އަމީތާބްގެ ކާފަ ދަރިފުޅު ނަވްޔާ ބޮލީވުޑަށް އެއްވެސް ޝައުޤުވެރިކަމެއް ނެތް

ހިންދީ ސިނަމާގެ މެގަ ސްޓާ އަމީތާބް ބައްޗަންގެ ކާފަ ދަރިފުޅު ނަވްޔާ ނަވޭލީ ނަންދާ ފިލްމީ ދާއިރާއާ ގުޅެން އެއްވެސް ޝައުޤުވެރިކަމެއް ނެތްކަމަށް ބުނެފިއެވެ.

ދާދިފަހުން އިންޑިއާގެ ފިލްމުފެއާއަށް ދިން އިންޓަވިއުއެއްގައި ނަވްޔާ ބުނެފައިވަނީ، މިހާތަނަށް ބޮލީވުޑްގެ ފިލްމަކުން ފުރުޞަތުވެސް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި އެފަދަ ފުރުޞަތެއް ލިބުނަސް ނަވްޔާ ޤަބޫލުކުރާގޮތުގައި އޭނާއަކީ، އެދާއިރާއަށް އެންމެ ރަނގަޅު ހޮވުންކަމަށް ޤަބޫލު ނުކުރާ ކަމަށެވެ.

ސަބަބަކީ، އެކްޓިންގްއާ ބެހޭ އެއްވެސް މަޢުލޫމާތެއް އަދި ހުނަރެއްވެސް ނަވްޔާގެ ނެތްކަމަށް 25 އަހަރުގެ ޒުވާނާ ވަނީ ބުނެފައެވެ. ނަމަވެސް ނަވްޔާ ފިލްމީ ދާއިރާއާއި ގުޅެން އުޅޭކަމަށް ބުނެ ދޭތެރެ ދޭތެރެއިން މީޑިއާތަކުން ޚަބަރުތައް ނެރެއެވެ.

ނަވްޔާއަކީ، އަމީތާބް ބައްޗަންއާއި ޖަޔާ ބައްޗަންގެ އަންހެން ދަރިފުޅު ޝްވޭތާ ބައްޗަންގެ ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. ނަވްޔާގެ ބައްޕަ ނިކިލް ނަންދާއަކީ، ހިންދީ ސިނަމާގެ މަޝްހޫރު ކަޕޫރު ޢާއިލާއަށް ނިސްބަތްވާ ރިތޫ ނަންދާގެ ފިރިހެން ދަރިފުޅެވެ.

ހިންދީ ސިނަމާ ވުޖޫދަށް ގެނައުމުގެ އެންމެ އިސް ދައުރު އަދާކުރި ޢާއިލާއަށް ނިސްބަތްވީ ނަމަވެސް ނަވްޔާގެ ވިސްނުންހުރީ ފިލްމީ ދާއިރާއާ ނުގުޅޭ ތަފާތު މަސައްކަތަކުން ދިރިއުޅުމުގައި ކުރިޔަށްދިއުމަށެވެ. ނަވްޔާ ސިފަކުރާގޮތުގައި އެއްވެސް ޝައުޤުވެރިކަމެއްނެތް މަސައްކަތެއް ނަމެއްގައި ކުރުމަށް ވުރެ އަމިއްލަ ނަފުސަށް އެ މަސައްކަތެއް ކުރެވޭނެކަމުގެ އިތުބާރު އޮތް ދާއިރާއަކުން ކުރިޔަށްދިއުމަކީ، އެންމެ ބުއްދިވެރި ނިންމުމެވެ.

އިނގިރޭސިވިލާތުގެ ލަންޑަން އަދި އެމެރިކާގެ ނިއު ޔޯކްއިން މަތީ ތަޢުލީމު ޙާސިލުކުރުމަށްފަހު ނަވްޔާ ވަނީ ޒުވާން ޢުމުރުގައި އަމިއްލަ ވިޔަފާރި ކުންފުންޏެއް އުފައްދާފައެވެ. އަންހެނުންނަށް ޚާއްޞަކޮށްގެން ތަފާތު އެކި ޞިއްޙީ އުފެއްދުންތަކެއް ތަޢާރަފްކޮށްފައިވާ މިކުންފުނީގައި ނަވްޔާގެ އިތުރުން އިތުރު ތިން ބައިވެރިއަކު ވެސް ޙިއްސާވެއެވެ.

ދާދިފަހުން ނަވްޔާ ވަނީ އަމިއްލައަށް ފެށި ޕޮޑް ކާސްޓް ޕްރޮގްރާމްތައް ވެސް ނިންމާލާފައެވެ. "ވަޓް ދަ ހެލް ނަވްޔާ"ގެ ނަމުގައި ކުރިޔަށްގެންދިޔަ މި ޕޮޑްކާސްޓްތަކުގައި ނަވްޔާއެކު މެހެމާނުންގެގޮތުގައި ބައިވެރިވެފައިވަނީ މަންމަ ޝްވޭތާ ބައްޗަންއާއި މާމަ ޖަޔާ ބައްޗަންއެވެ.

މި ޒަމާނުގެ މުޖްތަމަޢަށް ފެތޭކަހަލަ މައުޟޫޢުތަކަށް މި ޕޮޑްކާސްޓްތަކުގައި ބަޙުސް ކުރެވިފައިވެއެވެ. ފިލްމީ ދާއިރާއާ ދުރުގައި އުޅެން ނަވްޔާ ނިންމާފައިވާއިރު ކޮއްކޮ އަގަސްތްޔާ ނަންދާ ވަނީ ބޮލީވުޑަށް ނިކުންނަން ތައްޔާރުވެފައެވެ. ޑައިރެކްޓަރު ޒޯޔާ އަޚްތަރު ގެނެސްދޭ "ދަ އާޗީސް"ގެ ހިންދީ ބައިން އަގަސްތްޔާ ވަރަށް އަވަހަށް ބެލުންތެރިންނަށް ފެނިގެންދާނެއެވެ.

އިންޑިއާގެ މީޑިއާތަކާ ދުރުގައި އުޅެން މަސައްކަތް ކުރިނަމަވެސް ނަވްޔާއަކީ މީޑިއާގެ ސަމާލުކަން ލިބޭ ބޮލީވުޑްގެ ޢާއިލާއަށް ނިސްބަތްވާ އެންމެ މަޝްހޫރު އެއް 'ސްޓާ ކިޑް'އެވެ.

comment ކޮމެންޓް