ފިލްމު ''ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ''ގެ ޓީމް ކަޝްމީރަށް

މިއަހަރުގެ އޭޕްރިލް މަހު ރިލީޒްކުރުމަށް ނިންމާފައިވާ ދަރްމާ ކުންފުނީގެ ފިލްމު "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ"ގެ ނުނިމިއޮތް ހަމައެކަނި ލަވަ ޝޫޓްކުރާ މަންޒިލް ބަދަލުވެއްޖެއެވެ.

އާލިއާ ބަޓް ހިމެނޭ މިލަވައިގެ މަންޒަރުތައް އެންމެ ފުރަތަމަ ޝޫޓްކުރުމަށް ނިންމީ ސްވިޒަލޭންޑްގައެވެ. އެހެންނަމަވެސް ބަތަލާ އާލިއާއަށް ދަރިފުޅާ ނުލާ ދުރު ޤައުމެއްގައި މަސައްކަތްކުރުމަކީ، ފަސޭހަކަމަށް ނުވުމުން މި ލަވަ ޝޫޓްކުރުމަށް މިހާރު ނިންމާފައި ވަނީ ކަޝްމީރުގައެވެ.

ފިލްމުގެ ޑައިރެކްޓަރު ކަރަން ޖޯހަރު ފަހުން ބުނެފައިވަނީ، ކޮންމެ ޤައުމެއްގައި ނެގިނަމަވެސް ސްނޯގެ މަންޒަރު ފެނިގެންދާނީ އެއްގޮތަކަށް ކަމަށެވެ. އާލިއާ ބަޓް ޝިފޯން ސާޅީގައި ފެނިގެންދާނެ މި ހިތްގައިމު ލަވައަކީ ކުރީގެ މަޝްހޫރު ފިލްމު ޕްރޮޑިއުސަރު/ޑައިރެކްޓަރު ޔާޝް ޗޯޕްރާއަށް ކަރަންދޭ ޚާއްޞަ ޓްރިބިއުޓެކެވެ.

އާލިއާއެކު މިލަވައިން ފެނިގެންދާނީ ފިލްމުގެ ބަތަލު ރަންވީރް ސިންގްއެވެ. ކަރަން ޖޯހަރު، ހިރޫ ޖޯހަރު އަދި އަޕޫރްވާ މެހެތާ ޕްރޮޑިއުސްކުރާ މި ފިލްމަކީ، 2020 ވަނަ އަހަރު ރިލީޒްވި "ގޯސްޓް ސްޓޯރީސް"އަށްފަހު ކަރަން ޖޯހަރު ޑައިރެކްޓްކުރާ ފުރަތަމަ ފިލްމެވެ. މި ފިލްމުގެ ބައެއް އިންޑިއާގެ މުމްބާއީގައި ޝޫޓްކޮށްފައިވާއިރު ފިލްމުގެ ލަވައެއް މޮސްކޯގައި ވެސް ވަނީ ޝޫޓްކޮށްފައެވެ.

އާލިއާ ބަޓްއާއި ރަންވީރް ސިންގްގެ އިތުރުން ފިލްމުން ފެނިގެންދާނެ މުހިންމު ތަރިންގެތެރޭގައި، ޖަޔާ ބައްޗަން، ޝަބާނާ އަޒްމީ އަދި ކުރީގެ އެކްޓަރު ދަރްމެންދްރަ ހިމެނެއެވެ.

"ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ" ވެގެންދާނީ މިއަހަރު ރިލީޒްކުރެވޭ އާލިއާގެ ފުރަތަމަ ފިލްމަށެވެ. މި ފިލްމަށްފަހު އާލިއާ ދެން ފެނިގެން ދާނީ ބަތަލާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯން"އިންނެވެ. މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮގަސްޓް 11އިގައެވެ.

comment ކޮމެންޓް