ޓީން ވުލްފްގެ ފިލްމު ކަމަކު ނުދިޔަ

އާންމުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި ފެންޓެސީ ޝޯ "ޓީން ވުލްފް"ގެ ފިލްމެއް ނެރުމުން ގިނަ ބަޔަކަށް އެ ކަމު ނުގޮސް ފޭނުންގެ ފާޑުކިޔުން ރައްދުވާން ފަށައިފިއެވެ.

އެމްޓީވީއިން 2011 ގައި ދައްކަން ފެށި ޓީން ވުލްފް އަކީ އެ ދުވަސްވަރުގެ ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު ޝޯތަކުގެ ތެރޭގައި ހިމެނޭ އެއް ޝޯއެވެ. އަދި ހަ ސީޒަނަށް ފަހު 2017 ވަނަ އަހަރު ޝޯ ނިންމާލިއިރު ފޭނުން ތިބީ ޝޯގެ އިތުރު ބައިތަކަކަށް ކެތް މަދުވެފައެވެ.

އެ ޝޯ ނިމި އެތައް އަހަރެއް ވަންދެއް ވެސް ފޭނުން ބުނަމުން އައީ ޝޯގެ އާ ސީޒަނެއް ބޭނުން ކަމަށެވެ. އެންމެފަހުން ޝޯގެ ޕްެރޮޑިއުސަރު ޖެފް ޑޭވިސް އެކަމަށް ރައްދެއް ދީފައިވަނީ 2021 ވަނަ އަހަރުގައެވެ. ޖެފް ޑޭވިސް އިއުލާނުކޮށްފައިވަނީ ޓީން ވުލްފް އެނބުރި އަންނާނެ ކަމަށެވެ. ނަމަވެސް މިފަހަރު އެ އެނބުރި އަންނާނީ ފިލްމެއްގެ ގޮތުގައި ކަމަށް ޑޭވިސް ބުންޏެވެ.

ޑޭވިސް ބުނެފައިވަނީ އެ ފިލްމުގައި ފެންނާނީ ޝޯގެ ހަވަނަ ސީޒަން ނިމޭ ހިސާބުން ކަމަށެވެ. އަދި އޮރިޖިނަލް ކާސްޓުންގެ ގިނަ ބަޔަކު ފިލްމުން ފެނިގެން ދާނެ ކަމަށް އޭނާ އިއުލާނުކުރިއެވެ.

އެއާއެކު ފޭނުންގެ ކެތްތެރިކަން އިންތިހާއަށް ކޮޅުންލައި ފިލްމު ބަލާލަން ބޭނުންވިއެވެ. އެންމެފަހުން މިދިޔަ ހަފުތާ ބަންދުގައި އެމްޓީވީގެ ބެލެނިވެރި ކުންފުނި ޕެރަމައުންޓްގެ ސްޓްރީމިން ސާވިސް ޕެރަމައުންޓް ޕްލަސް އިން ވަނީ ޓީވް ވުލްފްގެ ފިލްމު ރިލީޒްކޮށްފައެވެ.

ގިނަ ފޭނުންގެ ކެތްތެރިކަން ނިމިގެން ދިޔައީ ހިތާމައިންނެވެ. ފޭނުން އުއްމީދު ކުރަމުން އައި މިންވަރަށް ފިލްމަކަށް ނޭރުނެެވެ. ފިލްމު ވެގެން ދިޔައީ ގިނަ ބަޔަކަށް ކަމު ނުދާ ކަރު ތެރޭގައި ހިތި ރަހަ ލައްވާލި ފިލްމަކަށެވެ.

ގިނަ ބަޔަކު ޖައްސަމުން ދިޔަ މައްސަލައަކީ ޝޯގައި އެތައް އަހަރުތަކެއްގެ ތެރޭގައި އުފައްދަމުން ދިޔަ ޕްލޮޓުތައް ފިލްމުގައި ހަލާކު ކޮށްލާފައިވާ ކަމަށެވެ. އަދި ޝޯއިން އެންމެ މަގުބޫލުކަން ހޯދި ކެރެކްޓަރު ސްޓައިލްސްގެ އެކްޓަރު ޑިލަން އޮބްރާޔަން ވެސް ފިލްމަށް އެނބުރި އައިސްފައި ނުވާތީ އެކަމާ ގުޅޭގޮތުުން ވެސް ފޭނުންގެ ފާޑުކިޔުން ވަނީ ރައްދު ވެފައެވެ.

މި ފިލްމަށް ރޮޓެން ޓޮމާޓޯސް އިން ރޭޓުކޮށްފައިވަނީ 100 އިން 40 ޕަސެންޓެވެ.

comment ކޮމެންޓް