ޙައިޟާއި ނިފާސް ނިމި ހިނައިގަތުމުގެ ކުރިން

ފޮޓޯ/ ހައިމަގް.ކޮމް

ޙައިޟާ ގުޅޭ މައިގަނޑު ޙުކުމްތައް ޤުރުއާނާއި ސުންނަތުގައި އައިސްފައިވެއެވެ. އަދި އެކަމާ ގުޅޭ އެހެނިހެން ބައެއް ޙުކުމްތައް، ޝަރީޢަތުގެ މަޞްދަރުތަކުގެ އަލީގައި ޢިލްމުވެރިން ބަޔާންކޮށްދެއްވައެވެ. ޙައިޟާ ގުޅިގެން އަންނަ ހުރިހާ ޙުކުމެއް ގުޅެނީ ހަމައެކަނި، ޙައިޟުވެފައިވާ އަންހެނާއަކާނޫނެވެ. މިސާލަކަށް ބަލާއިރު، އަނބިމީހާ ޙައިޟުގެ ހާލަތުގައި ވަނިކޮށް އޭނާއާ އެއްދާން ކުރުމަކީ ފިރިމީހާއަށް ޙަރާމް ކަމެކެވެ.(ބަޤަރާ: 222) ހަމަ މިގޮތަށް ޙައިޟުގެ ހާލަތުގައިވާ އަނބިމީހާ ވަރިކުރުމަކީ ޙަރާމް ކަމެކެވެ.(ޠަލާޤު: 1) އެފަދަ ވަރި ވަރިއަކަށްވިޔަސް އެއީ ބިދުޢީ ވަރިއެކެވެ.

ޙައިޟާއި ނިފާސްގެ ލޭ މަނާވުމުން ހިނައިގަތުމުގެ ކުރީން އެއްދާންކުރުން ހުއްދަވާނެތޯ މިއީ ކުރެވޭ ސުވާލެކެވެ. މީގެ ޖަވާބު ތިރީގައި އެވަނީއެވެ.

ޖުމްހޫރު ޢިލްމުވެރިން (މާލިކީންނާއި ޝާފިޢީންނާއި އަދި ޙަންބަލީން): ޙައިޟުވެފައިވާ އަންހެނާ އެކަމުން ނިމި ތާހިރުވެއްޖައުމަށްދާންދެން (އެބަހީ: ލޭ އައުން ހުއްޓުމުން ހިނައިގެންފުމަށްދާންދެން) ، އޭނާއާއެކު ވަޠުއު ކުރުން (ޖިމާޢުވުން) ހުއްދައެއްނުވާނެއެވެ. އެހެނީ ޙައިޟުވި އަންހެނާއާ ޖިމާޢުވުމަށްޓަކައި، ދެކަމެއް ޝަރުޠުކުރައްވާފައިވެއެވެ. އެއީ: ލޭއައުން ހުއްޓުމާއި ހިނައިގަތުމެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. وَلَا تَقْرَبُوهُنَّ حَتَّى يَطْهُرْنَ (ބަޤަރާ: 222) "ލޭއައުން ހުއްޓިއްޖައުމަށްދާންދެން އެކަނބަލުންނާ ގާތްނުވާށެވެ! (އެބަހީ: ޖިމާޢުނުވާށެވެ!)" އަދި فَإِذَا تَطَهَّرْنَ فَأْتُوهُنَّ (ބަޤަރާ: 222) "އެކަނބަލުން ހިނައި (އެބަހީ: ފެންވަރައި) ޠާހިރުވެއްޖެނަމަ، އެކަނބަލުން ގާތަށް ދާށެވެ! (އެބަހީ: ޖިމާޢުވުން ހުއްދައެވެ.)" މިއެވެ. ޙައިޟުވެރިޔާ އެކަމުން ނިމި ހިނައި ތާހިރުވުމުންނޫނީ އެއްދާންކުރުން ހުއްދަނުވާނެކަން މިއާޔަތުން ސާފުކޮށް އެނގެއެވެ.

ޙަނަފީ މަޛުހަބު: މި މަޛުހަބުގައިވާ ގޮތުން ޙައިޟުގެ އެންމެ ދިގު މުއްދަތަކީ ދިހަ ދުވަހެވެ. މި މުއްދަތު ހަމަވި ފަހުން ލޭއައުން ހުއްޓުނުނަމަ، އެހާލަތުގައި ހިނައިނުގަނެ ޖިމާޢުވުން ހުއްދަވާނެއެވެ. އެހެންނަމަވެސް އެހާލަތުގައިވެސް މުސްތަޙައްބުވެގެންވަނީ ހިނައިގެންފުމަށްދާންދެން ޖިމާޢުނުވުމެވެ. ނަމަވެސް އެންމެ ދިގު މުއްދަތުކަމުގައިވާ ދިހަ ދުވަސް ހަމަނުވަނީ ލޭ އައުން ހުއްޓުނުނަމަ، އެހާލަތުގައި ހިނައިގަތުމަކާނުލައި ޖިމާޢުވުން ހުއްދައެއްނުވާނެއެވެ. އަބޫ ޙަނީފާ ވިދާޅުވާ ގޮތުގައި އާޔަތުގެ މިބައި وَلَا تَقْرَبُوهُنَّ حَتَّى يَطْهُرْنَ ގައި އަންގަވާފައި އެވަނީ ލޭ އައުން ހުއްޓިއްޖައުމަށްދާންދެން އެކަނބަލުންނާ ޖިމާޢުނުވުމަށެވެ. ވީމާ ލޭ އައުން ހުއްޓުމުން ޖިމާޢުވުން ހުއްދަވާނެއެވެ. ނަމަވެސް އެއީ ކުރިން ބުނެފައިވާފަދައިން، ޙައިޟުގެ އެންމެ ދިގު މުއްދަތު ހަމަވިފަހުން ލޭ އައުން ހުއްޓުނު ނަމައެވެ. އަބޫޙަނީފާގެ މި ރައުޔަށް ދައްކަވާފައިވާ ޙުއްޖަތްތަކަށް ޖުމްހޫރުން ޖަވާބު ދެއްވާފައިވެއެވެ. އަދި މި ދެފަރާތުގެ ދަލީލުތަކާއި މުނާޤަޝާތަކަށް ބަލާއިރު އެންމެ ރަނގަޅުކަމަށް ބުރަވެވެނީ ޖުމްހޫރުންގެ ރައުޔަށެވެ.

ޙައިޟުގެ ހާލަތުގައި ވަނިކޮށް ނުވަތަ ޙައިޟުގެ ލޭ ހުއްޓުމަށްފަހު ހިނައިގަތުމުގެ ކުރިން އެއްދާންކުރެވުނުނަމަ ހަދާނީ ކިހިނެއްހެއްޔެވެ؟

ޙައިޟުގެ ހާލަތުގައިވަނިކޮށް އެއްދާންކުރުމަކީ ޙަރާމްކަމެއްކަން އިސްވެ ބަޔާންކުރެވިއްޖެއެވެ. އެހެންކަމުން، އެހާލަތުގައި ވަނިކޮށް އަނބިމީހާއާ އެއްދާންކޮށްފިނަމަ އެއީ ފާފަވެރިވާނޭކަމެކެވެ. އިބުނު ޢައްބާސްގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. "ޙައިޟުގެ ހާލަތުގައިވާ އަނބިމީހާއާ އެއްދާންކޮށްފިމީހާ (އެކަމުގެ ކައްފާރާއެއްގެ ގޮތުގައި) ދީނާރެއް ނުވަތަ ބައިދީނާރު ޞަދަޤާތް ކުރާހުށިކަމެވެ."(އަބޫދާއޫދު: 264 ، އިބުނު މާޖާ: 640)

އިބުނު ޤުދާމާ ވިދާޅުވާގޮތުގައި މި ކައްފާރާ ދިނުމުގައި އިޚްތިޔާރު ލިބިގެން ވެއެވެ. ބޭނުންނަމަ ދީނާރެއް ނުވަތަ ބައިދީނާރުވެސް ޞަދަޤާތް ކުރެވިދާނެއެވެ. އެހެން ބުނުމެއްގައިވާގޮތުން؛ އެއްދާން ކުރިއިރު އަންނަ ލޭ ރަތްކުލައިގައި (އެއީ ޙައިޟު ފެށޭކޮޅުގައި އަންނަ ލޭ) ހުރިނަމަ ދޭންޖެހޭނީ ދީނާރެކެވެ. އަދި އެވަގުތު އަންނަ ލޭ ރީނދޫކުލައިގައި (އެއީ ޙައިޟު ނިމޭކޮޅުގައި އަންނަ ލޭ) ހުރިނަމަ ދޭންޖެހޭނީ ބައިދީނާރެވެ. މީގެތެރެއިން އެންމެ ރަނގަޅުކަމަށް ޢިލްމުވެރިން ބުރަވަނީ ފުރަތަމަ ބުނި ފަދައިން އެކަމުގައި އިޚްތިޔާރު އޮތްކަމަށް ބުނާ ބުނުމަށެވެ.

މި މައްސަލައާމެދު ޖުމްހޫރު ޢިލްމުވެރިން ވިދާޅުވާގޮތުގައި، ޙައިޟުގެ ހާލަތުގައިވާ އަނބިމީހާއާ ވަޠުއުކޮށްފިނަމަ އެމީހަކު ތައުބާވެ ފާފަ ފުއްސެވުމަށް އެދޭނީއެވެ. ކައްފާރާ ދިނުން ވާޖިބެއް ނުވާނެއެވެ.


ނިފާސް އާއި އިސްތިޙާޟާގެ ހާލަތުގައި އެއްދާންކުރުން

ނިފާސްގެ ޙުކުމަކީވެސް ހަމަ ޙައިޟުގެ ޙުކުމްކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. އެހެންކަމުން، ޙައިޟުގެ ހާލަތުގައި އެއްދާންކުރުމުގެ ހުރިހާ ޙުކުމެއް ނިފާސްގެ ހާލަތުގައި އެއްދާންކުރުމަށްވެސް އަންނާނެއެވެ. ނަމަވެސް އިސްތިޙާޟާގެ ހާލަތުގައި އެއްދާންކުރުމަކީ އިސްލާމީ ޝަރީޢަތުގައި ހުއްދަކަމެކެވެ. އަލްއިމާމުއްޝައުކާނީ ވިދާޅުވާގޮތުގައި؛ 'އިސްތިޙާޟާގެ ލޭ އައިސްއައިސް ހުއްޓަސް، އެއްދާންކުރުމަކީ ހުއްދަ ކަމެކެވެ. މިއީ ޖުމްހޫރު ޢިލްމުވެރިންގެ ރައުޔެވެ.' ކަން މިހެން އޮތްނަމަވެސް، އިސްތިޙާޟާގެ ހާލަތުގައި ވަނިކޮށް އެއްދާންކުރުމުން ސިއްހީ މައްސަލައެއް ކުރިމަތިވާނަމަ އެކަން ކޮށްގެން ނުވާނެއެވެ. އެފަދަ ހާލަތުގައި ފުރަތަމަ ޖެހޭނީ ސިއްހީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް