އަލީ ޞާލިޙު ޓްރާންސްޕޯޓުގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް ބަދަލުކުރެއްވި އަލީ ޞާލިޙު --- ފޮޓޯ/ ރައީސް އޮފީސް

އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ ޞާލިޙު، ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް ބަދަލުކޮށްފިއެވެ.

އަލީ ޞާލިޙު މިއަދު "ސަން"އަށް ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް އޭނާ ބަދަލުކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

މި ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޖުމުހޫރީ ޕާޓީގެ ތަރުޖަމާނު ކަމުގެ މަގާމުގައި މިހާރު ވެސް ހުންނެވި އަލީ ޞާލިޙު އެންމެ ފުރަތަމަ ހުންނެވީ ކުރިން ހިންގި ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގައެވެ.

ނަމަވެސް އެ މިނިސްޓްރީ އުވާލައި އެ މިނިސްޓްރީގެ މަސައްކަތްތައް އެންވަޔަރުމެންޓް މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމުން އޭނާ މިހާތަނަށް ހުންނެވީ އެންވަޔަރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގައެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގައި މިހާތަނަށް ހުންނެވީ އެންމެ ސްޓޭޓް މިނިސްޓަރެކެވެ. އެއީ އަހުމަދު ޒުހައިރު އެކަންޏެވެ. އަލީ ޞާލިހާއެކު އެ މަގާމުގައި މިހާރު ދެ ބޭފުޅަކު ތިއްބަވާނެއެވެ.

comment ކޮމެންޓް