ސިއްހީ ދާއިރާގެ މުހިއްމު ނިންމުންތަކެއް ނިންމި ބައްދަލުވުމެއްގެ ރިޔާސަތު ބެލެހެއްޓީ ރާއްޖެއިން

އެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން އެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާފައި ވަނީ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު ޢާއިޝަތު ރިޝްމީ--- ފޮޓޯ/ ޑަބްލިއުއެޗްއޯ

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެގްޒެކެޓިވް ބޯޑުގެ ޕްރޮގްރާމް، ބަޖެޓް އަދި އެޑްމިނިސްޓްރޭޝަން ކޮމިޓީގެ 37 ވަނަ ބައްދަލުވުމުގެ ރިޔާސަތު މިފަހަރު ބެލެހެއްޓީ ދިވެހިރާއްޖެއިން ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

މިމަހުގެ 25 އިން 27 އަށް، ސްވިޒަލޭންޑުގެ ޖެނީވާގައި ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން އެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާފައި ވަނީ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު ޢާއިޝަތު ރިޝްމީއެވެ.

ހެލްތު މިނިސްޓްރީން ބުނީ އެއީ، އެ ކޮމިޓީގެ މެމްބަރު ގައުމެއްގެ ގޮތުގައި، 2022 ވަނަ އަހަރުގެ މެއި މަހުން ފެށިގެން ކުރިއަށް އޮތް ދެ އަހަރުގެ މުއްދަތަށް ދިވެހިރާއްޖެ ހޮވުނުފަހުން ކުރިއަށް ގެންދިޔަ ފުރަތަމަ ބައްދަލުވުން ކަމަށެވެ. އެ ބައްދަލުވުމުގައި ސިއްހީ ދާއިރާގެ 2022-2023 އަދި 2024-2025 ގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ބަޖެޓާ ބެހޭ މުހިއްމު ނިންމުންތަކެއް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިންސާނީ ވަސީލަތްތައް ބޭނުންކުރެވޭ ގޮތާމެދު މަޝްވަރާކޮށް އެ ޖަމިއްޔާގެ ބަޖެޓް އަދި އިވެލުއޭޝަން ރިޕޯޓުތައް ދިރާސާކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އަދި ސިއްހީ ދާއިރާގައި ޚާއްސަ ކަމެއް ދޭންޖެހޭ ކަންކަން ފާހަގަކޮށް، ސިއްހަތު ޖަމިއްޔާގެ އިދާރީ ހިންގުމާއި ޖަމިއްޔާގެ ބަޖެޓާއި ގުޅުންހުރި ކަންކަމާއި މެދު ގައުމުތަކުގެ މެދުގައި މަޝްވަރާކުރެވި ނިންމުންތައް ނިންމުން ކަން އެ މިނިސްޓްރީން ފާހަގަކުރެއެވެ.

ހެލްތު މިނިސްޓްރީން ބުނީ ސިއްހީ ދާއިރާގެ އެފަދަ މުހިންމު ނިންމުންތަކެއް ނިންމި ބައްދަލުވުމެއްގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު ރާއްޖެއަށް ލިބިގެންދިޔުމަކީ، ސިއްހީ ދާއިރާގައި ދިވެހިރާއްޖޭގެ ހައިސިއްޔަތާމެދު އިތުބާރުލިބިގެން ދިޔަ ކަމެއް ކަމަށެވެ. އަދި ދިވެހިރާއްޖެއާ އެހެނިހެން ގައުމުތަކާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދިޔަ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. ހަމައެހެންމެ، އެއީ ރާއްޖެއަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއް ކަމަށް ވެސް މިިނިސްްޓްރީން ބުނެއެވެ.

"ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޓެޑްރޯސް ވަނީ، މި ބައްދަލުވުން ޗެއާކުރެއްވި ޢާއިޝަތު ރިޝްމީގެ މަސައްކަތްތައް ފާހަގަ ކުރައްވާ، މި ބައްދަލުވުން ކުރިއަށް ގެންދިޔަ ގޮތާއިމެދު ތަޢުރީފުކުރައްވާ، ރިޝްމީއަށާއި ދިވެހިރާއްޖެއަށް ޚާއްސަ ޝުކުރެއް ދަންނަވާފައި،" މިނިސްޓްރީން ބުންޏެވެ.

ޕްރޮގްރާމް، ބަޖެޓް އަދި އެޑްމިނިސްޓްރޭޝަން ކޮމިޓީއަކީ، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އިދާރީ އަދި މާލީ ކަންކަމާގުޅޭ މުހިންމު ނިންމުންތަކެއް ނިންމާ ކޮމިޓީއެކެވެ. މި އަހަރުގެ އެ ބައްދަލުވުމުގައި ކޮމިޓީގެ 12 މެމްބަރު ގައުމަކުން ވަނީ ބައިވެރިވެފައެވެ.

comment ކޮމެންޓް