ފުރަތަމަ 23 ދުވަހުގެ ތެރޭގައި އެއްލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް

ޓޫރިސްޓުންތަކެއް ފްލައިޓަކުން ފައިބަނީ: މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރާ އަޅާ ބަލާއިރު އިތުރު --- ސަން ފައިލް ފޮޓޯ

މި އަހަރުގެ ފުރަތަމަ 23 ދުވަހުން ރާއްޖެއަށް އެއްލައްކަ ވިހިހާހަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެގޮތުން އެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް ފުރަތަމަ 23 ދުވަހު އައިސްފައިވަނީ 122،186 ފަތުރުވެރިންނެވެ. މިއީ ނިމިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 29 އިންސައްތައިގެ ކުރިއެރުމެކެވެ. މި އަހަރުގެ މި މުއްދަތުގައި ނިމިދިޔަ އަހަރަށް ވުރެ 27،000 އަށް ވުރެ ގިނަ މީހުން އައިސްފައިވާއިރު، ނިމިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައީ 94،618 ފަތުރުވެރިންނެވެ.

ދެހާސް އެކާވީސް ވަނަ އަހަރު ރާއްޖެއަށް މި މުއްދަތުގައި އައިސްފައިވަނީ 92،103 ފަތުރުވެރިންނެވެ. އެހެން ކަމުން މި އަހަރުގެ މިހާތަނަށް މިއީ 2021 ވަނަ އަހަރާ އަޅާބަލާއިރު ގާތްގަޑަކަށް 31 އިންސައްތައިގެ ކުރިއެރުމެކެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. މިއީ ރާއްޖޭޭގެ މާކެޓުގެ 14.4 އިންސައްތަ ފަތުރުވެރިންނެވެ. އެގޮތުން ރަޝިޔާއިން ރާއްޖެއަށް ސަތާރަ ހާހަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، ދެވަނައަށް އެންމެ ގިނައިން އައިސްފައިވަނީ އިޓަލީގެ ފަތުރުވެރިންނެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ގައުމުތައް:

1- ރަޝިޔާ: 17،600

2- އިޓަލީ: 12،325

3- އިންޑިޔާ: 11،918

4- އިނގިރޭސިވިލާތް: 10،025

5- ޖަރުމަނު: 7،327

މީގެ އިތުރުން، ކޮވިޑްގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ޗައިނާ ވަނީ ގަދަ ދިހައިގެ ހަތްވަނަ އަށް ޖެހިލައިފައެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ޗައިނާ މާކެޓުން ރާއްޖެއަށް އައީ 2،727 ފަތުރުވެރިންނެވެ. އެއީ މާކެޓުގެ 2.2 އިންސައްތައެވެ.

ޗައިނާ މާކެޓަށް ބަލާއިރު، ގާތްގަޑަކަށް ތިން އަހަރުގެ ހުއްޓުމަކަށް ފަހު ޗައިނާ މާކެޓުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށީ ނިމިދިޔަ ހަފުތާގެ ތެރޭގައެވެ. އެގޮތުން ޗައިނާ މާކެޓުން ރާއްޖެއަށް އައި ފުރަތަމަ ފްލައިޓުން 198 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ.

ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިން އެވްރެޖްގޮތެއްގައި މަޑުކުރަނީ 8.2 ދުވަހުއެވެ. ނަމަވެސް ޗައިނާ މާކެޓު އިތުރަށް ފުޅާވެ، ޗައިނާގެ ގިނަ ފަތުރުވެރިން ރާއްޖެއަށް އަންނަން ފެށުމުން މި އަދަދު ދަށް ވާނެ ކަމުގައި ޓޫރިޒަމް މިނިސްޓްރީ އިން ދެކެއެވެ.

މި އަހަރުގެ މިހާތަނަށް އައިއިރު ރާއްޖޭގައި 168 ރިސޯޓެއްގެ 41،049 އެނދު ދަނީ ބޭނުން ކުރަމުންނެވެ. މީގެ އިތުރުން 13 ހޮޓަލެއްގެ 1،640 އެނދު، 874 ގެސްޓް ހައުސެއްގެ 14،146 އެނދު އަދި 157 ސަފާރީ އަކުން 2،901 އެނދު ދަނީ އޮޕަރޭޝަނުގައި ބޭނުން ކުރަމުންނެވެ.

comment ކޮމެންޓް