އިންޑިއާގެ ކޮޗިންއަށް ބޭސްފަރުވާއާއަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަނީ

ކޮޗިންއިން ގެއްލިގެން ހޯދަމުންދާ، އުމުރުން 35 އަހަރުގެ މުހައްމަދު މަހުދީ --

އިންޑިއާގެ ކޮޗިންއަށް ބޭސްފަރުވާއަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ، ކ. ތުލުސްދޫއަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ މުހައްމަދު މަހުދީއެވެ.

"ސަން"އާ ވާހަކަދައްކަމުން މަހުދީގެ ދައްތަ އާމިނަތު އަރުޝީ ބުނީ، އޭނާ ގެއްލުނީ މިއަދު ހެނދުނު 9 ޖަހާ އެހާކަންހާއިރު، ޑޮކްޓަރަށް ދެއްކުމަށް އަމްރީތާ ހޮސްޕިޓަލަށް ގޮސް ހުއްޓާކަމަށެވެ.

"ކޮއްކޮ އަކީ ބައިޕޯލާ ޑިސްއޯޑާ ވަރަށް ބޮޑަށް ހުންނަ ކުއްޖެއް. މިހާރު ވަރަށްބޮޑަށް ވަޔަލަންޓް. މިއަދު ޑޮކްޓަރަށް ދެއްކިތަނުން މާބޮޑަށް ވަޔަލަންޓްވެ، ކޮންޓްރޯލް ނުވެގެން ހޮސްޕިޓަލުން ނިކުމެގެން ދިޔައީ. ފަހަތުން ދިޔަނަމަވެސް ވަކި ހިސާބަކުން ލޯމަތިން ގެއްލުނު. ދެން ހަމަ ވަގުތުން ކޮއްކޮ ހޯދުމުގެ މަސައްކަތް ފަށައިފިން،" އަރުޝީ ބުންޏެވެ.

އަރުޝީ ބުނީ މަހުދީ ގެއްލުނުތާ ގަޑިއިރެއްހާ އިރުގެ ތެރޭގައި ކޮޗިންގެ ފުލުހުންނަ ރިޕޯޓްކޮށް، އޭނާ ހޯދުމުގެ މަސައްކަތް ފެށިކަމަށެވެ. އަދި ހަމަ އެއާއެކު ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށްވެސް އެކަން އަންގާފައިވާ ކަމަށާއި، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީއާ ގުޅިގެން މަހުދީ ހޯދުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް ފަށާފައިވާކަމަށް އަރުޝީ ބުންޏެވެ.

އަރުޝީ ބުނީ ކޮއްކޮގެ ހާލަތު ގޯސްވުމާ ގުޅިގެން ފަރުވާ ހޯދަމުންދާތާ ހަތަރު އަހަރުވެފައިވާކަމަށާއި، މިފަހަރު ފަރުވާ ހޯދުމަށް އިންޑިއާއަށް ދިޔައީ އިއްޔެކަމަށެވެ. އިންޑިއާއަށް ބޭސްފަރުވާއަށް ދިޔައީ އާސަންދައިގެ ދަށުންކަމަށްވެސް މަހުދީގެ އާއިލާއިން ބުނެއެވެ.

comment ކޮމެންޓް