ނިޝާހަކީ ހިތްވަރުގަދަ ކަމުގެ މިސާލެއް: ރައީސް

2019 ވަނަ އަަހަރު ނިޝާހުއަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމް ރައީސް ދެއްވަނީ / ފޮޓޯ: ރައީސް އޮފީސް

މާފުށިވަރު ރިސޯޓު ކައިރިއަށް އިއްޔެ ހަވީރު ބޮއި އަޅަން ފައިބައި އުޅެނިކޮށް މަރުވި ނިޝާހު ޢަބްދުލް ޢަފޫރުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، ނިޝާހަކީ ހިތްވަރުގަދަކަމާއި އިންސާނިއްޔަތުކަމުގައި ލާމަސީލު މިސާލެއް ކަމަށް ވިދާޅުވެފައެވެ. އަދި ސްކައުޓް އެސޯސިއޭޝަނަށް އޭނާ ވަނީ ރީތި ނަން ހޯދައިދެއްވާފައި ކަމަށް ރައީސް ވިދާޅުވިއެވެ.

"އެ މަރުހޫމުގެ ފުރާނައަށް މާތްﷲ ހެޔޮ ރަހުމަތް ލައްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި،" ރައީސް ލިޔުއްވާފައި ވެއެވެ.

ނިޝާހް އަކީ، ނޮވެމްބަރު 18، 2018ގައި އިނގުރައިދޫގައި މޫދަށް އެރި އުޅުނު ކުއްޖަކު، ފުރާނައަށް ނުރައްކާވާފަދަ ހާލަތެއްގައި ވަނިކޮށް، އޭނާގެ ފުރާނަ ސަލާމަތްކުރި ސްކައުޓެކެވެ.

އެކަމުގެ އަގު ގައުމީ ފެންވަރެއްގައި ވަޒަންކުރުމުގެ ގޮތުން ނިޝާހަށް ވަނީ 2019 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމުވެސް ދެއްވާފައެވެ.

މީގެ އިތުރުން ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަނާއި ބައިނަލްއަގުވާމީ ސްކައުޓް ޖަމުޢިއްޔާގެ އޭޝިއާ ޕެސިފިކް ރީޖަނުންވެސް ވަނީ ނިޝާހް ދެއްކި ހިތްވަރު ފާހަގަކޮށްފައެވެ.

ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަނުން ނިޝާހުގެ ވަކިވުން ސިފަކުރީ މުޅި ދިވެހި ސްކައުޓް އާއިލާއަށްވެސް ލިބުނު ފުން ހިތާމައެއްގެ ގޮތުގައެވެ.

ނިޝާހު ދަންނަ މީހުން އޭނާ ސިފަކުރަނީ މޫދާ ރައްޓެހި، ފަރިތަ މީހެއްގެ ގޮތުގައެވެ. މާފުށިވަރު ރިސޯޓުގައި އޭނާ ވަޒީފާ އަދާ ކުރަމުން ދިޔައީ ޑައިވަރެއްގެ ގޮތުގައެވެ.

comment ކޮމެންޓް