ފާޑުކިޔުމާއެކު ކޭޓް އެކްޓިން ދޫކޮށްލަން ވިސްނަނީ

އަލަށް ނެރުނު ފިލްމެއްގައި ކުޅެފައިވާ ރޯލަކާ ގުޅިގެން އާންމުންގެ ފަރާތުން ބޮޑެތި ފާޑުކިޔުންތަކެއް ލިބެމުން އަންނާތީ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ކޭޓް ބްލޭންޗެޓް އެކްޓިން ދޫކޮށްލުމަށް ވިސްނަން ފަށައިފިއެވެ.

އުމުރުން 54 އަހަރުގެ ކޭޓް އަކީ ހޮލީވުޑްގެ ތަފާތު ގިނަ ޕްރޮޖެކްޓުތަކުގައި މަސައްކަތް ކޮށްފައިވާ ފަންނާނެކެވެ. އެގޮތުން އޭނާގެ ހުނަރަށް ތަފާތު ގިނަ އެވޯޑް ލިބިފައިވާއިރު ދެ ފަހަރެއްގެ މަތީން ވަނީ އޮޮސްކާ އެވޯޑު ވެސް ކާމިޔާބުކޮށްފައެވެ.

ނަމަވެސް މައްސަލައެއް ފެންމަތިވެގެން މިއުޅެނީ މިދިޔަ އަހަރު އޭނާ ލީޑް ރޯލުން ފެންނަ ފިލްމު "ޓާ"ގައި އޭނާ ކުޅެފައިވާ ރޯލަށެވެ. ޓާގައި ކޭޓް ކުޅެނީ ޖަރުމަނު އޮކެސްޓްރާ ކޮންޑަކްޓަރެއްގެ ރޯލެވެ. އެ ރޯލުން އޭނާ ދައްކައިދެނީ ބާރާއި މަގާމަށް ދަހިވެތިވެފައިވާ އަންހެނެއްގެ ގޮތުގައެވެ.

މިކަމާ ގުޅިގެން ބައެއް މީހުން މައްސަލަ ޖައްސަމުން އަންނަނީ އަންހެނުން ގޯސް ނަޒަރަކުން އެ ފިލްމުގައި ސިފަ ކޮށްދެނީ ކަމަށެވެ. އެކްޓަރުންނަކީ ތަފާތު އެކި ކަހަލަ ފާޑު ކިޔުން ރައްދުވާ ބައެކެވެ. ނަމަވެސް މިފަހަރުގެ ފާޑު ކިޔުމުގައި ހުރި ހަމަ ނުޖެހެ ސަބަބާ ގުޅިގެން ކޭޓް ހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ.

ބޭރުގެ ނޫހެއް ކަމަށްވާ "ރޭޑާ އޮންލައިން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ކޭޓަށް ރައްދުވެފައިވާ ފާޑުކިޔުންތަކަކީ އޭގައި އެއްވެސް ބުރަދަނެއް ހުރި ފާޑު ކިޔުންތަކަކަށް ނުވާތީ އެކަމާ ހިތްހަމަ ނުޖެހިގެން އޭނާ އެކްޓިން ދޫކޮށްލުމަށް ވިސްނައިގެން ކަމަށް އިންސައިޑަރެއް އެ ނޫހަށް މައުލޫމާތު ދެއެވެ.

ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ. އެއްބަޔަކު ބުނާގޮތުގައި ކޭޓް މި އަހަރަށް ފަހު އެކްޓިން އިން ބްރޭކެއް ނެގުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ކްރިޓީކުންގެ ފަރާތުން ވެސް ފާޑުކިޔުން ރައްދުވަމުން އަންނަ ޓާ ގައި ކޭޓް ކުޅުނު ރޯލަށް އޭނާ ވަނީ މިއަހަރުގެ އޮސްކާގެ އެންމެ މޮޅު އަންހެން އެކްޓަރުގެ ދާއިރާއަށް ނޮމިނޭޓް ވެފައެވެ.

comment ކޮމެންޓް