ތޯރިގުގެ ރައްދު ހަބީބަށް: ވޯޓު ކަރުދާސް އަންދާލިއިރު ޔާމީންގެ ސަޕޯޓަރުންގެ ހައްގު ކޮބާ؟

ފެބްރުއަރީ 20، 2018: ޕީޕީއެމް އިން "ރުމާލު 2" ޖަގަހައިގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްތައް އަންދާލިއިރު އެ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ތާއީދުކުރި މެމްބަރުންގެ ހައްގުތައް ކޮބައިތޯ ސުވާލު އުފައްދައި، އެ ސަރުކާރުގެ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް، އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބަށް ރައްދު ދެއްވައިފިއެވެ.

ތާރިގް މިފަދައިން ވިދާޅުވީ ހަބީބް ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.

މިއަދު އެމްޑީޕީއިން ބޭއްވި އެތެރޭގެ ޕްރައިމަރީއާ ގުޅިގެން، ހަބީބު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، 2008ވަނަ އަހަރުން ފެށިގެން މިހާތަނަށް ބޭއްވި ކޮންމެ އިންތިޚާބެއްގައި ވެސް ދެއްކި އަޚްލާގީ މިންގަނޑާއި ސުލޫކު ދެމެހެއްޓުމަކީ މުހިންމު ކަމެއްކަމަށެވެ.

"2008އިން ފެށިގެން، މިހާތަނަށް ބޭއްވުނު ހުރިހާ އިންތިޚާބެއްގައި ވެސް، ދިވެހިން ދައްކަމުން އަންނަ ސުލޫކު އެގޮތަށް ދަމަހައްޓައި، އެމީހަކު އިޚްތިޔާރުކުރާ ކެންޑިޑޭޓަކަށް ވޯޓު ދިނުމުގެ ފުރުސަތު ފަހިކޮށް އޮތުމަކީ ނުހަނު ބޭނުންތެރިކަމެއް،" ހަބީބު ވިދާޅުވިއެވެ.

އެއަށް ރައްދު ދެއްވައި، ކުރީގެ މިނިސްޓަރު ތޯރިގް ވަނީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްތައް އެހާ އަވަހަށް އަންދާލީ ކީއްވެގެންތޯ ސުވާލު އުފައްދަވައިފައެވެ. އަދި އެ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވޯޓުލީ މީހުންގެ ހައްގުތައް ކޮބައިތޯ ވެސް ސުވާލު އުފައްދަވައިފައެވެ.

"އެހެންވެގެންތޯ އިލެކްޝަން ކޮމިޝަނުން 2018 ގައި ބޭއްވުނު ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްތައް އެހާ އަވަހަށް އަންދާލީ؟ ރައީސް ޔާމީނާ އެމަނިކުފާނަށް ވޯޓުދިން ރައްޔިތުންގެ ހައްގުތައް އީސީ އިން ގެއްލުވާލީ. މި ހައްގު ގެއްލުނު ދިވެހި ރައްޔިތުން އެކަން ހަނދާނެއް ނުނެތޭނެ،" ތޯރިގް ވިދާޅުވިއެވެ.

މިދިޔަ ރިޔާސީ އިންތިޚާބަށް ފަސް އަހަރުވެ، އަންނަ ސެޕްޓެމްބަރު މަހު އާ އިންތިޚާބެއް ބާއްވާނެއެވެ.

އަދިވެސް ކުރީގެ އިންތިޚާބާ ގުޅިގެން އެއިރު ޕީޕީއެމުން ކުރި ޝަކުވާތަކަށް އެއްވެސް މިންވަރަކަށް ޖަވާބެއް ލިބިފައިނުވާތީ އެ ޕާޓީގެ މެމްބަރުން އަންނަނީ އެ ވާހަކަދައްކަމުންނެވެ.

comment ކޮމެންޓް