ވަރުން އާއި ޖާންވީގެ ފިލްމު ރިލީޒްކުރުން ފަސްކޮށްފި

ބަތަލާ ޖާންވީ ކަޕޫރާއި ބަތަލު ވަރުން ދަވަން އެކީގައި ފެނިގެންދާ ފިލްމު "ބަވާލް" ކުރިން ރިލީޒްކުރުމަށް ނިންމި ތާރީޚު ބަދަލުކޮށް ފިލްމު ރިލީޒްކުރުން ފަސްކޮށްފިއެވެ.

މި އަހަރުގެ އޭޕްރީލް މަހު ރިލީޒްކުރުމަށް ކުރިން އޮތް މި ފިލްމު ރިލީޒްކުރާ ތާރީޚު ފަސްކުރަން ނިންމީ ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ލަސްވުމުގެ އިތުރުން ފިލްމުގެ ވޯއެފްއެކްސްއާއި ޓެކްނިކަލް މަސައްކަތްތަކެއް ނުނިމި ލަސްވުމާ ގުޅިގެންނެވެ.

ސާޖިދް ނަދިއަދްވާލާ ޕްރޮޑިއުސްކޮށް ނިތޭޝް ތިވާރީ ޑައިރެކްޓްކުރާ މި ފިލްމުގެ ޝޫޓިންގް ޝެޑިއުލް މިދިޔަ އަހަރުގެ އޯގަސްޓް މަހު ނިންމާލިއިރު ފިލްމުގެ ބޮޑުބައި ޝޫޓްކޮށްފައިވަނީ ޕޮލެންޑްގެ ހިތްގައިމު މަންޒިލްތަކުގައެވެ. ފިލްމު ރިލީޒްކުރާ ތާރީޚު ލަސްވުމާ ގުޅިގެން ޑައިރެކްޓަރު ނިތޭޝް ތިވާރީ ބުނީ ބޭނުންވާ ކޮލިޓީއަށް ފިލްމުގެ މަސައްކަތް ނިންމުމަށްފަހު ނޫނީ ބެލުންތެރިންނަށް ފިލްމު ދޫކޮށް ނުލާނެ ކަމަށެވެ. އެހެންވެ އަވަސް އަރުވާލައިގެން ފިލްމު ރިލީޒްކުރުމަށްވުރެ ކޮލިޓީ ރަނގަޅު ފިލްމެއް އުފެއްދުމަށް އިސްކަންދޭކަމަށް ނިތޭޝް ވަނީ ބުނެފައެވެ.

ބަތަލާ ޖާންވީ ކަޕޫރާއި ވަރުން ދަވަން ލީޑްރޯލްއިން ފެނިގެންދާ މި ފިލްމަކީ، ވަރަށް ރީތި ލޯބީގެ ވާހަކައެއް ކިޔައިދޭ ފިލްމެކެވެ. މި ފިލްމަކީ ޖާންވީއާއި ވަރުން އެކީގައި ސްކްރީނުން ފެނިގެންދާނެ ފުރަތަމަ ފިލްމުވެސްމެއެވެ. ފިލްމު "ބަވާލް" ރިލީޒްކުރުން ފަސްވުމާއެކު އެ ތާރީޚުގައި އިތުރު އެހެން ފިލްމެއް ރިލީޒްކުރުމަށް ވަނީ ނިންމާފައެވެ. އެއީ އެކްޓަރު އަދިތްޔަ ރޯއި ކަޕޫރާއި ބަތަލާ މުރްނާލް ތާކުރް ލީޑް ރޯލްއިން ފެނިގެންދާ ފިލްމު "ގުމްރާހް"އެވެ. މި ފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ އޭޕްރީލް 7ގައެވެ. މިއީ ޓީ-ސީރީސް ކުންފުނީގެ ދަށުން ގެނެސްދޭ ފިލްމެކެވެ.

comment ކޮމެންޓް