އެވެޓާއެއް ނުހުއްޓޭ، ދެ ބިލިއަން ފަހަނަ އަޅާ ގޮސްފި

ޖޭމްސް ކެމެރަންގެ "އެވެޓާ" ފްރެންޗައިޒްގެ ދެވަނަ ފިލްމު "ދަ ވޭ އޮފް ވޯޓާ" އަދިވެސް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އައިސް އާމްދަނީ ދެ ބިލިއަން ޑޮލަރު ފަހަނައަޅައި ގޮސްފިއެވެ.

މިދިޔަ މަހުގެ 15 ގައި ދައްކަން ފެށި ފިލްމު އެވެޓާ އަދި ސިނަމާތަކުގައި އެޅުވި ފަހުން މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވި ނަމަވެސް އަދިވެސް އެކި ގައުމުތަކުގެ ބޮކްސް އޮފީހުގެ އެންމެ ކުރީގައި އޮތީ އެވެޓާއެވެ.

އެއާއެކު ފިލްމުގެ އާމްދަނީ މިހާރު ވަނީ 2.11 ބިލިއަން ޑޮލަރަށް އަރާފައެވެ. އެ އާމްްދަނީއާއެކު އެވެޓާގެ ދެވަނަ ބަޔަކީ މިހާރު ދުނިޔޭގެ ހަތަރު ވަނަ އަށް އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމެވެ. މީގެ ކުރިން އެ ރެކޯޑު އޮތީ ސްޓާ ވޯސް ފްރެންޗައިޒްގެ "ފޯސް އެވޭކެން" ފިލްމު އަތުގައެވެ.

ނަމަވެސް ފިލްމު ފަހަތަށް ޖައްސާލައި މިހާރު ހަތަރުވަނައިގައި އިން އިރު ދެން ހިމެނެނީ ގަދަ ތިނެކެވެ. އެގޮތުން ތިން ވަނައިގައި އޮތީ ޖޭމްސް ކެމެރަންގެ ފިލްމެއް ކަމަށްވާ "ޓައިޓޭނިކް" އެވެ. އެ ފިލްމަށް ލިބިފައިވަނީ 2.18 ބިލިއަން ޑޮލަރުގެ އާމްދަނީއެކެވެ. މިއީ މުގުރާލެވިދާނެ ކަމަށް ލަފާކުރެވޭ ރެކޯޑެކެވެ.

ޓައިޓޭނިކް އަށް ފަހު ދެވަނައިގައި އޮތީ އެވެންޖާސް ފްރެންޗައިޒްގެ ފަހު ފިލްމު "އެންޑް ގޭމް" އެވެ. އަދި އެއްވަނައިގައި އޮތީ ކެމެރަންގެ 2009 ވަނަ އަހަރުގެ އެވެޓާގެ ފުރަތަމަ ފިލްމެވެ.

އެވެޓާއަށް ލިބެމުން އަންނަ ކާމިޔާބީ އާއެކު ކެމެރަންއަށް ވެސް އަންނަނީ ބޮޑެތި ކާމިޔާބީ ލިބެމުންނެވެ. އެގޮތުން މިހާތަނަށް ދެ ބިލިއަން ޑޮލަރުގެ އާމްދަނީ ހޯދި ހަ ފިލްމުގެ ތެރޭގައި ތިން ފިލްމަކީ ކެމެރަންގެ ފިލްމެވެ.

comment ކޮމެންޓް