ވޯޓު އޮޅުވާލެއްވި ކަމަށް ރައީސް ނަޝީދު ތުހުމަތު ކުރައްވައިފި

ރައީސް މުހައްމަދު ނަޝީދު މިއަދު ވޯޓުލައްވަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

މިއަދު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމާރީގައި ވޯޓު އޮޅުވާލާފައިވާ ކަމަށް އެ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު ނުވަ ހާހެއްހާ ވޯޓުގެ ތަފާތުން ކުރީގައި އުޅުއްވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއެވެ. އެއީ ވޯޓުލި މީހުންގެ ގާތްގަނޑަކަށް 60 އިންސައްތަ މީހުންގެ ވޯޓުންނެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލިސް ވަޓްސްއެޕް ގްރޫޕެއްގައި ނަޝީދު ވިދާޅުވީ, ގިނަ ފޮށިތަކުން އެމަނިކުފާނު އުޅުއްވަނީ ކުރީގައި ކަމަށާއި ބޮޑު ފަރަގެއް ފެންނަން ހުރީ މަދު ފޮއްޓަކުން ކަމަށެވެ.

"ވަރަށް ގިނަ ނަތީޖާ ޝީޓްގައި ވޯޓް ހައްގުވާ އަދަދަށްވުރެ ވޯޓް ދިން އަދަދު އިތުރު," ނަޝީދު ވިދާޅުވެފައިވެއެވެ.

ނަތީޖާ ޝީޓްގައި ޖަހާފައިވާ އޮންނަ ޖުމްލަ ވޯޓުލެވޭ މީހުންގެ އަދަދަށްވުރެ ގިނަ މީހުން ބައެއް ވޯޓު ފޮށިތަކަށް ވޯޓުލާފައިވާކަން ފާހަގަކޮށް ނަޝީދު ވިދާޅުވީ, އެ ޝީޓްތައް ބާތިލް ވާނެ ކަމަށެވެ.

"ވަރަށް ގިނަ ފޮށި ބާތިލް," ނަޝީދު ވިދާޅުވެފައިވެއެވެ.

އެކަމާ ގުޅިގެން ނަޝީދުގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ, ކެމްޕޭން ޓީމުން މިދަނީ ނަތީޖާ ޝީޓްތައް ބަލަމުން ކަމަށާއި ގިނަ ފޮށިތަކުގެ ނަތީޖާއިން ނަޝީދު އުޅުއްވަނީ ކުރީގައި ކަމަށެވެ.

comment ކޮމެންޓް