށް އާއިލާއިން ބުންޏެވެ.

"އިންވެސްޓިގޭޝަނަކަށް ދާހިސާބަށް މިހާރު ގޮއްސަތާ މި އޮތީ. އެކަމު ފުލުހުންގެ ފަރާތުން މާބޮޑު އެއްބާރުލުމެއް ނުލިބޭ. ކައުންސިލުން އިންވެސްޓިގޭޓް ކުރަނީ. ކައުންސިލުން އަސްލު އާއިލާއަށް ވެސް ގުޅަނީ،" އާއިލާއިން ބުންޏެވެ.

މިކަމާ ގުޅޭގޮތުން އެމްއެންޑީއެފްއިން ބުނީ މި މައްސަލަ ތަހުގީގުކޮށް ކުރިއަށް ގެންދަނީ ފުލުހުން ކަމަށެވެ. ފުލުހުން ބުނީ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އިތުރު ތަފްސީލެއް މި ވަގުތު ދެވެން ނެތް ކަމަށެވެ.

މި މަސައްކަތުގައި ކައުންސިލުން ކުރާ މިންނެތް މަސައްކަތް ބަލައިގަންނަކަމަށް އާއިލާއިން ބުންޏެވެ. އަދި ރަށުގެ ހުރިހާ ރައްޔިތުންގެ ފަރާތުން ވެސް މިކަމަށް ލިބޭ އެއްބާރުލުން ހަސަންފުޅުގެ އާއިލާއިން ފާހަގަކުރިއެވެ.

"ރަށުގެ އެންމެންގެ އެހީތެރިކަން ވަރަށް ބޮޑު. ރޭގަނޑު ނުނިދާ ވެސް ފިރިހެނުންތައް ބަލަމުން ދިޔައީ ކާފަ ފެނޭތޯ،" އޭނާ ބުންޏެވެ.

ހަސަންފުޅަކީ އެންމެންނާ ގުޅޭ މިޒާޖެއްގެ މީހެއް

ހަސަންފުޅު ގެއްލުމުގެ ހިތާމައިގައި ރަށުގެ ހުރިހާ ރައްޔިތުން ވެސް އަންނަނީ ބައިވެރިވަމުންނެވެ. ސަބަބަކީ އޭނާއަކީ ރަށުގެ އެންމެންނާ ވެސް ގުޅޭ މަޖާ މިޒާޖެއްގެ މީހަކަށް ވުމެވެ. އޭނާއަކީ އެހާމެ މަސައްކަތްތެރި މީހެއް ވެސްމެއެވެ.

އޭނާއަށް ވަނީ ދެ ކައިވެންޏަކަށް 10 ކުދިން ލިބިފައެވެ.

"ސަން"އާ ވާހަކަ ދައްކަމުން ހަސަންފުޅަށް ކާފަ ކިޔާ ޒުވާނަކު ކިޔައިދިން ގޮތުގައި ކާފަގެ ރައްޓެހިން މުޅި އަތޮޅުގައިވެސް އުޅޭނެއެވެ.

"ކޮންމެ ރަށެއްގަ ވެސް މަދުވެގެން އެއް ރައްޓެއްސަކު ހުންނާނެ،"އޭނާ ބުންޏެވެ.

އޭނާގެ ދަރިން ހަސަންފުޅު ސިފަކުރަނީ ވަރަށް ހަރަކާތްތެރި މީހެއްގެ ގޮތުގައެވެ. އެއީ އޭނާ އަބަދުވެސް އުޅެނީ ކޮންމެވެސް މަސައްކަތެއްގައި ކަމަށް ވުމުންނެވެ.

"ކާފަ ތިލޭރުކަން ވެސް ކުރާނެ. ރަށްޓެހިންނަށް ފޯއްވަޅި އެއްޗެހި ހަދައިދޭނެ،" އޭނާ ބުންޏެވެ.

ހަސަންފުޅު ގެއްލުމުން މުޅި މަތިވެރި ވަނީ ހިތާމައިގެ މޮޅި ސާލެއްގައެވެ. އެންމެންގެ ދުޢާއަކީ އޭނާ ހެޔޮ ހާލުގައި ފެނުމެވެ.

comment ކޮމެންޓް