މިދިޔަ އަހަރު ބީއެމްއެލްއަށް ފައިދާގެ ގޮތުގައި 1.48 ބިލިއަން ރުފިޔާ

ބީއެމްއެލްގެ އޭޓީއެމްތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 1.48 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

މިއަދު ބީއެމްއެލްއިން ވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ބޭންކަށް ލިބުނު މާލީ ނަތީޖާ ހާމަކޮށްފައެވެ. އެ ނަތީޖާއިން ދައްކާ ގޮތުގައި، ފަހު ކުއާޓަރުގައި ޓެކްސްއަށް ކެނޑުމަށް ފަހު ބީއެމްއެލްއަށް ވަނީ ފައިދާގެ ގޮތުގައި 212 މިލިއަން ރުފިޔާ ލިބިފައެވެ. އަދި ހިންގުމުގެ ފައިދާގެ ގޮތުގައި 489 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ބީއެމްއެލްއިން ބުނީ މިދިޔަ އަހަރު ބޭންކުގެ އެސެޓަށް ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށާއި ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ އަދަދަށް 1.8 ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށެވެ.

މީގެ އިތުރުން މިދިޔަ އަހަރު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 4.3 ބިލިއަން ރުފިޔާގެ އައު ލޯން ދޫކޮށްފައިވާ ކަމަށާއި ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ގާނޫނުން ލާޒިމްކުރާ މިންވަރަށް މަތީގައި ހިފެހެއްޓިފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

މި ނަތީޖާއާ ގުޅޭ ގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ މިދިހަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ހާސިލުކުރެވިފައި ވަނީ ހަރުދަނާ ނަތީޖާއެއް ކަމަށާއި، މި އަހަރު ވެސް ބޭނުންކުގެ ސްޓްރެޓެޖީގައި ހިމެނޭ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރާނެ ކަމަށެވެ.

"އަދި މި ފުރުސަތުގައި އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި ބޯޑު ޑައިރެކްޓަރުންނާއި އެހާމެ ބުރަކޮށް މިދިޔަ އަހަރު މަސައްކަތް ކުރި އަޅުގަނޑުމެންގެ ޓީމަށް ޝުކުރު އަދާކުރަން،" ސްޓުމްކަ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މިދިޔަ އަހަރަކީ ބީއެމްއެލްއަށް ވަރަށް ޚާއްސަ އަހަރެއް ކަމަށެވެ. އެގޮތުން އެއީ ބޭންކަށް 40 އަހަރު ފުރުނު އަހަރު ކަމަށާއި އެކަމާ ގުޅިގެން ކޮންމެ މަހަކު ޚާއްސަ ހަރަކާތެއް ހިންގާފައިވާކަން ސްޓުމްކަ ފާހަގަކުރެއްވިއެވެ.

"މިއީ އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި، މުޖުތަމައަށާއި މުވައްޒަފުން ހިމެނޭހެން އެ ފަރާތްތަކަށް އެހީތެރިވުމަށް އެކި ދާއިރާތަކަށް އަމާޒުކޮށްގެން، ހިންގުނު ބޭނުންތެރި އަދި މުހިންމު ހަރަކާތްތަކެއް. މީގެ ތެރޭގައި ތައުލީމާއި ތިމާވެށީގެ އިތުރުން ސިއްހީ ދާއިރާ ހިމެނޭ،" އޭނާ ވިދާޅުވިއެވެ.

ދެހާސް އެކާވީސް ވަނަ އަހަރު ބީއެމްއެލްއަށް 1.7 ބިލިއަން ރުފިޔާގެ ރެކޯޑު ފައިދާއެއް ލިބުނެވެ. އެއީ އެ ބޭންކަށް އެހާތަނަށް ލިބުނު އެންމެ ރަނގަޅު މާލީ ނަތީޖާ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

އެ އަހަރު އެހާވަރަށް ބޮޑު ފައިދާއެއް ލިބުނީ ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ކޮށްފައިވާ ނޭދެވޭ އަސަރާއެކު ލިބުނު ގެއްލުމުން އަރައިގަތުމުގައި ރަނގަޅު ކުރިއެރުމެއް ހޯދުމާއި އާމްދަނީ ލިބޭ މައިގަނޑު ދާއިރާތަކުން އަންދާޒާ ކުރެވުނު ވަރަށް ވުރެ ރަނގަޅު ނަތީޖާއެއް ހޯދި، ދައްކަންޖެހި ނުދައްކާ އޮތް ލޯނަކަށް ތިންވަނަ ކުއާޓަރުގައި އެއްފަހަރާ ލިބުނު ފައިސާގެ އަދަދު އިތުރުވުމުން ކަމަށް އޭރު ބީއެލްއެލްއިން ބުންޏެވެ.

ބީއެމްއެލްގެ ބޭންކިން ވިއުގައިގައި 20 އަތޮޅުގައި 35 ބްރާންޗާއި 84 ސެލްފްސާވިސް ބޭންކިން ސެންޓަރާއި، 142 އޭޓީއެމްއާއި، 7،900 ޕޮއިންޓް އޮފް ސޭލް މާޗަންޓުންނާއި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން ހިމެނެއެވެ.

comment ކޮމެންޓް