ހިޔާ ޓަވަރުގައި ގާއިމްކުރި ޖެނެރަލް ޕްރެކްޓިސް ކްލިނިކް ހުޅުވައިފި

ޖެނެރަލް ޕްރެކްޓިކްސް ކްލިނިކް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހުޅުއްވައިދެއްވަނީ / ފޮޓޯ: ރައީސް އޮފީސް

ހުޅުމާލެ ހޮސްޕިޓަލުން ހިޔާގެ 16 ވަނަ ޓަވަރުގައި ގާއިމްކުރި ޖެނެރަލް ޕްރެކްޓިކްސް ކްލިނިކް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

މި ކްލިނިކް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގައެވެ. ކްލިނިކް ހުޅުއްވައި ދެއްވުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކްލިނިކްގެ ޔުނިޓްތައް ބައްލަވާލައްވައި އެ ތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތައް އޮޅުންފިލުއްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ، ސިއްހީ ޚިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށާއި، ހުޅުމާލެ ޖެނެރަލް ޕްރެކްޓިކްސް ކްލިނިކް ހުޅުވުމަކީ ހިޔާގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ލުއިފަސޭހައެއް ކަމަށެވެ. އަދި، ހިޔާގެ ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ އިތުރު ޚިދުމަތްތައްވެސް މިސަރުކާރުން ތަރައްގީކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، ހޮސްޕިޓަލްތަކަށް ފަރުވާ ހޯދުމަށްދާ ގިނަ މީހުންނަކީ އާންމު ޑޮކްޓަރުންނަށް ދައްކަންދާ މީހުންކަން ފާހަގަކުރައްވައި، މިއަދު މި ހުޅުވި ކްލިނިކްގެ ސަބަބުން ހިޔާގައި ދިރިއުޅޭ ބޮޑު އާބާދީއަށް އެތައް ގޮތަކުން ފަސޭހަތައް ލިބޭނެކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ސަރުކާރުން ސިއްހީ ދާއިރާއަށް ކުރާ ހޭދަ އިތުރުކޮށް، ސަރަހައްދީ ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް ތަރައްގީކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

މި ކްލިނިކް ހުޅުވީ ހިޔާގެ 16 ވަނަ ޓަވަރުގެ ގްރައުންޑް ފްލޯ ގައެވެ. މިތަނުން އާންމު ބަލިތަކުގެ ޑޮކްޓަރުން ބަލިމީހުން ބަލައި ފަރުވާ ދޭނެއެވެ. އަދި، މި ކްލިނިކުން ލެބޯޓްރީގެ ޚިދުމަތާއި، ބޭސްއެޅުމާއި، އިންޖެކްޝަން ޖެހުން އަދި ނެބިއުލައިޒް ކުރުމާއި، އީސީޖީ ހެދުން އަދި ކުޑަކުދިންގެ ހެދިބޮޑުވުން ބެލުމާއި ވެކްސިންޖެހުމުގެ ޚިދުމަތްވެސް ލިބޭނެއެވެ.

މި ކްލިނިކުގައި އެސްޓީއޯގެ ބޭސްފިހާރައެއްވެސް ވަނީ ގާއިމްކޮށްފައެވެ. ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ހަވީރު 17:00 އަށް މި ކްލިނިކުން ޚިދުމަތް ދޭނެއެވެ.

comment ކޮމެންޓް