އެންމެ ރީތި ފިރިހެނަކީ ބްރިޖަޓަންގެ ޑޫކް

ސައިންސުގެ ނަޒަރަކުން ބަލާ ނަމަ ދުނިޔޭގެ އެންމެ ރީތި ކަމަށް ބެލެވޭ ފިރިހެނަކީ މަގުބޫލުކަން ހޯދަމުން އަންނަ އިނގިރޭސިވިލާތު އެކްޓަރު ރެޖޭ ޖޯން ޕޭޖް ކަމަށް ކަނޑައަޅައިފިއެވެ.

އިނގިރޭސިވިލާތުގެ ޕްލާސްޓިކް ސާޖަން އެއް ކަމަށްވާ ޑރ. ޖޫލިއަން ޑި ސިލްވާ ދާދި ފަހުން ވަނީ ގްރީކް ޓެކްނީކް އެއް ކަމަށްވާ "ގޯލްޑެން ރޭޝިއޯ އޮފް ބިއުޓީ" ބޭނުންކޮށްގެން އެންމެ ފަހުގެ ކޮމްޕިއުޓަރައިޒްޑް މެޕިން ސްޓްރެޓެޖީއާއެކު އެންމެ ރީތި ފިރިހެން ހުންނާނެ ގޮތް ހޯދައިފައެވެ. ސިލްވާ ވަނީ މީގެ ކުރިން އެންމެ ރީތި އަންހެނަކީ ކޮބައިކަން ވެސް ހޯދައިފައެވެ.

ގޯލްޑެން ރޭޝިއޯ އޮފް ބިއުޓީ ޓެކްނީކް ބޭނުންކޮށްގެން ބަލަނީ މޫނުމަތީގެ ބޭރުގެ ސިފަތަކަށެވެ. އޭގެތެރޭގައި ލޮލާއި ނޭފަތް އަދި އަނގައިގެ ދުރުމިނެވެ. މި ސްޓްރެޓެޖީ ބަލައިގެން ހެދި ޓެސްޓުން އެންމެ މަތިން މާކްސް ލިބިފައިވާ ފިރިހެނަކީ ނެޓްފްލިކްސްގެ ބްރިޖަޓަން ޝޯއިން މަގުބޫލުކަން ހޯދި ރެޖޭއެވެ.

https://www.youtube.com/watch?v=Ew6bbgGD5Os

އޭނާ ބުނިގޮތުގައި އެ ރޭޝިއޯގެ މާކުހަށް ބަލާއިރު ރެޖޭއަށް ވަނީ 93.65 ޕަސެންޓް، 100 އިން ލިބިފައެވެ. ލިސްޓުގެ ދެވަނައިގައި ހިމެނެނީ މަޝްހޫރު އޮސްޓްރޭލިއަން އެކްޓަރު އަދި "ތޯ"ގެ ރޯލުން ފެންނަ ކްރިސް ހެމްސް ވޯތެވެ.

އެ ލިސްޓުގެ ގަދަ 10ގެ ތެރޭގައި ރޮބާޓް ޕެޓިންސަން އާއި ޖޯޖް ކްލޫނީގެ އިތުރުން ކްރިސް އެވަންސް އަދި ހެރީ ސްޓައިލްސް ހިމެނެއެވެ.

ބްރިޖަޓަންގައި "ޑޫކް ހޭސްޓިން"ގެ ރޯލުން ރެޖޭ ވަނީ އެތައް ބައެއްގެ ހިތްތައް އަތުލައިފައެވެ. އެއާއެކު އޭނާއަށް އަންނަނީ ހޮލީވުޑް އިން ވެސް ބޮޑެތި ޕްރޮޖެކްޓްތައް ލިބެމުންނެވެ. އެންމެ ފާހަގަކޮށްލެވޭ އެއް ޕްރޮޖެކްޓަކީ މިދިޔަ އަހަރު ނެރުނު ތުރިލާ ފިލްމު "ގްރޭ މޭން"އެވެ.

ޑރ. ސިލްވާގެ ލިސްޓުގެ ތެރެއިން އެންމެ ރީތި އަންހެނަކަށް ހޮވިފައިވަނީ އިނގިރޭސިވިލާތުގެ އެކްޓަރު ޖޯޑީ ކޯމާއެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު