މިސްރުން އެންމެ ދުވަސްވީ ''މަމީ'' ފެނިއްޖެ

މިހާތަނަށް ފެނުނު އެންމެ ދުވަސްވީ "މަަމީ" ކަމަށް ބެލެވޭ ހަށިގަނޑު މިސްރުން ފެނިފައިވާ ކަމަށް އާކިއޯލޮޖިސްޓުން ބުނެފިއެވެ.

މިސްރުގެ ކުރީގެ އެންޓިކުއިޓީސް މިނިސްޓަރު ޒާހީ ހަވާސް ވިދާޅުވިގޮތުގައި ދާދިފަހުން އާކިއޯލޮޖިސްޓުންނަށް ފެނިފައިވަނީ 4،300 އަހަރު ކުރީގެ މަމީއެކެވެ.

މި މަމީ އަކީ އެ ދުވަސްވަރު ދިރިއުޅުނު މުއްސަނދި އަދި އެ ދުވަސްވަރުގެ މުހިއްމު މީހެއް ކަމަށް ޒާހީ ލަފާކުރައްވައެވެ. މި މީހާއަކީ 35 އަހަރުގެ ޖެބް ސެޕްޝް ނަމަކަށް ކިޔާ މީހެއް ކަަމަށް ޒާހީ ވިދާޅުވިއެވެ.

"މުޅި މީހާ ވަނީ ރަނުން ޖަރީ ކުރެވިފައި. މިއީ މިސްރުން ފެނުނު އެންމެ ދުވަސްވީ މަމީ ކަމަށް ބެލެވެނީ. ވަރަށް އާދަޔާ ހިލާފު ހޯދުމެއް މިއީ،" ޒާހީ ވިދާޅުވިއެވެ.

މަމީ ހޯދުމަށް މަސައްކަތް ކުރި ޓީމުގައި އިސްކޮށް އުޅުއްވި ޒާހީ ވިދާޅުވިގޮތުގައި އޭނާގެ ޓީމުގައި ޖުމްލަ 10 މީހުން ހިމެނޭ ކަމަށެވެ. އަދި އެންމެން އެކުގައި މަސައްކަތް ކުރަމުން ދަނިކޮށް މަމީ ފެނިފައިވަނީ ބިމުގެ 20 މީޓަރު އަޑިން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެ މަމީ ފެނިފައިވަނީ މިސްރުގެ އެތައް ގަދީމީ ތަކެއްޗެއް ފެނިފައިވާ ސަގާރާ އަވަށުންނެވެ.

އެ މަމީ ރައްކާކުރެވިފައި ވަނީ ގަލުން ތައްޔާރުކޮށްފައިވާ 25 ޓަނުގެ ބަރު ސަންދޯކެއްގެ ތެރޭގައެވެ. އެ ސަންދޯކުގެ މަތިގަނޑުގައި އެކަނިވެސް ފަސް ޓަނު ހުއްޓެވެ.

ސަންދޯކުގައި އޮތީ މުއްސަނދި މީހެއްކަން އެނގެނީ އެ މަމީގެ ގައިގައި ރަން އަޅާފައިވާ މިންވަރުންނެވެ. އަދި ބޮލާއި މޭގައި ވެސް ރަނުން ތައްޔާރުކޮށްފައިވާ ބޭންޑެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް