ޕީއެސްއެމްއިން މީހަކަށް 3.3 މިލިއަން ރުފިޔާ ދޭން ކުރި ހުކުމް ސުޕްރީމް ކޯޓަށް

ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑު ހިންގާ އިމާރާތް: އެތަނުގައި ކުރި މަސައްކަތަށް އަމިއްލަ ފަރާތަކަށް 3.3 މިލިއަން ރުފިޔާ ދިނުމަށް ވަނީ ހުކުމް ކޮށްފަ --- ފޮޓޯ: ޕީއެސްއެމް

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ރޭޑިއޯ ބިލްޑިން އިމާރާތުގައި ކުންފުންޏަކުން ކޮށްދީފައިވާ މަސައްކަތަކަށް 3.3 މިލިއަން ރުފިޔާ ދެއްކުމަށް ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.

ހުޅުމާލެ ފްލެޓް 02-2-111 ޔާސިރާ ޔޫސުފް ޕީއެސްއެމާ ދެކޮޅަށް ދައުވާކުރީ އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ޖޭއެމްޖޭ އިންވެސްޓްމަންޓުން ޕީއެސްއެމްގެ ރޭޑިއޯ އިމާރާތުގައި ކޮށްފައިވާ މަސައްކަތަށް ލިބެންޖެހޭ 3.3 މިލިއަން ރުފިޔާ ހޯދުމަށް އެދި ފޮނުވި އިންވޮއިސްތަކަށް ފައިސާ ދީފައިނުވާކަމަށް ބުނެއެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ ޕީއެސްއެމްއިން އެ ފައިސާ ޔާސިރާ ޔޫސުފަށް ދޭން ޖެހޭނެ ކަމަށެވެ. ސިވިލް ކޯޓުގެ ހުކުމަށް ހައި ކޯޓުން ވެސް ވަނީ ތާއީދުކޮށްފައެވެ.

ހައި ކޯޓުގެ ހުކުމް ޕީއެސްއެމްގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން އަދި އެ މައްސަލަ ބަލައިގަނެފައިވާކަމެއް ކަށަވަރުނުވެއެވެ.

އެ ދައުވާއަށް ޖަވާބުދާރީވަމުން ޕީއެސްއެމްއިން މީގެ ކުރިން ބުނެފައިވަނީ އިންވޮއިސްތަކުގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ކޮށްފައިވާ ކަމަށާއި ނަމަވެސް އެ މަސައްކަތްތަކަކީ ޖީއެމްޖޭއާ ހަވާލު ކޮށްގެން ކޮށްފައިވާ މަސައްކަތްތަކެއްކަން ޕީއެސްއެމްގެ އެއްވެސް ލިޔެކިޔުމަކުން ފެންނަން ނެތް ކަމަށެވެ. އަދި ދައުވާއާ އެކު ހުށަހެޅި އިންވޮއިސްތަކަކީ އެފަދަ މަސައްކަތްތަކަށް އެކަށީގެންވާ އަގެއް ނޫންކަމަށްވެސް ޕީއެސްއެމްއިން ވަނީ ޝަރީއަތުގެ މަޖިލީހުގައި ބުނެފައެވެ.

އެ މަސައްކަތަކީ ޖީއެމްޖޭއާ ހަވާލުކޮށްގެން ކޮށްފައިވާ މަސައްކަތެއްކަން ޝަރީއަތަށް ސާބިތުވެއްޖެނަމަ ދެ ފަރާތުންވެސް އެއްބަސްވާ އެކަށީގެންވާ އަގެއް ކަނޑައަޅައި އެ އަގެއް ދޭނެކަމަށް ޕީއެސްއެމްއިން ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވެއެވެ.

އެ ކުންފުނިން ޕީއެސްއެމްގެ ރޭޑިއޯ ބިލްޑިންގައި މަސައްކަތްކޮށްފައިވާ ކަމަށް، ދައުވާ ސާބިތުކުރަން ޖޭއެމްޖޭއިން ހުށަހެޅި ދެ ހެކީން ހެކިބަސްދެމުން ވަނީ ބުނެފައެވެ.

އެ ދެ ހެކީން ހެކިބަސްދިނުމާއެކު ޕީއެސްއެމްއިން ބުނީ ޖޭއެމްޖޭއިން ރޭޑިއޯ ބިލްޑިންގައި މަސައްކަތްކޮށްފައިވާކަމަށް މިހާރު ގަބޫލުކުރާ ކަމަށާއި ޚިލާފު އުފެދެނީ މަސައްކަތުގެ އަގާ މެދުގައި ކަމަށެވެ.

އެހެންކަމުން ހެކީންގެ ހެކިބަހުންނާއި ޕީއެސްއެމްގެ ބަހުން ޖޭއެމްޖޭއިން ރޭޑިއޯ ބިލްޑިންގައި މަސައްކަތްކުރިކަން ސާބިތުވާ ކަމަށް ސިވިލް ކޯޓުން މީގެ ކުރިން ހުކުމް ކޮށްފައިވެއެވެ.

އެ ހުކުމުގައި ބުނެފައިވަނީ އިމާރާތެއްގެ އެތެރޭގައި މަރާމާތުކުރުމުގެ ބޮޑު މަސައްކަތެއް ކުރެވޭނީ އިމާރާތާ ހަވާލުވެ ހުރި ފަރާތްތަކުގެ އެއްބަސްވުމާ އެކުގައި ކަމަށެވެ. އަދި އެފަދަ ކަމެއް އަގަކާ ނުލައި ކުރުމަކީ ނާދިރު ކަމެއް ކަމަށް ވެސް އެ ހުކުމްގައިވެއެވެ.

އެ މައްސަލައިގައި 2021 ވަނަ އަހަރުގެ އޮކްޓޯބަރު 31 ވަނަ ދުވަހު ސިވިލް ކޯޓުން ހުކުމްކުރީ ކޮންމެ މަހަކު ވެސް އެ މަހަކަށްޖެހޭ ވަރު ދައްކައި ހަތަރު މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ޚަލާސްކުރުމަށެވެ.

comment ކޮމެންޓް