މާދަމާގެ ވޯޓު ގަޑުބަޑު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރޭ، އެ ފުރުސަތެއް ނުދޭނަން: ހަސަން ލަތީފް

ރައީސް ނަޝީދުގެ އިންތިޚާބު އޭޖެންޓް ހަސަން ލަތީފް ----

މާދަމާ ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ އިންތިޚާބު ގަޑުބަޑު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށާއި ނަމަވެސް އެ ފުރުސަތެއް ނުދެއްވާނެ ކަމަށް އެ ޕާޓީގައި ޕްރައިމެރީގައި ވާދަކުރައްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އިންތިޚާބު އޭޖެންޓް ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.

މާދަމާ ބާއްވާ އިންތިޚާބުގެ އިންސާފުވެރިކަން ކަށަވަރުކުރުމާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ، އިންތިޚާބުގައި ދެން ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މާދަމާގެ ވޯޓު ކާމިޔާބު ނުވާނެ ކަން އެމަނިކުފާނުގެ ޓީމަށް އެނގިލައްވާ ކަމަށެވެ.

އޭގެ ސަބަބުން އެކި ގޮތް ގޮތަށް މާދަމާގެ އިންތިހާބަށް ނުފޫޒު ފޯރުވައި، ވޯޓު އޮޅުވާލުމަށް ރައީސް ޞާލިޙުގެ ޓީމުން މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ލިބޭ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

"ފުރަތަމަ ކަމަކަށް އެމްޑީޕީގެ ގައުމީ މަޖިލީހުން އިންތިހާބާ ބެހޭ ކޮމިޓީ އެކުލަވާލި ގޮތުން އިންތިހާބުގެ އިންސާފުވެރި ވާނެ ކަމާ މެދު ސުވާލު އުފެދޭ. އޭގެ އިތުރަށް އިންތިހާބު އޮޅުވާލުމަށް ބައިވަރު މަސައްކަތް އެބަ ކުރޭ. އެކަމަށް ވަރަށް ބޮޑަށް އެބަ ސަމާލުވަން،" އޭނާ ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވި ގޮތުގައި އިންތިޚާބާ ދިމާކޮށް ޕާޓީގެ ދަފްތަރުން 39،000 މެމްބަރުން ވަކި ކޮށްފައި ވަނީ ވެސް އިންތިޚާބު ގަޑުބަޑު ކުރުމުގެ ބޭނުމުގައެވެ. އެކަން ކުރީވެސް ނުރަގަނޅު ނިޔަތެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ ތެރޭގައި ހިމެނޭ ރައީސް ޞާލިޙަށް ތާއީދު ކުރާ މީހުންނަށް އިންތިޚާބުގައި ވޯޓުލެވޭނެ ގޮތް ހަދައިދޭނެ ކަމަށް ބުނެ އެ މީހުންނަށް ރައީސް ޞާލިޙުގެ ޓީމުން ގުޅަމުންދާ ކަމުގެ މައުލޫމާތު ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ މާދަމާ ރައީސް ޞާލިޙުގެ ޓީމުން ކުރާނެ ކަމަށް ޝައްކު ކުރެވޭ އިތުރު ބައިވަރު ކަންކަން އެބަހުރި ކަމަށެވެ.

އެގޮތުން ޑަބަލް ވޯޓިންގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް އިންތިޚާބުގައި ވާދަކުރާ އިދިކޮޅު ޓީމުން ކުރާ ކަމުގެ މައުލޫމާތު ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މާލޭގެ އެއް މަރުކަޒަކަށް ވޯޓު ލާފަ، އަނެއްކާ އެމީހަކު ނިސްބަތްވާ ރަށަށް ގެންގޮސް ވޯޓު ލުމުގެ އިންތިޒާމު އިދިކޮޅުން ހަމަޖައްސާ ކަމަށް މައުލޫމާތު ލިބޭ. އެކަމު އެ ހިޔާލުވެސް ކުރާނެ ކަމެއް ނެތް. ބޭކާރު ގޮތުގައި މީހުން ރަށްތަކަށް ގެންދިއުމަށް ބޮޑު އަގު ދީގެން ލޯންޗުތައް ހިފާނެ ކަމެއް ވެސް ނެތް. އެކަން ވިޔަކަ ނުދޭނަން،" އޭނާ ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ ރައީސް ނަޝީދުގެ މަންދޫބުންނާއި މޮނީޓަރުން ވޯޓު ފޮށި ބެހެއްޓިފައި ހުރި ކޮންމެ ސަރަހައްދެއްގައި ވެސް ހުންނާނެ ކަމަށެވެ. އަދި އިދިކޮޅުން ކުރަން އުޅޭ އެއްވެސް ކަމެއް އެއްވެސް ހާލަތެއްގައި ވިޔަ ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ވޯޓު ލާން ފަށާ ގަޑިން ފެށިގެން ނިމެންދެން އިންތިޚާބު ކުރިއަށްދާ ގޮތުގެ ހުރިހާ ކަމެއް ރައީސް ނަޝީދުގެ މަންދޫބުން ވަރަށް ގާތުން ބަލަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރު ވަޒީފާތަކުގައި ތިބި މީހުންނަށް ބިރު ދައްކައިގެން ރައީސް ނަޝީދަށް ވޯޓު ނުދިނުމަށް އަންގަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާދަމާގެ އިންތިޚާބު ކާމިޔާބު ކުރާނީ ރައީސް ނަޝީދު ކަމަށާއި އެކަން ޔަގީން ވެގެން ރައީސް ޞާލިޙުގެ ޓީމުން އިންތިޚާބު ގަޑުބަޑު ކުރުމަށް ކުރަމުންދާ އެއްވެސް ކަމެއް ހާސިލް ވިޔަކަ ނުދޭނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

އިންތިޚާބު ނާކާމިޔާބު ވާނެ ހާލަތަކަށް ނުވިސްނަން ކަމަށާއި މާދަމާގެ އިންތިޚާބުގެ ހުރިހާ ކަމެއް މިނިވަންކަމާއި އިންސާފުވެރިކަމާއެކު ދާނެކަން ކަށަވަރުކުރުމަށް ރައީސް ނަޝީދުގެ ޓީމުން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމެރީގެ ވޯޓުލުން މާދަމާ އޮންނައިރު ރައީސް ނަޝީދުގެ ޓީމުން މީގެ ކުރިންވެސް ވަނީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ރައީސް ޞާލިޙުގެ ޓީމުން އުޅުއްވާކަމަށް ތުހުމަތުތައް ކޮށްފައެވެ.

comment ކޮމެންޓް