ވެއިޓަރު މަރާލި މައްސަލަ: ހެކިބަސް ނަގާ ނިންމާލައިފި

ވެއިޓަރު މަރާލިކަމުގެ ތުހުމަތުވާ ޚާންޖީ ރެސްޓޯރެންޓުގެ ކައްކާ އާބިދު ---

ހުޅުމާލޭ ޚާންޖީ ރެސްޓޯރެންޓުގައި މަސައްކަތް ކުރި ވެއިޓަރަކު މަރާލި މައްސަލައިގައި އެ ރެސްޓޯރެންޓްގެ ޕާކިސްތާނު ކައްކާ، މުޙައްމަދު އާބިދުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނަގައި ނިންމާލައިފިއެވެ.

އޭނާގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ ޑީއެންއޭ ރިޕޯޓް ތައްޔާރުކުރި ފުލުސް އޮފިސަރުގެ ހެކިބަސް ނަގާފައެވެ. އެގޮތުން ފަސް ވަޅި އަކާއި އަންނައުނުތަކަކުން ނަގާފައިވާ ސާމްޕަލްތަކެއް ތަހުލީލް ކުރި ކަމަށް އޭނާ ބުންޏެވެ.

އޭނާގެ ހެކިބަސް ނަގާ ނިމުމުން އެ މައްސަލައިގައި ހެކިބަސް ނަގަން ހަމަޖެހިފައިވާ އެންމެންގެ ހެކިބަސް ނަގާ ނިމުނީ ކަމަށް މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ވިދާޅުވިއެވެ. މި މައްސަލައިގައި ދިފާއުން އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.

ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމާއި ހުލާސާ ބަޔާން އިއްވުމެވެ. '

އެ އަޑުއެހުން ކުރިއަށް އޮތް އެއްމަސް ދުވަސް ތެރޭގައި ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ. އަދި އެއަށްފަހު އޮންނާނީ މައްސަލަ ނިންމުމަށް ބާއްވާ އަޑުއެހުމެވެ. ނަމަވެސް ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން އޮންނާނެ ވަކި ތާރީޚެއް އަދި އިއުލާނު ކޮށްފައެއް ނުވެއެވެ.

އެ ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ މޭ މަހުގެ 16ވަނަ ދުވަހު އިރުއޮއްސުނު ވަގުތު ޚާންޖީ ރެސްޓޯރެންޓު ތެރޭގައެވެ. އަނިޔާ ލިބުނު ވެއިޓަރު މަރުވީ ހަމަލާއަށް ފަހު ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާގެ ކަރަށާއި ބޮލަށާއި ފަޔަށް ވަޅިން ހަމަލާދީފައިވެއެވެ.

އެ ދައުވާއަށް އާބިދު ވަނީ އިންކާރު ކޮށްފައެވެ. އަދި ބުނީ ކައްކާއަށް އަނިޔާވެފައިވަނީ އޭނާގެ އަމިއްލަ ދިފާއުގައި ހުރާލި އަތުން ކަމަށާއި އޭރު އަތުގައި ވަޅިއެއް އޮތްކަން ނޭންގޭ ކަމަށް ވެސް އޭނާ މީގެ ކުރިން ވަނީ ބުނެފައެވެ.

ވެއިޓަރަށް ހަމަލާ ދިނުމަށް ފަހު އާބިދު ފިލައިގެން އުޅެނިކޮށް ހައްޔަރުކުރީ އެ ރޭ، މެންދަމުން އަލިވެ، 02:30 ހާއިރު، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަތިރިމަތިންނެވެ.

comment ކޮމެންޓް