އެލައިޑުން އާންމުންނަށް ހެލްމެޓު ދެނީ

އެލައިޑުން ފުލުހުންނަށް ހެލްމެޓް ހަވާލު ކުރުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

ފުލުހުން ހިންގަމުން އަންނަ "ރައްކާ"ގެ މި އަހަރުގެ ޕްރޮގްރާމުތަކަށް އެލައިޑުން 100 ހެލްމެޓު ފުލުހުންނަށް ހަދިޔާކޮށްފިއެވެ. މި ހެލްމެޓު ތަކަކީ ރައްކާގެ އެކި ޕްރޮގްރާމުތަކުގައި ޢާންމުންނަށް ހަދިޔާކުރެވޭ ހެލްމެޓުތަކެކެވެ.

މިއަދު އެލައިޑުގައި ބޭއްވި ހާއްސަ ޙަފްލާއެއްގައި މި ހެލްމެޓުތައް ފުލުހުންނާ ވަނީ ހަވާލުކޮށްފައެވެ. އެގޮތުން އެލައިޑުގެ ފަރާތުން މި ހެލްމެޓުތައް ހަވާލުކޮށްދެއްވީ އެކުންފުނީގެ ޖެނެރަލަ މެނޭޖާ އިބްރާހިމް ފިރުޝާނެވެ. އަދި ފުލުހުންގެ ފަރާތުން މި ހެލްމެޓުތަކާ ޙަވާލުވެވަޑައިގެންނެވީ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަަޙްމަދު ފަސީހެވެ.

ފުލުހުންގެ ރޯޑް ސޭފްޓީ އެންޑް އެވެއާނެސް ޑިޕާޓްމެންޓުން ހިންގަމުން އަންނަ "ރައްކާ" ޕްރޮގްރާމަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން މަގުމަތީގެ ގަވާއިދުތަކަށް އާންމުން ހޭލުންތެރި ކުރުވުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި 2015ވަނަ އަހަރުން ފެށިގެން އެލައިޑުން ދަނީ ބައިވެރިވަމުންނެވެ.

މި ޙަފްލާގައި ވާހަކަ ދައްކަވަމުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަަޙްމަދު ފަސީހު ވިދާޅުވީ އެލައިޑަކީ ރައްކާގެ ހުރިހާ ޕްރޮގްރާމެއްގައި މުހިއްމު ދައުރެއް އަދާކުރި ކުންފުންޏެއް ކަމަށެވެ. އަދި މި އަހަރު ރައްކާ ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހޭލުންތެރިކަމުގެ އެކި ޕްރޮގްރާމުތައް ބޭއްވުމަށް ރާވަމުންދާ ކަމަށެވެ.

އެލައިޑުން ފުލުހުންނަށް ހެލްމެޓް ހަވާލު ކުރުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

"މި ޕްރޮގްރާމް، ރާއްކާ، ރާއްކާގެ ގޮތުގައި މި ކުރިއަށް ދަނީ އެލައިޑް އިންޝުއަރެންސް ކޮމްޕެނީއިން މި ޕްރޮގްރާމަށް ފުރަތަމަ ދުވަހުން ފެށިގެން ދެެއްވި ސަމާލުކަމާއި އެއްބާރުލުމާ އެއްކޮށް،" އޭނާ ވިދާޅުވިއެވެ.

އޭނާ ވަނީ އެލައިޑުން މި ޕްރޮގްރާމަށް ދޭ އަހައްމިއްޔަތުކަމަށް އެކުންފުންޏަށް ޝުކުރު އަދާކޮށްފައެވެ.

މި އަހަރު ރައްކާ ޕްރޮގްރާމުގެ ދަށުން މާލެ އަދި ދެކުނުގެ ބައެއް ރަށްތަކުގައި ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކެއް ބޭއްވުމަށް ފުލުހުން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ގދ. ތިނަދޫގައި ބާއްވަން ނިންމާފައިވާ ޕްރޮގްރާމު ފަސީހު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މޮޓޯ އިންޝުއަރެންސް ކުރައްވާ 140 ބޭފުޅަކަށް ހެލްމެޓު ދިނުމަށް ވެސް އެލައިޑުން ވަނީ ނިންމާފައެވެ. އެގޮތުން ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސް ޕެކޭޖެއް ނަންގަވަން އެންމެ ފުރަތަމަ އެލައިޑުގެ އޯކިޑް ބިލްޑިންއަށް ވަޑައިގަންނަވާ 140 ފަރާތަކަށް ހެލްމެޓު ދޫކުރާނެއެވެ.

comment ކޮމެންޓް