ތިން ސަތޭކަ ޑޮލަރަށް ގަތް ޝެންޑެލިއާއެއް ތިން މިލިއަނަށް ވިއްކާލަނީ

ލަންޑަނުގެ އެންޓީކު އެއްޗެހި ވިއްްކާ ފިހާރައަކުން މީހަކު 309 ޑޮލަރަށް ގަތް ޝެންޑެލިއާއެއް 3.7 މިލިއަން ޑޮލަރާ ގާތް ކުރާ އަދަދަކަށް ވިއްކާލުމަށް ތައްޔާރުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ނީލާން ކުންފުންޏެއް ކަމަށްވާ "ކްރިސްޓީސް" އިން އެ ޝެންޑެލިއާ ނީލަމަށް ލާން ތައްޔާރުވަމުންދާއިރު އެ ޝެންޑެލިއާ ފުރަތަމަ ފެނިފައިވަނީ އިނގިރޭސިވިލާތުގެ ޕެއިންޓަރެއް ކަމަށްވާ ޖޯން ކްރެކްސްޓަން އަށެވެ. އެންޓީކް ފިހާރައެއްގެ ކައިރީން ދަނިކޮށް ކްރެކްސްޓަން އަށް އެ ޝެންޑެލިއާ ފެނިފައިވަނީ 1960ވަނަ އަހަރުގައެވެ.

އެ ޝެންޑެލިއާއަކީ އޭނާގެ ކުރީގެ އެކުވެރިއެއް ކަމަށްވާ ޕީޓާ ވަޓްސަން ގެންގުޅުނު ވައްތަރު އެއްޗެއްކަން ފެނިގެން އޭނާ އެ ގަތީއެވެ. އަލްބާޓޯ ޖިއާކޮމެޓީ ނަމަށް ކިޔާ ސްޓައިލްގެ ޝެންޑެލިއާ ބެލި ބެލުމުން އެއީ އޭނާގެ އެކުވެރިޔާ ދުނިޔޭގައި ހުރި އިރު ގެންގުޅުނު ޝެންޑެލިއާކަން އެނގިގެން ކްރެކްސްޓަން އެ ގަތެވެ.

ކްރެކްސްޓަން އެ ޝެންޑެލިއާ އަޅުވާފައި ބޭންދީ އޭނާގެ ގޭގައެވެ. ނަމަވެސް 2009ވަނަ އަހަރުގައި އޭނާ ވަނީ އުމުރުން 64 އަހަރުގައި މަރުވެފައެވެ. އަދި އެއަށްފަހު އޭނާގެ އާއިލާއާ ގުޅޭ ބަޔަކު އެ ވިއްކާލަން މަސައްކަތް ކުރިއެވެ. އެންމެފަހުން މިހާރު އެ ވިއްކާލެވޭ ގޮތް ވެފައިވާއިރު ޝެންޑެލިއާއަކީ ތާރީހީ އާޓިސްޓެއް ކަމަށްވާ އަލްބާޓޯގެ އުފެއްދުމަކަށް ވާތީ އޭގެ އަގު ބޮޑުވާނެއެވެ.

ކްރިސްޓީސް އިން ލަފާކުރާގޮތުގައި އެ ޝެންޑެލިއާ އަގުބޮޑުކޮށް ވިއްކާލެވޭނެއެވެ. އެގޮތުން 1.9 މިލިއަން ޑޮލަރާއި 3.7 މިލިއަން ޑޮލަރާ ދެމެދުގެ އަގަކަށް އެ ޝެންޑެލިއާ ވިކޭނެ ކަމަށް ކްރިސްޓީސް އިން ލަފާކުރެއެވެ. 2018ވަނަ އަހަރުގައި ވެސް ވަނީ އަލްބާޓޯގެ ޝެންޑެލިއާއެއް ނީލަމަށް ލައިން ވިކިފައެވެ. އެ ޝެންޑެލިއާ ވިކިފައިވަނީ ނުވަ މިލިއަން ޑޮލަރަށެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު