ނިޝާހު: އެންމެންގެވެސް އެހީތެރިއެއް، މިއީ ހިތްދަތި ވަކިވުމެއް!

އިއްޔެ ހަވީރު އެންމެން ސިއްސުވާލީ އދ. މާފުށިވަރު ރިސޯޓު ކައިރިއަށް ބޮއި އަޅަން ފައިބައި އުޅެނިކޮށް މޫދުގައި ޚަބަރު ހުސްވެފައި އޮއްވާ ފެނުނު ނިޝާހު ޢަބްދުލް ޢަފޫރުގެ މަރުގެ ޚަބަރުންނެވެ. އޭނާގެ ކުއްލި ވަކިވުން ގަބޫލުކުރަން ދަތި އެތައް ބަޔަކު ވަނީ ތައުޒިޔާގެ މެސެޖުތަކުން ސޯޝަލް މީޑިއާ ބަންޑުން ކޮށްލާފައެވެ. އޭނާގެ އެކުވެރިންނާއި، އެކުގައި މަސައްކަތް ކުރި މީހުންނެވެ. އޭނާގެ މުދައްރިސުންނާއި ގާތް އެތައް ބައެކެވެ.

މީގެ ފަސްވަރަކަށް އަހަރު ކުރިން ނޫސްތަކުގައި ނިޝާހުގެ ހިތްވަރު ގަދަ ކަމުގެ ވާހަކަ ވިދާލިއެވެ. ރ. އިނގުރައިދޫ، މާހާ، ނިޝާހަކީ އެރަށުގައި މަސް ހިފަން މޫދަށް އެރި އުޅެނިކޮށް ގެނބެމުން ދިޔަ ކުއްޖަކު ސަލާމަތްކޮށްގެން ހިތްވަރު ދެއްކި ބަތަލެކެވެ. އެގޮތުން 2018 ވަނަ އަހަރު ހިނގި އެހާދިސާގައި ނިޝާހު ދެއްކި ހިތްވަރު ފާހަގަކޮށް ޖެހިގެން އައި އަހަރު އޭނާއަށް ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު ލިބިފައެވެ.

https://sun.mv/173496

އިނގުރައިދޫ ފުއްޓަރު ފަރާތަށް މަސް ހިފަން ފީނަން ގޮސް އުޅުނު ކުދިބައެއްގެ ތެރެއިން ކުއްޖަކު ފާނައަކަށް ދަގަނޑު ޖެހުމުގެ ތެރެއިން ގަލެއްގައި ދަގަނޑު ތާށިވިއެވެ. އެވަގުތު ދަގަނޑުގައި އައްސާފައި އޮތް ވާގަނޑު އެ ކުއްޖާގެ އަތުގައި ވެސް އައްސާފައި އޮތުމުން، އެ ކުއްޖާ މައްޗަށް އަރަން މަސައްކަތްކުރިޔަސް އެކަން ވާ ގޮތެއް ނުވިއެވެ. ނޭވާ ހާސްވިއިރު ވެސް ދަގަނޑު ނެއްޓޭ ގޮތް ނުވެ، ނޭވާ ހާސްވެގެން މޫދު އަޑީގައި އޮއްވައި ނިޝާހު އާއި އޭނާއާ އެކު އުޅުނު އެހެން އެކުވެރިއަކު ވެގެން ގެބެމުންދިޔަ ކުއްޖާ މައްޗަށް ނަގައި ސަލާމަތް ކުރިއެވެ.

މީގެ ފަސް އަހަރު ކުރިން ގެނބުނު ކުއްޖާ އަދި އޭނާ ސަލާމަތްކުރި ދެ ސްކައުޓުން. ނިޝާހު (ވ) / ފޮޓޯ: ސޯޝަލް މީޑިއާ

ނިޝާހުއަށް ރައީސް ދެއްވި އިނާމާ ގުޅޭ ތައާރަފުގައި ބުނެފައިވަނީ އޭނާގެ އެކުވެރިޔާގެ ފުރާނަ ސަލާމަތްކުރުމުގައި ނިޝާހު އާއި އޭނާއާ އެކު ދެން ހުރި އަނެއް ކުއްޖާގެ މަސައްކަތް ފާހަގަކުރެވޭ ކަމަށެވެ. ރަށުގެ ސިއްހީ މަރުކަޒުންވެސް ވަނީ އެކަން ބަލައިގަނެފައެވެ.

ނިޝާހު އާއެކު ދެން އެދުވަހު އެކުއްޖާ ސަލާމަތް ކުރުމަށް އެހީތެރިވެދިން އަލީ ފައުޒާން "ސަން" އާ ވާހަކަދައްކަމުން ބުނީ ނިޝާހު އަކީ މީހުންނަށް އެހީތެރިވެދިނުމުގެ ލާމަސީލު ނަމޫނާއެއް ކަމަށެވެ. ކޮންމެ ވަގުތަކު ކަމަކު ބުނި ނަމަވެސް އޭނާ އެކަން ކޮށްދޭނެ ކަމަށާއި، އޭނާ ހަރަކާތްތެރިވާ ކޮންމެ ކަމެއްގެވެސް އިސް ސަފުގައި ހަރަކާތްތެރިވާ ކަމަށް ފައުޒާން ބުންޏެވެ.

ސްކައުޓުގައި އުޅުނީ ޕެޓްރޯލް ލީޑަރަކަށް. އަބަދުވެސް ކޮންމެ ކަމެއްގަވެސް އެންމެ ކުރީގައި ހުންނާނެ ނިޝާހު. ހުރިހާ އެންމެންނާވެސް ވަރަށް ގުޅޭނެ. ކުޑައިރުއްސުރެން މަސްހިފަން ދާނެ. ފީނަން ދާނެ. ޑިންގީވެސް ދުއްވާނެ. އަބަދުވެސް އަމިއްލަ މަސައްކަތް ކޮށް އަމިއްލަ ފައި މައްޗަށް ތެދުވަން މަސައްކަތް ކުރި.ނިޝާހުގެ ގާތް އެކުވެރިއާ ފައުޒާން

2019 ވަނަ އަަހަރު ނިޝާހުއަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމް ރައީސް ދެއްވަނީ / ފޮޓޯ: ރައީސް އޮފީސް

ނިޝާހަކީ އޭނާ ސްކޫލު ދައުރު ނިމެންދެން ސްކައުޓް ހަރަކާތުގައި ދެމިހުރި ކުއްޖެކެވެ. ސްކައުޓުގައި ވަރަށް ހަރަކާތްތެރި ދައުރެއް އަދާކުރި ދަރިވަރެކެވެ. އޭނާގެ ހިތްވަރުގަދަކަން ފާހަގަކޮށް ރާއްޖޭ ސްކައުޓް އެސޯސިއޭޝަނުން 2021 ވަނަ އަހަރު ވަނީ ގެލެންޓަރީ ރަން މެޑަލް ދީފައެވެ.

ނިޝާހުއަކީ ސްކައުޓްގެ އެކި ތަމްރީންތަކާއި ކޭމްޕްތަކުގައި އަޅުގަނޑު އިނގުރައިދޫއަށް ކުރި ދަތުރުތަކުގައި ބައްދަލުވެފައިވާ ކުއްޖެއް. ވަރަށް ޚުލްގުހެޔޮ ބަސްއަހާ ކިޔަމަންތެރި ކުއްޖެއް. ސްކޫލް ދައުރު ނިމުމަށްފަހުވެސް ފޭސްބުކުން އަޅުގަނޑަށް ގޮވާލައި، ހާލު އަހުވާލު ބަލަމުންދިޔަ ކުއްޖެއް. އެންމެފަހުން ނިމުނު އަހަރުގެ ފަހުކޮޅު އަޅުގަނޑާ ދެއްކި ވާހަކައިގައި ބުނެފައިވަނީ، އަޅުގަނޑުގެ ކިބައިން ސްކައުޓްގެ ވަރަށް ގިނަ ކަންކަން ދަސްކުރަން ބޭނުންވާ ކަމަށާއި، ސްކައުޓް ލީޑަރަކަށް ވުމަށްފަހު ބޭނުންވަނީ އަރަބިއްޔާ ސްކައުޓް ގްރޫޕަށް ޚިދުމަތްކުރަން ކަމަށް. ސައިފް އަޒްހަރު - އަރަބިއްޔާ ސްކައުޓް ގުރޫޕްގެ އެސިސްޓެންޓް ގުރޫޕް ސްކައުޓް ލީޑަރު

ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަނުން ނިޝާހުގެ ވަކިވުން ސިފަކުރީ މުޅި ދިވެހި ސްކައުޓް އާއިލާއަށްވެސް ލިބުނު ފުން ހިތާމައެއްގެ ގޮތުގައެވެ. ނިޝާހުއާ އާއިލީ ގޮތުން ވަރަށް ގާތް ސްކައުޓެއް އަރަބިއްޔާ ސްކައުޓް ގްރޫޕްގެ ސީނިއާ ޕެޓްރޯލް ލީޑަރުކަން ކޮށްފައިވުމަކީ އޭނާ އާ އަރަބިއްޔާ ސްކައުޓް ގްރޫޕާ ވަރަށް ގާތް ގުޅުމެއް އުފެދުނު އެއް ސަބަބެވެ.

ނިޝާހު ދަންނަ މީހުން އޭނާ ސިފަކުރަނީ މޫދާ ރައްޓެހި، ފަރިތަ މީހެއްގެ ގޮތުގައެވެ. މާފުށިވަރު ރިސޯޓުގައި އޭނާ ވަޒީފާ އަދާ ކުރަމުން ދިޔައީ ޑައިވަރެއްގެ ގޮތުގައެވެ.

ނިޝާހު ފަދަ ހިތްވަރު ދިނުމުގެ ގައުމީ އިނާމް ހާސިލްކޮށްފައި ހުރި ނަމޫނާ ބަތަލެއްގެ ވަކިވުމަކީ މުޅި ދިވެހި ގައުމަށްވެސް ލިބުނު ފުން ހިތާމައެކެވެ.

comment ކޮމެންޓް