އެމްޓީޑީން ރައީސް ޞާލިޙަށް މަރުހަބާ ކިޔައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު---

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވުމާ ގުޅިގެން މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)އިން އެމަނިކުފާނަށް މަރުހަބާ ކިޔައިފިއެވެ.

ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބުގެ ޕާޓީ، އެމްޓީޑީއިން މިރޭ ކޮށްފައިވާ ޓްވީޓެއްގައި ބުނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްް ރައީސް ޞާލިޙަށް މަރުހަބާ ކިޔާ ކަމަށެވެ.

"ރައީސް ޞާލިޙު ދިވެހިރާއްޖެއަށް ގެނެސްދެއްވި ހަމަޖެހުމާއި، ސުލްހަ މަސަލަސްކަމާއި ކޮވިޑްގެ ވަބާއިން ދިވެހި ގައުމު ސަލާމަތްކޮށް ދެއްވި ހިކުމަތްތެރިކަން ދިވެހި ރައްޔިތުން ބަލައިގެންފި،" ޓްވީޓްގައިވެއެވެ.

މިހާތަނަށް ލިބިފައިވާ ނަތީޖާތައް ދައްކާގޮތުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ޞާލިޙް ކާމިޔާބު ކުރައްވާފައިވަނީ ބޮޑު ތަފާތަކުންނެވެ.

އެޕާޓީގެ ރިޔާސީ ޕްރައިމަރީގެ ދެބައިކުޅައެއްބަޔަށް ވުރެ ގިނަ ވޯޓު ގުނާފައިވާއިރު މިހާތަނަށް ޖުމްލަ 18،810 ވޯޓާއެކު 63 އިންސައްތަ ވޯޓު ރައީސް ޞާލިޙް ވަނީ ކާމިޔާބު ކުރައްވާފައެވެ. އަދި، 11،173 ވޯޓާއެކު އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންފައި ވަނީ 37 އިންސައްތައެވެ.

މިއަދު ކުރިއަށްދިޔަ ވާދަވެރި ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު 57،255 މީހުންނަށް ލިބިފައިވާއިރު އޭގެ ތެރެއިން ވޯޓު ލާފައިވަނީ 30،000 އެއްހާ މެންބަރުންނެވެ.

މިއަދު ހެނދުނު 9:00ގައި ވޯޓު ލާން ފެށިއިރު ގިނަ ވޯޓު ފޮށިތަކުގެ ވޯޓުލުން ވަނީ 5:00އަށް ނިންމާލައިފައެވެ. އެކަމަކު، ވޯޓުލުން ކުރިއަށް ދިޔައިރު ވަނީ ގިނަ ހަމަނުޖެހުންތަކެއް ހިނގާ، ބޮޑެތި ތުހުމަތުތަކެއް އަމާޒުކޮށްފައެވެ.

comment ކޮމެންޓް