އިސްރާއީލުގެ ހަތް މީހުން މަރާލުމާއެކު އެމެރިކާގެ ޚާރިޖީ ވަޒީރު، ކުއްލި ގޮތަކަށް އިސްރާއީލަށް

ބްލިންކެން ނަތަންޔަހޫ އާ ބައްދަލުކުރައްވަނީ

ހިފާފައިވާ ގުދްސު (31 ޖަނަވަރީ 2023): އިސްރާއީލުން ފަލަސްތީނުގެ އާންމުން މަރައި ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ޖަރީމާތަކަށް ބަދަލު ހިފުމުގެ ގޮތުން ފަލަސްތީނުގެ ޒުވާނަކު އިސްރާއީލުގެ ހަތް މީހުން މަރާލުމުން އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން ކުއްލި ގޮތަކަށް އިސްރާއީލަށް ވަޑައިގެން އެގައުމުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރައްވައިފިއެވެ.

ބްލިންކެން ވަނީ އިސްރާއީލަށް ވަޑައިގަތުމުގެ ކުރިން މިސްރަށް ވަޑައިގެން މިސްރުގެ ޚާރިޖީ ވަޒީރު ސާމިހު ޝުކުރީއާ ބައްދަލުކުރައްވައިފައެވެ. ނަމަވެސް އޭނާ މިސްރުގައި މަޑުކޮށްލެއްވީ އެންމެ ތިން ގަޑީއިރަށެވެ. އެއަށްފަހު އަވަސް އަވަހަށް ވަޑައިގެންނެވީ އިސްރާއީލަށެވެ.

އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރައްވައި ބްލިންކެން ކުރެއްވި މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެއްވީ ފަލަސްތީނުގެ މިނިވަންކަމަށްޓަކައާ އަދި ފަލަސްތީނުގެ އަމިއްލަ ދިފާއުގައި ފަލަސްތީނު މީހުން އިސްރާއީލާ ދެކޮޅަށް ކުރިއަށްގެންދާ ޖިހާދުގެ ހަރަކާތްތައް ހުއްޓުވުމުގެ މައްޗަށެވެ. އަދި އެ ހަރަކާތްތަކާ ދެކޮޅަށް އިސްރާއީލުގެ ދިފާއުގައި އެމެރިކާ އޮންނާނެކަމުގެ ޖާމިނުވުން ދިނުމުގެ މައްޗަށެވެ.

މިގޮތުން ބްލިންކެން ވަނީ އިސްރާއީލުގެ ސިފައިން މިދިޔަ ބުރާސްފަތި ދުވަހު ފަލަސްތީނުގެ ޖެނީންއަށް އަރައި ލަސްތީނުގެ އާންމުންގެ 10 މީހުން ޝަހީދުކޮށްލި ޖަރީމާއަށް ބަދަލުހިފުމުގެ ގޮތުން ފަލަސްތީނުގެ 21 އަހަރުގެ ޒުވާނެއްކަމަށްވާ ޚައިރީ ޢަލްގަމު އިސްރާއީލުގެ ފައްޅިއަކަށް ފިސްތޯލައަކުން ހަމަލާދީ ހަތް މީހުން މަރާލި މައްސަލަ ވަރަށް ބޮޑަށް ކުށްވެރި ކުރައްވައި އިސްރާއީލަށް ހަމްދަރުދީ ފާޅުކުރާ ވާހަކަ ނަތަންޔާހޫއަށް ދަންނަވައިފައެވެ.

އިސްރާއީލުން މި ޖަނަވަރީ މަހު އެކަނިވެސް ފަލަސްތީނުގެ 34 މީހުން (ކުޑަކުދިންނާއި އަންހެނުން ހިމެނޭގޮތަށް) ޝަހީދުކޮށްލާފައިވާއިރު އެ ޖަރީމާތަކާ ގުޅިގެން ބްލިންކެން ފަލަސްތީނަށް ހަމްދަރުދީ ފާޅުކޮށް އަމިއްލަ ނަފްސުގެ ދިފާއުގައި ޖިހާދުކުރުމުގެ ހައްގު ފަލަސްތީނަށް އޮތްކަމަށް ވިދާޅުވެފައެއްނުވެއެވެ.

އިސްރާއީލުން ކޮންމެ ދުވަހަކު ފަލަސްތީނު މީހުން މަރަމުން ގެންދާ މައްސަލައަށް އިޝާރާތް ކުރައްވައި ބްލިންކެން ވިދާޅުވީ ދެ ފަރާތުން ވެސް މަސްރަހު ހޫނުކުރަން މަސައްކަތް ނުކުރުމަށެވެ. ނަމަވެސް ފަލަސްތީނުގެ ބަދަލުހިފުމުގެ ހަމަލާގައި އިސްރާއީލުގެ ހަތް މީހުން މަރާލުމުން އެކަން ފާހަގަކުރައްވައި ބްލިންކެން ވަނީ އިސްރާއީލަށް އަމާންކަން އޮންނަންޖެހޭ ކަމަށާއި އަމިއްލަ ނަފްސުގެ ދިފާއުކުރުމުގެ ހައްގުވެސް އިސްރާއީލަށް އޮންނާނެކަމަށް ވިދާޅުވެ އިސްރާއީލަށް ވަޑައިގަތުމުގެ ކުރިންވެސް އޭނާ ވާހަކަ ދައްކަވައިފައިވެއެވެ.

ރިޕޯޓްތައް ބުނާގޮތުން މި ޖަނަވަރީ މަހު އިސްރާއީލުން ފަލަސްތީނުގެ 34 މީހުން ޝަހީދުކޮށް ޣައްޒާއަށް އިސްރާއީލުން ބޮން އެޅިއިރުވެސް މެދުއިރުމައްޗަށް ވަޑައިނުގެން ހުންނަވާފައި ކުއްލިއަކަށް މެދުއިރުމައްޗަށް ވަޑައިގަންނަވަން ބްލިންކެން ނިންމެވީ ފަލަސްތީނުގެ ޒުވާނާގެ ހަމަލާގައި އިސްރާއީލުގެ ހަތް މީހުން މަރާލުމުންނެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާ ބުނާގޮތުން މިއަދުގެ ވަގުތެއްގައި ބްލިންކެން ފަލަސްތީނުގެ ރާމަﷲ އަށް ވަޑައިގެން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ ވެސް އޭނާ ބައްދަލުކުރައްވާނެއެވެ. އެ ވުޒާރާ ބުނާގޮތުން ބްލިންކެން އިސްރާއީލުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައި އެންމެ ބޮޑު އިސްކަމެއް ދެއްވީ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް އިސްރާއީލު ހިންގާ ޣައިރު ގާނޫނީ މަޝްރޫއު ހުއްޓުވުމާ ބެހޭގޮތުންނެވެ.

މީގެއިތުރުން ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ބިންތަކުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދާގޮތަށް ދެ ދައުލަތުގެ ހައްލުގެ މައްޗަށް ފަލަސްތީނުގެ މައްސަލަ ހައްލުކުރުމަށް ބްލިންކެން ބާރު އެޅުއްވިކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.

ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވުން ހުއްޓުވުމާއި ދެދައުލަތުގެ ހައްލުގެ ހައްލުގެ ވާހަކަތަކަކީ މީގެ 40 އަހަރު ކުރިން ފެށިގެން ވެސް ފަލަސްތީނުގެ މައްސަލައިގައި އެމެރިކާގެ ހުރިހާ ސަރުކާރުތަކަކުން ވެސް އަބަދު ދައްކާ ފޫހިވެފައިވާ ވާހަކަތަކެކެވެ. އެކަން ތަންފީޒުކުރުމަށް އެމެރިކާ އެއްވެސް ވަރަކަށް މަސައްކަތް ނުކުރާ ވާހަކަތަކެކެވެ.

ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވުން އިސްރާއީލުން ނުހުއްޓާނަމަ އދ. މެދުވެރިކޮށް ނޫނީ އެމެރިކާ އަމިއްލައަށް ވެސް އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅިދާނެއެވެ. އަދި ފަލަސްތީނުގެ ދައުލަތެއް ގާއިމްކުރަން އިސްރާއީލު ހުރަސްއަޅައި އެކަން ވިޔަނުދޭން މަސައްކަތްކުރާތީ އެ މައްސަލާގައި ވެސް އިސްރާއީލަށް ފިއްތުންތައް ކުރިމަތިކޮށް އިސްރާއީލު ކިޔަމަން ކުރުވަން އެތައް ކަމެއް އެމެރިކާއަށް ކުރެވިދާނެއެވެ.

ނަމަވެސް މިއިން އެއްވެސް ކަމެއް އެމެރިކާ ނުކުރާއިރު އެމެރިކާގެ އެ ވާހަކަތައް ވެފައިވަނީ އެމެރިކާގެ މަސްއޫލުވެރިން ހަމައެކަނި އަނގަބަހުން ތަކުރާރުކޮށްލާ ވާހަކަތަކެއް ކަމުގައެވެ. އެމެރިކާ ގެންދަނީ ފަލަސްތީނަށް އަނިޔާވެރިވުމަށާއި ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް އިސްރާއީލަށް އަމަލީގޮތުން ވާގިވެރިވަމުންނެވެ.

އަނެއްކޮޅު އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވުމަށް ފަލަސްތީނަށް އެއްވެސް އެހީއެއްދޭން އެމެރިކާ ދެކޮޅު ހަދާއިރު ފަލަސްތީނުގެ މުޖާހިދުން އިސްރާއީލާ ދެކޮޅަށް ހިންގާ މިނިވަންކަމުގެ ޖިހާދަކީ ވެސް ޓެރަރިޒަމްކަމަށް އެމެރިކާ ގެންދަނީ ސިފަކުރަމުންނެވެ. އަދި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ފަރާތަކަށް އެހީއެއް ދިނުމަކީ ވެސް ޓެރަރިޒަމަށް އެހީތެރިވުންކަމަށް ތުހުމަތުކޮށް އެމެރިކާ ގެންދަނީ އެފަރާތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ.

އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާ މައިގަނޑު ސަބަބަކީ ވެސް އީރާނުން ފަލަސްތީނުގެ ޖިހާދަށް ތާއީދުކޮށް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކަށް ވާގިވެރިވުމެވެ.

comment ކޮމެންޓް