އޭސީސީ އާއި ޕީސީބީން ކޮރަޕްޝަން ކުޑަކުރާނެ ދާއިރާތައް ކަނޑައަޅަނީ

އޭސީސީ އާއި ޕީސީބީން އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީސީބީ ޓްވިޓާ

ކޮރަޕްޝަން ވިޔަނުދިނުމަށް ގުޅިގެން މަސައްކަތްކުރާނެ ދާއިރާތައް ކަނޑައަޅައި، އެ މަގްސަދު ހާސިލްކުރުމަށް މަސައްކަތްކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އާ ދެމެދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ)އެއްގައި ސޮއިކޮށްފިއެވެ.

މި އެމްއޯޔޫގައި ސޮއިކޮށްފައިވަނީ މިއަދު އޭސީސީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެމްއޯޔޫގައި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ، ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް އެވެ. އަދި ޕީސީބީގެ ފަރާތުން ސޮއިކުރެއްވީ އެބޯޑުގެ ރައީސް އާސިމް މުހައްމަދެވެ.

މި އެމްއޯޔޫގެ ދަށުން، އޭސީސީއާއި ޕީސީބީއަށް ގާނޫނުއަސާސީންނާއި ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމުގައި އެއް ފަރާތުން އަނެއް ފަރާތަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އެކުގައި މަސައްކަތް ކުރާނެ ދާއިރާތައް ކަނޑައެޅުމަށާއި، އެ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭސީސީން މައުލޫމާތު ދެއެވެ.

އެގޮތުން ދައުލަތުގެ ކުންފުނިތަކާއި ދައުލަތް ބައިވެރިވާ ކުންފުނިތަކަށް ތުހުމަތުކޮށް ހުށައެޅޭ މައްސަލަތަކުގެ ތަޙުޤީގުތަކުގެ ބޭނުމަށް ލިޔެކިޔުންތަކާއި މައުލޫމާތު ހޯދުމުގައި މި އެމްއޯޔޫގެ ދަށުން އެހީތެރިވެދީ އެފަދަ މައުލޫމާތުތަކަށް ފަސޭހައިން ވާސިލްވުމަށްޓަކައި ދެ މުއައްސަސާއިން ގުޅިގެން މަސައްކަތްކުރާނެ ގޮތްކަނޑައަޅާނެއެވެ.

އަދި، އޭސީސީގެ ރިކޮމެންޑޭޝަންތައް ތަންފީޒުކުރުމަށާއި، ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގައި ދެ މުއައްސަސާ ގުޅިގެން އަމަލުކުރާނެ ގޮތްތައް ކަނޑައެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އޭސީސީގެ މެމްބަރުން ޠާހާ މުހައްމަދު ވިދާޅުވީ، ފާއިތުވި ފަސް އަހަރުގެ ތެރޭގައި ކުންފުނިތަކާ ގުޅޭގޮތުން 883 މައްސަލައެއް އޭސީސީގަ ރަޖިސްޓްރީކުރެވިފައިވާކަމަށާއި، އެކޮމިޝަންގެ ތަހުގީގުތަކަށްފަހު 158 އެންގުމެއް އިސްލާހުކުރުމަށް ކުންފުނިތަކަށް ލަފާ ދީފައިވާކަމަށެވެ.

އަދި، މި އެމްއޯޔޫގެ ސަބަބުން އޭސީސީގެ ތަހުގީގުތަކުގައި އެއްބާރުލުން ދިނުމަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހި، ކުންފުނިތަކުގެ މުވައްޒަފުން ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކުރުވުމަށާއި، މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހިއްޞާކުރުމަށް ދެ މުއައްސަސާއަށް ކުރިއެރުން ލިބޭނެ ކަމަށް އޭނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ޕީސީބީގެ ރައީސް އާސިމް މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި، ދެ މުއައްސަސާގެ މެދުގައި މިފަދަ އެއްބަސްވުމެއްގައި ސޮއިކުރެވުމަކީ ނުހަނު މުހިއްމުކަމެއްކަން ފާހަގަކުރައްވައި އެއްބަސްވެފައިވާ ކަންކަން ތަންފީޒުކުރުމުގެ މަރުހަލާ ވީހާވެސް އަވަހަށް ފަށަންޖެހޭކަމުގައިވަނީ ވިދާޅުވެފައެވެ.

މިރަސްމިއްޔާތުގައި އޭސީސީގެ މެންބަރުންނާއި އިސްވެރިންގެ އިތުރުން ޕީސީބީގެ މެންބަރުންނާއި އިސްބައެއް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

comment ކޮމެންޓް